Roadha Mihaaru
އިންޑިއާގެ ކޮވިޑް ރާޅު މުޅި ސަރަހައްދަށް

އިންޑިއާގެ ކޮވިޑް ރާޅު މުޅި ސަރަހައްދަށް

09 މެއި 2021

އިންޑިއާގައި ކޮވިޑް-19 ގެ ބަލިމަޑުކަން ކުއްލިއަކަށް ކޮންޓްރޯލުން ނެއްޓި އަވަށްޓެރި ގައުމުތަކުގައި ވެސް އެ ބަލީގެ ނުރައްކާ ބޮޑުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިންޑިއާގައި ކޮވިޑް-19 ގެ ބަލިމަޑުކަން ކުއްލިއަކަށް ކޮންޓްރޯލުން ނެއްޓި އަވަށްޓެރި ގައުމުތަކުގައި ވެސް އެ ބަލީގެ ނުރައްކާ ބޮޑުވެއްޖެ އެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން މިއަދު ބުނީ އިންޑިއާގައި ކޮވިޑްގެ ބަލިމަޑުކަން އިންތިހާއަށް ނުރައްކާތެރި ދަަރަޖައަކަށް ގޮސްފައި ވުމުން އަވަށްޓެރި އެހެން ގައުމުތަކުގައި ވެސް ކޭސްތަކުގެ އަދަދު ބޮޑަށް މައްޗަށް ގޮަސްފައިވާ ކަަމަށެވެ. އެގޮތުން ހާލަތު އެންމެ ގޯސްވެފައިވާ އެއްގައުމަކީ އިންޑިއާއާ އިންވެގެން އޮންނަ، ވަސީލަތްތައް މަދު ނޭޕާލެވެ. ބީބީސީން ބުނީ ނޭޕާލުގައި މިހާރު ކޮންމެ ދުވަހަކު ކޮވިޑަށް ޓެސްޓްކުރާ މީހުންގެ 40 ޕަސެންޓް އެ ބައްޔަށް ޕޮޒިޓިވްވާ ކަމަށެވެ.

ކޮވިޑްގެ ތަފާސްހިސާބުތައް އެންމެ ރަނގަޅަށް ބަލަހައްޓަމުން އަންނަ ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ހިސާބުތައް ދައްކާ ގޮތުން އިންޑިއާގައި ދުވާލަކު ރިޕޯޓްކުރާ ކޮވިޑް ކޭސްތަކުގެ އަދަދު މިމަހު 400،000 އަށް އެރި އިރު، ނޭޕާލްގައި އެ އަދަދަދު ވަނީ 8،000 އަށް އަރައިފަ އެވެ. އިންޑިއާއަށް ސާޖް އައުމުގެ ކުރިން ނޭޕާލްގައި ދުވާލަކު ޕޮޒިޓިވްޗާ އަދަދު ހުރީ 2،000 ގަ އެވެ.

ނޭޕާލަކީ އިންޑިއާއާ އެކު 1،168 މޭލުގެ ބިމުގެ ސަރަހައްދީ ރޮނގެއް ހިއްސާކުރާ ގައުމެކެވެ. އެހެންވެ އެ ދެގައުމުގެ އެތައް ރައްޔިތުންނެއް ކޮންމެ ދުވަހަކުވެސް އެއްގައުމުން އަނެއް ގައުމަށް، ފަސޭހައިން ގޮސް އައިސްވެ އެވެ. ނޭޕާލުގެ ކުރީގެ ރަސްގެފާނު ގައެނަންދުރާ ކޮވިޑަށް ޕޮޒިޓިވްވީ އެގޮތުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ކަމަށް ނޭޕާލްގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެ އެވެ.

އިންޑިއާއާއި އެކު ނޭޕާލްގެ ކޭސްތަކުގެ އަދަދު މައްޗަށް ދާތީ، ސަރަހައްދީ ރޮނގު ހުރަސްކުރެވެން ހުރި 20 އަށް ވުރެ ގިނަ މަގު މިހާރު ވަނީ ބަންދުކޮށްފަ އެވެ.

ނޭޕާލެކޭ އެއްފަދައިން އިންޑިއާގެ އަވަށްޓެރި ބަންގްލަދޭޝްގައި ވެސް ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ، އެހެންވެ އޭޕްރިލް ފަސް ވަނަ ދުވަހު މުޅި ބަންގްލަދޭޝްގައި ވަނީ ލޮކްޑައުން ފިޔަވަޅު އިއުލާނުކޮށްފަ އެވެ. އެ ފިޔަވަޅުގެ މުއްދަތު މިހާރު ވަނީ މިމަހުގެ 16 އާ ހަމައަށް އިތުރުކޮށްފަ އެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ހިސާބުތައް ދައްކާ ގޮތުން އިންޑިއާއަށް ސާޖް އައުމުގެ ކުރިން ބަންގްލަދޭޝްގައި ދުވާލަކު ރިޕޯޓްކުރަމުން ދިޔައީ ދުވާލަކު އެންމެ ގިނަވެގެން 2،000 ކޭހެވެ. އެކަމަކު އިންޑިއާގެ ސާޖާ އެކު އެއަދަދު 6،000 އާ ހަމައަށް މައްޗަށް ދިޔަ އެވެ. އެކަމަކު ލޮކްޑައުން ފިޔަަވަޅާއި އެކު މިހާރު ވަނީ ދުވާލަކު ރިޕޯޓްކުރާ ކޭސްތަކުގެ އަދަދު އަނެއްކާ ވެސް 2،000 އަށް ތިރިކުރެވިފަ އެވެ.

ޕާކިސްތާނުގައި ވެސް ކޮވިޑްގެ ބަލިމަޑުކަން މިހާރު ވަނީ ވަރަށް ގޯސް ހިސާބަކަށް ގޮސްފަ އެވެ. އެގޮތުން އެގައުމުގެ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ބަލި މީހުން އިތުރުވެދާނެކަމުގެ ކަންބޮޑުވުން މިހާރު ވަނީ އުފެދިފަ އެވެ.

ބިމުގެ ބޯޑަރެއް ނެތް ނަމަވެސް އިންޑިއާއާ ވަރަށް ކައިރީގައި އޮންނަ ސްރީ ލަންކާއިން ވެސް އިންޑިއާއަށް އައި ސާޖްގެ އަސަރު ދަނީ ފެންނަމުންނެވެ. އެހެންވެ އެ ގައުމުން ވެސް ވަނީ ސްކޫލްތައްް ބަންދުކުރުމާއި ދީނީ އިހުތިފާލްތައް ބޭއްވުން ފަދަ ފިޔަވަޅުތައް އަޅައިފަ އެވެ. އަދި އިންޑިއާއާ އެގައުމާ ދޭތެރޭގައި ދަތުރުކުރުން ވެސް މިވަގުތަށް ވަނީ ހުއްޓާލައިފަ އެވެ

އިންޑިއާ އެކު އަވަށްޓެރި ގައުމުތަކުގައި ކޭސްތައް އިތުރުވީ ކީއްވެ؟

ސަރަހައްދީ ސިއްހީ މާހިރުން ލަފާކުރައްވާ ގޮތުގައި އިންޑިއާއިން ފެނިފައިވާ ކޮވިޑްގެ ވޭރިއަންޓަކީ މީގެ ކުރިން ފެނުނު އެހެން ވޭރިއަންޓްތަކަށް ވުރެ މާ ހަލުވިކޮށް ފެތުރޭ ވޭރިއަންޓެކެވެ. އެކަމަކު ދެކުނު އޭޝިއާ ސަރަހައްދަށް ކޮވިޑްގެ މިހާ ބޮޑު ރާޅެއް އައުމުގެ ފަހަތުގައި ވަނީ އެހެން ސަރަހައްދުތަކުން އަައި ވޭރިއަންޓްތައް ކަމަަށް ވެދާނެ ކަމަށް ވެސް ބައެއް މާހިރުން ލަފާކުރައްވަ އެވެ. އޭގެ ތެރޭގައި ޔޫކޭ ވޭރިއަންޓް ވެސް ހިމެނެ އެވެ.

ނޭޕާލުން ނެގި 15 ސާމްޕަލެއް ހޮންކޮންގުގައި ހުންނަ ޑަބްލިއުއެޗްއޯ ސެޓިފައިޑް ލެބަކަށް ފޮނުވައިގެން ޓެސްޓް ކުރި އިރު އޭގެ ތެރެއިން ނުވަ ސާމްޕަލްގައި އޮތީ ޔޫކޭ ވޭރިއަންޓެވެ. އަދި އަނެއް ހަ ކޭސްގައި އޮތީ އިންޑިއާ ވޭރިއަންޓެވެ.

ޕާކިސްތާނުގައި މިދިޔަ މަހު ހެދި ޖެނޯމް ސީކުއެންސިން ޓެސްޓްތަކުން ވެސް އެނގުނީ ގިނަ ސާމްޕަލްތަކުގައި ހުރީ ޔޫކޭ ވޭރިއަންޓް ކަމެވެ. އެކަމަކު ދެކުނު އެފްރިކާއާއި ބްރެޒިލްގެ ވޭރިއަންޓް ވެސް ޕާކިސްތާނުގެ ސާމްޕަލްތަކުގައި ގިނަ އެވެ.

އެކަމަކު ބައިނަލްއަގުވާމީ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި ދެކުނު އޭޝިއާ ސަރަހައްދުގައި ޖެނޯމް ސީކުއެންސިން ހެދެންް ހުރިލެއް މަދުކަމުން، ކޮވިޑްގެ ބޮޑު ރާޅު ގުޅޭނީ ސީދާ ކޮން ވޭރިއަންޓަކާ ކަން ކަނޑައަޅަން ދައްޗެވެ.