Roadha Mihaaru
ކޮވިޑްގެ އިންޑިއާ ވޭރިއަންޓް: ދުނިޔެއަށް ނުރައްކަލެއް

ކޮވިޑްގެ އިންޑިއާ ވޭރިއަންޓަކީ ދުނިޔެއަށް އޮތް ނުރައްކަލެއް ކަަމަށް ކަނޑައަޅައިފި

11 މެއި 2021

އިންޑިއާއިން ފެނިފައިވާ ކޮވިޑް-19 ގެ ވޭރިއަންޓަކަކީ މުޅި ދުނިޔެެއަށް ވެސް އޮތް ރިސްކެއް ކަަމަށް ދުނިޔޭގެ ސިއްްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިންޑިއާއިން ފެނިފައިވާ ކޮވިޑް-19 ގެ ވޭރިއަންޓަކަކީ މުޅި ދުނިޔެެއަށް ވެސް އޮތް ރިސްކެއް ކަަމަށް ދުނިޔޭގެ ސިއްްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފި އެވެ.

ޑަބްލިއުއެޗްއޯގެ ޓެކްނިކަލް ލީޑް މާރިއާ ވާން ކާކޯފް އިއްޔެ ވިދާޅުވީ "ޓްރިޕް މިއުޓެންޓް" އެއް ކަމަށްވާ އިންޑިއާ ވޭރިއަންޓް މިހާރު ކަންބޮޑުވުމަކަށް ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ވޭރިއަންޓާ ބެހޭ ތަފްސީލުތައް ޑަބްލިއުއެޗްއޯގެ މި ހަފްތާގެ ސިޗުއޭޝަން ރިޕޯޓްގައި ހިމަނާނެ ކަމަށެވެ.

އެ ވޭރިއަންޓާ ބެހޭ ކޮންމެވެސް ވަރެއްގެ ތަފްސީލުތަކެއް އޭނާ އިއްޔެ ވެސް ދެއްވި އެވެ. "ބީ.ވަން.ސިކްސް ވަން ސެވަަން"ގެ ނަން ދީފައިވާ އެ ވޭރިއަންޓްގެ އެއް ނުރައްކަލަކީ އޭނާ ވިދާޅުވި ގޮތުގައި ވެކްސިިންތަކުން ލިބޭ ބައެއް ރައްކާތެރިކަން ނަގައިލުމެވެ. ފެތުރޭލެއް ފަސޭހަކަމަކީ ވެސް އެ ވޭރިއަންޓްގެ ނުރައްކާތެރި ސިފައެެކެވެ.

"ކަންތައްތައް މިހެން ހުރުމުން މިއީ ދުނިޔޭގެ ފެންވަރުގައި ކަންބޮޑުވާން ޖެހޭ ވޭރިއަންޓެއް ކަމަށް މި ކަނޑައަޅަނީ،" މާރިއާ ވާން ކާކޯފް ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯ އިން އަންނަނީ އެކިި ގައުމުތަކުގައި އަލަށް ފެންނަ ވޭރިއަންޓްތަކާ ބެހޭ މައުލޫމާތު އެއްކޮށް، ހާލަތު ވަޒަންކުރަމުންނެވެ. އެގޮތުން އިންޑިއާއިން ފެނުނު ވޭރިއަންޓްގެ ކަންތައް ބަލަން ޖެހޭ ކަމަށް އެ ޖަމާއަތުން ފުރަތަމަަ ބުނީ މިދިޔަ ހަފުތާގަ އެވެ.

އިންޑިއާ އިން ފެނުނު ވޭރިއަންޓާ އެކު އެ ގައުމުގައި މިހާރު ކޮވިޑް ފެތުރެމުން ދަނީ ވަރަށް ބާރަށެވެ. އެގޮތުން ދުވާލަކު އެ ގައުމުން އެ ބަލީގައި މަރުވާ މީހުންގެ އެވްރެޖް އަދަދަކީ މިހާރު 3،879 އެވެ. އަދި ދުވާލަލު އެ ބަލި ޖެހޭ މީހުންގެ އަދަދު ވެސް ވަނީ 390،000 އަށް ވުރެ އިތުރުވެފަ އެވެ. އަދި އިންޑިއާގެ އަވަށްޓެރި ގައުމުތަކުގައި ވެސް ކޮވިޑް ފެތުރުން އެތައް ގުނައެއް ވަނީ އިތުރުވެ ނުރައްކާ ބޮޑުވެފަ އެވެ.