Roadha Mihaaru
ނެޓް ޖިއޯގެ ޝޯއެއް ސޯނޫއާ އެކު

ނެޝަނަލް ޖިއޯގްރަފިކް ޗެނެލްގެ ޝޯއެއް ސޯނޫއާ އެކު

16 އޯގަސްޓް 2021

އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ ނަމޫނާއެއްގެ ގޮތުގައި މިހާރު ފާހަގަކުރެވޭ އިންޑިއާގެ ފިލްމީ ތަރި ސޯނޫ ސޫދާ އެކު ނެޝަނަލް ޖިއޯގްރަފިކް ޗެނެލުން ޝޯއެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ ނަމޫނާއެއްގެ ގޮތުގައި މިހާރު ފާހަގަކުރެވޭ އިންޑިއާގެ ފިލްމީ ތަރި ސޯނޫ ސޫދާ އެކު ނެޝަނަލް ޖިއޯގްރަފިކް ޗެނެލުން ޝޯއެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

ރަސްމީކޮށް މިހާރު އިއުލާން ކޮށްފައިވާ މި ޝޯގެ ނަމަކީ "އިޓް ހެޕެންސް އޮންލީ އިން އިންޑިއާ" އެވެ. އާދީއްތަ ދުވަހު ފާހަގަކުރި އިންޑިއާގެ 47 ވަނަ ދުވަހާ ދިމާކޮށް ޝޯ އިއުލާންކުރި ނަމަވެސް މިއާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

އެކަމަކު ވަރަށް އަވަހަށް ގެނެސްދޭން ފަށާ މި ޝޯ އިން އިންޑިއާގެ ޝައުގުވެރި ވާހަތަކެއް ސޯނޫއާ އެކު ގެނެސްދޭނެ އެވެ.

އޭނާ އަކީ ފިލްމު ކުޅެގެން ނުލިބޭ ވަރުގެ މަޝްހޫރުކަމަކާއި އާންމުންގެ ލޯބި، އިންސާނިއްޔަތަށް ހިދުމަތްކޮށްގެން މިދިޔަ އަހަރުން ހޯދި ތަރިއެކެވެ. މިދިޔަ އަހަރު ކޮވިޑް-19އާ އެކު އިންޑިއާގެ އާދައިގެ އާންމު ރައްޔިތުންނަށް ދިމާވި އެތައް ތަކުލީފަކަށް ސޯނޫ އަމިއްލަ ގޮތުން އެހީވެފައިވެ އެވެ. އޭގެ ތެރޭގައި ލޮކްޑައުންއާ ގުޅިގެން އަމިއްލަ ވަޒަނަށް ނުދެވި، ގައުމުގެ އެކި ދިމަދިމާލުގައި ތާށިވި މީހުން ތަންތަނަށް ފޮނުވައި ދިނުމާއި ބޭސްފަރުވާގެ ހިދުމަތާއި ތައުލީމުގެ ފުރުސަތާއި ވިޔަފާރި ފަށަން އާންމުންނަށް އެކި ގޮތްގޮތުން އެހީވުން ފަދަ ކަންކަން ހިމެނެ އެވެ.

ސޯނޫގެ މި ހިދުމަތްތަކާ ގުޅިގެން މިދިޔަ އޭނާ އަށް އެތައް އެވޯޑެއް، އެތައް ޝަރަފެއް ވެސް ދީފައިވެ އެވެ.

ސޯނޫ، 48، އަކީ ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތްކުރާ އެކްޓަރެކެވެ.