Roadha Mihaaru
ނަޝީދުގެ ފުރާނަ ސަލާމަތްކުރަން ޑޮކްޓަރުންގެ ގުރުބާނީ

ނަޝީދުުގެ ފުރާނަ ސަލާމަތްކުރަން އޭޑީކޭ ޑޮކްޓަރުން ބޮޑު ގުރުބާނީއެއް

08 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު މުޅި ގައުމުގެ ސަމާލުކަން ހުއްޓިފައި އޮތީ އެ މަނިކުފާނުގެ ހާލުކޮޅަށެވެ. ނަޝީދު ހިންގަވާފައި ވަޑައިގަންނަވަނިކޮށް ސައިކަލެއްގައި ހަރުކޮށް ގޮއްވާލި އައިއީޑީއާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގައި ވަގުތުން ފަރުވާ ދޭން ފަށައި، އޮޕަރޭޝަންތަކެއް ކުރި އެވެ. އޮޕަރޭޝަނަށް ފަހު މިހާރު އެމަނިކުފާނުގެ ހާލު ރަނގަޅު ވަމުން އަންނައިރު، ފުރާނަ ސަލާމަތް ކުރަން 16 ގަޑިއިރު ވަންދެން އޭޑީކޭގެ ޑޮކްޓަރުން ހުއްޓުމެއް ނެތި، ކުރީ އުނދަގޫ އަދި ބޮޑު މަސައްކަތެކެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު މުޅި ގައުމުގެ ސަމާލުކަން ހުއްޓިފައި އޮތީ އެ މަނިކުފާނުގެ ހާލުކޮޅަށެވެ. ނަޝީދު ހިންގަވާފައި ވަޑައިގަންނަވަނިކޮށް ސައިކަލެއްގައި ހަރުކޮށް ގޮއްވާލި އައިއީޑީއާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގައި ވަގުތުން ފަރުވާ ދޭން ފަށައި، އޮޕަރޭޝަންތަކެއް ކުރި އެވެ. އޮޕަރޭޝަނަށް ފަހު މިހާރު އެމަނިކުފާނުގެ ހާލު ރަނގަޅު ވަމުން އަންނައިރު، ފުރާނަ ސަލާމަތް ކުރަން 16 ގަޑިއިރު ވަންދެން އޭޑީކޭގެ ޑޮކްޓަރުން ހުއްޓުމެއް ނެތި، ކުރީ އުނދަގޫ އަދި ބޮޑު މަސައްކަތެކެވެ.

ނަޝީދަށް ފަރުވާ ދިން އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑޮކްޓަރުން ވަނީ ނަޝީދު ހޮސްޕިޓަލަށް ގެންދިއުމަށް ފަހު، ފަރުވާ ދިނުމުގައި އަމަލުކުރި ގޮތް ތަފްސީލުކޮށް ވިދާޅުވެފަ އެވެ. އެކަން ކުރީ ނަޝީދުގެ އާއިލާ އާއި އެ މަނިކުފާނުގެ ހުއްދައާ ވެސް އެކު އެވެ.

ނަޝީދު ހޮސްޕިޓަލަށް ގެންދިއުމާ އެކު، އިމަޖެންސީ ރޫމުން އެންމެ ފުރަތަމަ އެ މަނިކުފާނު ބެއްލެވީ ހޭނެއްތުމުގެ ހާއްސަ ޑޮކްޓަރު، ދުސޫމާ އަބްދުއްރައްޒާގެވެ. އޭނާ ވިދާޅުވި ގޮތުގައި ނަޝީދު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ރަނގަޅަށް ހަރަކާތް ކުރައްވައި އަދި ޖަވާބު ދެއްވަ އެވެ. އެ މަނިކުފާނުގެ ހަށިކޮޅުން އޭރު ގިނަ އަދަދަކަށް ލޭފައިބަމުން ދިއުމުން ވަގުތުން އޮޕަރޭޝަން ތިއޭޓަރަށް ގެންދިޔަ އެވެ.

ވަގުތީ ގޮތުން ލޭ މަނާކޮށް، ނަޝީދުގެ ހަށިކޮޅުގެ ސީޓީ ސްކޭން ހެދުމުން ނަޝީދުގެ ހަށިކޮޅުގެ އެތެރޭގައި ދަގަނޑު ރޭޒާ ފުއްތައް ހުރި ކަމަށް ފާހަގަ ކުރެވުނެވެ. ޑޮކްޓަރުން އެންމެ ކަންބޮޑުވީ ނަޝީދުގެ ފުއްޕާމެއާ ދިމާލުގައި ރޭޒާ ފުކެއް ތާށިވެފައި އޮތުމުންނެވެ. އެއީ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށް ބެލެވޭތީ އެންމެ ފުރަތަމަ އިސްކަން ދިނީ އެ މަނިކުފާނުގެ އެ ދަގަނޑުކޮޅު ނެގުމަށެވެ.

"ހިތަށް ދަގަނޑުކޮޅެއް ނުވަދެ ސަލާމަތްވީ ކިރިޔާ"

ޑޮކްޓަރުން ބުނިގޮތުގައި އޮޕަރޭޝަންކޮށް ބެލިއިރު، އެ ދަގަނޑުކޮޅު ތެރެއަށް ވަދެގެން ގޮސް މޭގެ ކަށިގަނޑެއްގައި ޖެހި، ކަށިގަނޑަކަށް ވަނީ ގެއްލުންވެފަ އެވެ. އެ ކަށިގަނޑަށް ވުރެ ތަންކޮޅެއް ތިރިން އެ ރޭޒާ ފުއް ދިޔަ ނަމަވެސް އޭތި ގޮސް ވަންނާނީ ހިތަށެވެ. އެފަދަ ހާލަތެއް ކުރިމަތި ނުވި ކަމީ ޑޮކްޓަރުން ވިދާޅުވި ގޮތުން ވަރަށް ބޮޑު ނަސީބެކެވެ. އެކަމަކު ކަށިގަނޑަށް ގެއްލުން ލިބުމުން އޭގެ ކުނޑިތައް ފުއްޕާމެއަށް އެޅިފައި ހުއްޓެވެ. އަދި ފުއްޕާމޭގެ ބައެއް ތަންތަނުގައި ޕެޗް އަޅަން ޖެހުނެވެ.

"އެއް ސެންޓިމީޓަރު ތިރިއަށް ޖެހުނު ނަމަވެސް އެއީ ހިތަށް ވަންނާނެ ކަހަލަ ވަރަށް ނުރައްކާތެރި އެއްޗެއް." އެ ޓީމުގައި ހިމެނިވަޑައިގަންނަވާ، އޮޕަރޭޝަން ޑޮކްޓަރު މުހައްމަދު ޝާފިއު ވިދާޅުވި އެވެ.

އެންމެ ބޮޑު ގެއްލުން ބަނޑު ތެރެއަށް

ދެން ފެށީ ބަނޑު ތެރެއަށް ލިބިފައި ހުރި ގެއްލުންތަކަށް ފަރުވާ ދިނުމަށެވެ. ބަނޑުގެ އެތެރޭގައި ތިން ދަގަނޑުކޮޅު އޮތް ކަމަށް ސީޓީ ސްކޭނުން ދެއްކި އެވެ. ކެމެރާއެއް ބަނޑު ތެރެއަށް ފޮނުވައިގެން ބެލިއިރު މަސްގަނޑު ފޫއަޅުވާލައި އަދި ބަނޑު ތެރޭގައި ގިނަ އަދަދެއްގެ ލޭ ޖަމާ ވެފައި ހުއްޓެވެ. ވަގުތުން ދެވަނަ އޮޕަރޭޝަންކޮށް، ބަނޑު ތެރޭގައި ޖަމާވެފައި ހުރި 600 މިލިލީޓަރުގެ ލޭ ބޭރުކުރި އެވެ. ބަނޑުގެ އެތެރެއިން ހުރި އަނިޔާތައް ފެނުނީ އެ ހިސާބުންނެވެ.

"ފާހަގަ ކުރެވުނީ ފަލަ ގޮހޮރުގައި ލޯވަޅު އެޅިފައި ހުރި ކަމަށް. ހުރި ދެ ތަނަކުން ފޫ އަޅާފައި. އެއީ އެއްކޮޅުން ވަދެފައި އަނެއްކޮޅުން ނިކުމެފައި އިިން ތަން. ދެން އޭގެ އިތުރުން މައިދާއޭ މިކިޔާ ބަނޑު ނުވަތަ ސްޓޮމަކް ފޫ އަޅާފައި އިން ކަން ފާހަގަ ކުރެވުނު. އެއީ ވެސް އެއް ފަރާތުން ވަދެފައި އަނެއް ފަރާތުން ނިކުމެފައި އިނީ،" އޮޕަރޭޝަން ޑޮކްޓަރު އަހުމަދު ނިޝާން ވިދާޅުވި އެވެ.

ނަޝީދަށް ލިބިވަޑައިގަތް އަނިޔާތަކުގެ ފޮޓޯއެއް --- ފޮޓޯ/އޭޑީކޭ

ނަޝީދަށް ލިބިވަޑައިގަތް އަނިޔާތަކުގެ ފޮޓޯއެއް --- ފޮޓޯ/އޭޑީކޭ

ގޮހޮރު ފޫ އަޅުވާލައިފައި ހުއްޓަސް، ބަނޑު ތެރެއަށް ނަޖިހުގެ މާ ބޮޑު އަސަރެއް ކޮށްފައި ނެތުމަކީ ޑޮކްޓަރުން ވިދާޅުވި ގޮތުން ނަމަ، ބޮޑު ނަސީބެކެވެ. އެކަން އެގޮތަށް ދިމާވީ މިއީ ރޯދަ މަސް ކަމަށްވުމުން، ގޮހޮރު ވަރަށް ބޮޑަށް ހުސްކޮށް އޮތުމުން ކަމަށް ޑޮކްޓަރުން ވިދާޅުވި އެވެ.

"ބައިވަރު ނަޖިސްތަކެއް އެޅިފައެއް ނެތް. އެހެން ނަމަވެސް ގޮހޮރު ތެރެއަށް އެއްޗެއް ދާއިރު ކޮންމެވެސް ވަރެއްގެ އެއްޗެހިތަކެއް، ކޮންމެވެސް ވަރެއްގެ ނަޖިހުގެ އަސަރެއް ހުންނާނެ. އެހެންވީމަ އިންފެކްޝަންގެ ޗާންސް ހައިވާނެ،" ނިޝާން ވިދާޅުވި އެވެ.

ދެން ޑޮކްޓަރުން މަސައްކަތް ފެށީ ބަނޑުގެ އެތެރެއިން ލިވާއަށް ލިބިފައި ހުރި އަނިޔާތައް ބެލުމަށެވެ. ލިވާ ވެސް ފޫ އަޅުވާލައި، ލިވާގެ އެތެރެއަށް ދަގަނޑުކޮޅެއް ވަދެފައި އޮތެވެ. ލިވާއަކީ ނާޒުކު ގުނަވަނަށް ވާތީ އެ ދަގަނޑުކޮޅު ނެގުމަކީ އެހާ ފަސޭހަ ކަމަކަށް ނުވި އެވެ. އެ ދަގަނޑުކޮޅު ނެގީ ލިވާއާ އެންމެ ކައިރިން ނެގެން އިން ދިމާލެއް ބަލައިގެންނެވެ.

އަތާއި ފައިގެ އުނދަގޫ އޮޕަރޭޝަންގެ ކުޑަ ވަގުތުކޮޅަކުން

ނަޝީދުގެ އަތާއި ފައިގަ ހުރި ދަގަނޑުކޮޅުތައް ނެގުމުގެ މަސަައްކަތް ކަށީގެ ޑޮކްޓަރުން ފެށީ އެ ހިސާބުންނެވެ. އެއީ ވައާތު ފައިގެ ކަކުލު ހުޅުގައި އިން ދެ ދަގަނޑު ކޮޅާއި ފަލަމަސްގަނޑުގައި އިން ދެ ދަގަނޑުކޮޅު އަދި ވައަތުގެ އުޅަބޮށީގައި އިން ދަގަނޑުކޮޅެވެ. އެ ހުރިހާ އެއްޗެއް ނަގައި، އެ އޮޕަރޭޝަން ނިންމަން ޑޮކްޓަރުންނަށް ލިބުނީ ކުޑަ ވަގުތުކޮޅެކެވެ. އެއީ އިތުރު ނަޝީދުގެ ސީޓީ ސްކޭނަކަށް ތައްޔާރު ވަމުންދާތީ އެވެ.

އަތާއި ކަކުލުގައި އިން ދެ ދަގަނޑުކޮޅު އިނީ ކަށިގަނޑު ފޫ އަޅުވާލައި، ތާށިވެފަ އެވެ. ކަކުލުގައި އިން ދަގަނޑުކޮޅު އިނީ ކަކުލުގެ ފަހަތުގައި ނާރެއް ކައިރީގަ އެވެ. ދަގަނޑު ކޮޅުތަކުގެ އިތުރުން ބައެއް ޕްލާސްޓިކޮޅުތައް ވެސް އެތެރެއަށް ވަދެފައި ހުއްޓެވެ.

"ގަޑިއެއްހާއިރު ތެރޭގައި ހުރިހާ އެއްޗެއް ރިމޫވްކޮށް، ސީޓީ ސްކޭނަށް ޝިފްޓް ކުރެވެން ވާއިރަށް ހުރިހާ އެއްޗެއް ރިޓްރީވް ކުރެވުނު،" ކަށީގެ ޑޮކްޓަރު މުހައްމަދު މިޝްވާރު ވިދާޅުވި އެވެ.

ނަޝީދުގެ އިސްތަށިފުޅާ ދިމާލުން ވެސް ދަގަނޑުކޮޅެއް އެތެރެއަށް ވަދެފައި އިނެވެ. އެއީ ވައަތް ފަރާތު ކަންފަތާ ދިމާލު މަތިންނެވެ. އެކަމަކު ނަސީބަކުން ބޮލުގެ ނުވަތަ ސިކުނޑިއަށް އޭގެ އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި މާބޮޑު އުނދަގުލަކާ ނުލައި އެ ދަގަނޑުކޮޅު ފަސޭހައިން ނެގުނެވެ.

"ބޮޑަށް ބުރަވެވެނީ އޭގެ ސަބަބުން އިންފެކްޝަނެއް ނުވެޖިއްޔާ އިތުރު މައްސަލައެއް ނުޖެހޭނެ ކަމަށް." ނާރުގެ ޑޮކްޓަރު އަލީ ނިޔާފް ވިދާޅުވި އެވެ.

އެންމެ ބޮޑު އޮޕަރޭޝަން: "ދިމާވީ ވަރަށް ނާދިރު ހާލަތެއް"

ޖެހިގެން އައި ދުވަހު ހެދި ދެވަނަ ސީޓީ ސްކޭނުން ދެއްކީ އިތުރު ދަގަނޑުކޮޅެއް ހަށިގަނޑުގެ އެތެރޭގައި ދައުރުވަމުންދާ ކަމެވެ. ދަގަނޑު ބޯޅައަކަށް ވާތީ އެއްވެސް ހުރަހަކާ ނުލައި، ފަސޭހައިން އެ ދަގަނޑުކޮޅު ދަތުރު ކުރަމުން ދިޔަ އެވެ. އެ ދަގަނޑުކޮޅު އިނީ މައި ލޭ ހޮޅިއެއްގެ ތެރޭގަ އެވެ. ޑޮކްޓަރުން ވިދާޅުވި ގޮތުން އެއީ ޑޮކްޓަރުންނަށް ކިޔަވައި ދޭއިރު، ފޮތްތަކުގައި ވެސް ނުހުންނަ ފަދަ ނާދިރު އަދި މަދުން ކުރިމަތިިވާ ހާލަތްތަކެވެ.

"މިއީކީ ޑޮކްޓަރުންގެ ޓެކްސްޓް ފޮތްތަކުގައި ވެސް ލިޔެފައި ހުންނަ ކަންކަމެއް ނޫން. މިގޮތަށް ފޮރިން ބޮޑީއެއްގެ ބައި ހޮޅިއަކަށް ވަދެގެން ނެގުން. ތި ބޭފުޅުން ހިތަށް އަރާފާނެ މައި ހޮޅިއަށް ވަދެޖިިއްޔާ ކިހިނެއްތޯ ވާނީ. އެއީ މި ދެންނެވިހެން ހަށިގަނޑުގައި އިން އެންމެ މައި ހޮޅި ބްލަޑް އަނބުރާ ހާޓަށް ގެނެސްދޭ. އެހެންވީމަ ރޭޒަރު ފުށް ހާޓަށް ވަދެއްޖިއްޔާ ދެން ހާޓް ޕަމްޕް ކުރާ ގަޑީގައި ވިއްސައިގެންދާނީ ލަންގަށް." ޑޮކްޓަރު ޝާފިއު ވިދާޅުވި އެވެ.

އޭޑީކޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --- ފޮޓޯ/މިހާރު

އޭޑީކޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --- ފޮޓޯ/މިހާރު

ޑޮކްޓަރުން ވިދާޅުވި ގޮތުން ނަމަ، މައި ހޮޅި ތެރެއިން ހިތުގެ ތެރެއަށް ދަގަނޑުކޮޅު ދިޔަ ނަމަ، ނަޝީދުގެ ފުރާނައަށް ވަރަށް ބޮޑަށް ނުރައްކާވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ އެވެ. އެހެންކަމުން އެ އޮޕަރޭޝަން ކުރަން ޖެހުނީ ވެސް އާންމުކޮށް އެފަދަ އޮޕަރޭޝަން ނުކުރާ ފަދަ ގޮތަކަށެވެ. އާންމުކޮށް ކެތު ލެބްގައި އޮޕަރޭޝަންތައް ކުރަނީ ބަލި މީހާ އުއްޑުން ސީދަލަށް ބާއްވައިގެން ކަމަށް ވިޔަސް، ހިތުގެ ތެރެއަށް އެ ދަގަނޑުކޮޅު ގޮސްދާނެ ކަމުގެ ބިރަށްޓަކައި ނަޝީދުގެ ހަށިގަނޑު ބޭއްވީ ވަކި ޕޮޒިޝަނެއްގަ އެވެ. އެކަން ކުރީ ނާރުގެ އޮޕަރޭޝަންތައް ކުރާ ކަހަލަ އެނދެއްގަ އެވެ.

"އަޅުގަނޑުމެން އާންމުކޮށް މިކަހަލަ ސީރިއަސް ކޭސްތައް ވެންޓިލޭޓްކޮށް ހަދަނީ ފްލެޓް ޕޮޒިޝަނެއްގަ. މި ކޭސްއަށް އަޅުގަނޑުމެން ޖެހުނީ މޮޑިފައި ކުރަން. އެގޮތަށް ބަލާފައި 45 ޑިގްރީގައި ޕޭޝަންޓް ބޭންދީ. އެއީ އޭތި އަރާފާނެތީ، ގްރެވިޓީ ބޭނުންކޮށްގެން އޭތި ތިރީގައި ބައިންދަންވެގެން." ޝާފިއު ވިދާޅުވި އެވެ.

"އިންފެކްޝަނެއްގެ ނުރައްކާ އަދިވެސް އޮވެދާނެ"

ތިން ވަނަ އޮޕަރޭޝަނަށް ފަހު ނަޝީދު އައިސީޔޫ އަށް ބަދަލުކުރީ އިއްޔެގެ ވަގުތެއްގަ އެވެ. ދިގު އޮޕަރޭޝަނެއް ކޮށްފައިވާތީ އިއްޔެ އެމަނިކުފާނު ބޭއްވީ ވެންޓިލޭޓަރުގަ އެވެ. މިއަދު ނޭވާލުން ރަނގަޅުވުމާއި ވެންޓިލޭޓަރުން ނެގިޔަސް، ކުރިއަށް އޮތް މަގު ވަރަށް ދިގެވެ. އެއީ އިންފެކްޝަނެއްގެ އަސަރު ކުރުމުގެ ފުރުސަތު އޮތުމުންނެވެ.

"އިންފެކްޝަނަކީ ވަރަށް ގާތުން ބަލަން ޖެހޭ ކަމެއް. މިވަރުގެ އޮޕަރޭޝަންތައް ކޮށްފައި ހުރީމަ ވަރަށް ގާތްވާނެ އެކިވަރުގެ އިންފެކްޝަންތައް އައުން. އަދި އެއާ ގުޅިގެން ހަށިގަނޑުގެ އެހެން ގުނަވަންތަކަށް އަންނަ ގެއްލުން. އެހެންވީމަ އަޅުގަނޑުމެންގެ ފޯކަސް ދެން އޮންނާނީ މި ހުރިހާ ކަމަކަށް ފޯކަސްކޮށްގެން ވަރަށް ގާތުން މިކަން ބަލައި، ފަރުވާ ދިނުން،" ޑރ. ނަޝީދާ ސައީދު ވިދާޅުވި އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދެ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލަ ތަހުގީގު ކުރަން ރާއްޖެއިން ބޭރުގެ އެހީތެރިކަން ވެސް ހޯދަން ދަނީ ތައްޔާރުވަމުންނެވެ.