Roadha Mihaaru
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓެއް ލީކުކޮށްލައިފި

އެމްއެމްޕީއާރުސީގެ ހިޔާނާތް: ލީކުކޮށްލި ލިސްޓްގައި ދައުލަތުގެ އެތައް ވެރިންނެއް!

12 މެއި 2021

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ތުހުމަތު ކުރެވޭ މީހުންގެ ލިސްޓެއް މިރޭ ލީކުކޮށްލައިފި އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ތުހުމަތު ކުރެވޭ މީހުންގެ ލިސްޓެއް މިރޭ ލީކުކޮށްލައިފި އެވެ.

ތިން ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު ހިޔާނާތެއް ހިންގި ކަމަށް ބެލެވޭ، ރާއްޖޭގެ އެންމެ ބޮޑު ހިޔާނާތުގެ ލިސްޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ ސަރުކާރުގެ ވަރަށް ގިނަ ވަޒީރުންނާއި އޭރު ދައުލަތުގެ ވަރަށް ގިނަ ބޭފުޅުން ވެސް ހިމެނި ވަޑައިގަންނަވަ އެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ގާނޫނީ ބޭފުޅުންނާއި މީޑިއާގެ ބައެއް ބޭފުޅުންގެ އިތުރުން ރާއްޖޭގެ ވަރަށް މަޝްހޫރު ވިޔަފާރިވެރިންނާއި ވިޔަފާރި ކުންްފުނިތައް ވެސް ހިމެނެ އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވައިގެން، ފަޅު ރަށްތައް ދޫކުރުމާއި އެއިން ލިބޭ ފައިސާ އިން ހިންގި އެންމެ ބޮޑު ޖަރީމާއާ ގުޅޭ، އެ ލިސްޓް "މިހާރު" އަށް ވެސް ވަނީ ލިބިފަ އެވެ.

އެކަމަކު ރައްޔިތުންގެ މަޖިލީހުގައި މިހާރު މި މައްސަލަ ބަލާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ ލީކުކޮށްލައިގެން އުޅެނީ މަޖިލީހަށް ލިބިފައިވާ ލިސްޓް ނޫން ކަމަށެވެ. މަޖިލީހަށް ލިބިފައިވާ ލިސްޓްގައި އެއިން އެއްވެސް ބޭފުޅެއްގެ ފޮޓޯ ނުހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ލީކުވި ލިސްޓްގައި ހިޔާނާތުގެ އަދަދުތަކާއި އެ ބޭފުޅުންގެ ފޮޓޯ ވެސް ހިމެނެ އެވެ.

މި ލިސްޓަކީ ވެސް ސައްހަ ލިސްޓެއް ކަމަށް ވެ އެވެ. އަދި މިއީ އެސެސްޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލައިފައިވާ ލިސްޓެއް ކަމަށް ވެސް ވެ އެވެ. ނަމަވެސް، އެ ކޮމިޝަނުން މިކަން އަދި ޔަގީން ކޮށެއް ނުދެ އެވެ.

މި ލިސްޓަށް ބަލާއިރު، އިކިއުޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ބައެއް މީހުންނަށާއި ވިޔަފާރިތަކަށް ދީފައިވާ ޑޮލަރަކީ، ޑޮލަރު ވިއްކުމުގެ ގޮތުން ދީފައިވާ ފައިސާ ކަމަށާއި އޭގެ ބަދަލުގައި ފައިސާ ލިބިފައިވާ ކަމަށް ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފްގެ ވެރިޔާ އައްލާމް ލަތީފް ބުނެފައިވާކަން ފާހަގަކޮށްފައިވެ އެވެ. މާނަ އަކީ ޚިޔާނާތުގެ ފައިސާ އިން ސީދާ މަންފާވުމުގެ ބަދަލުގައި، އެސްއޯއެފުން ޑޮލަރު ގަނެފައިވުމެވެ.

މީގެ އިތުރުން ވަކި މީހަކާ ހަވާލުކޮށްދިނުމަށް އެދި ފައިސާ ހަވާލުކުރި މީހުންގެ ނަންތައް ވެސް ލިސްޓުގައި އެބަ ހުއްޓެވެ. އެ ފައިސާ ހަވާލުކުރި އިރު ކޮން ފައިސާއެއްކަން އެ މީހުންނަށް އެނގޭ ކަމެއް ނުވަތަ ނޭނގޭ ކަމެއް ވެސް މި ރިޕޯޓްގައި ފާހަގަކޮށްފައެއް ނުވެ އެވެ.

ވަކިވަކި މީސްމީހުންނަށް އެކި ފަހަރުމަތިން ދީފައިވާ ފައިސާގެ ޖުމްލައިން ފާހަގަކޮށްލެވޭ އަދަދުތަކަށް ބަލާއިރު 678،400 މިލިއަން، 66.5 މިލިއަން، 50 މިލިއަން، 26 މިލިއަން، މިލިއަން، 8 މިލިއަން މިލިއަން، 6 މިލިއަން، 5 މިލިއަނުން އެބަހުއްޓެވެ. އަދި ދެތިން މިލިއަނުން ގޮސް ލައްކައިން އެބަހުއްޓެވެ. އަމިއްލަ ކުންފުނިތަކަށް 94 މިލިއަނާއި 77 ރުފިޔާއާ ދެމެދުން ދީފައިވެ އެވެ.

މި ރިޕޯޓް ލީކުކޮށްލާފައިވާ އިރު، މަޖިލީހަށް ކޮމިޝަނުން ފޮނުވި ރިޕޯޓުން އެނގެން އޮތް ގޮތުގައި 281 ނަމެއް ހިމެނޭ އިރު، އޭގެ ތެރެއިން ބައެއް ނަންތަކާ ދިމާލުގައި އަދިވެސް ތަހުގީގު ކުރަމުން ދާ ކަމަށް ލިޔެފައިވެ އެވެ. އެހެންވެ، ލިސްޓުގައިވާ ނަންތަން "މިހާރު" ން ހާމަ ނުކުރީ ތަހުގީގު ފުރިހަމަ ނުކޮށް ހަދާފައިވާ އޮތް ލިސްޓަކަށް ވާތީ އެވެ.

ރިޕޯޓްގެ ހުލާސާއެއް

މުޅިން އަދި ކަށަވަރު ނުވާ، އެކަމަކު ބައެއް ފަރާތްތަކުން ކަށަވަރު ވެސް ކޮށްދޭ މި ލިސްޓްގައި ބުނެފައިވާ ގޮތުން، މަޖިލިސް މެންބަރުންގެ ތެރެއިން ގިނަ ބޭފުޅުންނަށް، މުހިންމު އެކި ކަންކަމާ ގުޅޭ ގޮތުން ވޯޓު ހޯދަން ފައިސާ ދިނުމުގެ އިތުރުން ޕާޓީ ބަދަލުކުރުމަށް ވެސް އެތައް މިލިއަނަކުން ފައިސާ ދީފައިވެ އެވެ.

މާލޭގެ ބައެއް ގޭންގުތަކާއި ގޭންގު މެންބަރުންގެ ގޮތުގައި މަޝްހޫރު ބައެއް މީހުންނަށް ވެސް އެތައް ލައްކަ ރުފިޔާއެއް ދީފައިވާ ކަމަށް އަދީބާއި އައްލާމްގެ ބަޔާންތަކާ ހަވާލާދީ އޭގައި ބުނެފައިވެ އެވެ. މީގެ އިތުރުން ބައެއް މީހުން ރާއްޖޭން ބޭރަށް ކުރި ދަތުރުތަކަށް ޓިކެޓް ގަނެދިނުމާއި ދަތުރުގެ އެހެން ހަރަދުތައް ހަމަޖައްސައިދިނުން ފަދަ ކަންކަން ވެސް ކޮށްފައިވެ އެވެ.

ނަގުދު ފައިސާއިންނާއި ޗެކުންނާއި ބޭންކް ޓްރާންސްފާ އިން ވެސް ފައިސާގެ މުއާމަލާތްތައް ވަނީ ކޮށްފަ އެވެ.

ރިޕޯޓްގައި ހުރި، ތުހުމަތު ކުރެވޭ ބޭފުޅުންނަށް ބަލާއިރު، ކުރީގެ ވަޒީރުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންނާއި ރައީސް އޮފީހުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ބައެއް ކުންފުނިތަކުގެ އެންމެ އިސް ބޭފުޅުންނާއި ބައެއް މިނިވަން މުއައްސަސާތަކުގެ ވެރިން ހިމެނެ އެވެ. ފައިސާގެ އެކި މުއާމަލާތްތައް ކޮށްފައިވާ އެހެން ބައެއް ބޭފުޅުންގެ ތެރޭގައި ދައުލަތުގެ މީޑިއާގެ އިސް ވެރިންނާއި ސިފައިންނާއި ފުލުހުންގެ ބައެއް އިސް ވެރިންނާއި އޭރު ޕީޕީއެމްގެ އެންމެ އިސް ސަފުގައި އުޅުއްވި ބޭފުޅުންނާއި މަޖިލީހުގެ މެމްބަރުން ވެސް ހިމެނެ އެވެ.

އޭރުގެ އިދިކޮޅު ނުވަތަ އެމްޑީޕީގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މިހާރު ވަޒީރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންގެ ތެރެއިން މިހާރު ވެސް މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރައްވާ ބައެއް ބޭފުޅުންނާ ވެސް ފައިސާގެ މުއާމަލާތްތައް ހިނގާފައިވާ ކަމަށް ލީކުވި ރިޕޯޓްގައި ވެ އެވެ. ހަމަ އެހެންމެ ޖޭޕީގެ ބައެއް މެމްބަރުންގެ ނަންތައް ވެސް އެބަހުއްޓެވެ. މީގެ ތެރެއިން ބައެއް ބޭފުޅުންނަކީ މިހާރު ރައީސް އޮފީހުގައި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.

އެމްއެޕީއާރުސީގެ ފައިސާގެ ހިޔާނާތުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ހިމެނިވަޑައިގަންނަވާ ކަމަށް އަޑުތައް ފެތުރިފައި އޮތް ނަމަވެސް، މި ރިޕޯޓްގައި އެ މަނިކުފާނުގެ ނަމެއް ނެތެވެ. އަދި ޔާމީން ފިޔަވައި ކުރީގެ އެހެން ރައީސެއްގެ ނަންފުޅެއް ވެސް ނެތެވެ.

ކުރީގެ ރައީސް ޔާމީންގެ އަނބިކަނބަލުންގެ ނަން ވެސް ލިސްޓްގައި ހިމެނެ އެވެ. މީގެ އިތުރުން އޭރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ ވަރަށް ގިނަ ފަނޑިޔާރުންނާއި ދައުލަތުގެ މިނިވަން މުއައްސަސާތަކުގައި މިހާރު އިސްކޮށް ތިއްްބެވި ބައެއް ބޭފުޅުންގެ ނަންތައް ވެސް ހިމެނެ އެވެ.

އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން މާލޭގެ ބައެއް ގޭންގުތަކާއި ގޭންގު މެންބަރުންގެ ގޮތުގައި މަޝްހޫރު ބައެއް މީހުންނަށް ވެސް އެތައް ލައްކަ ރުފިޔާއެއް ދީފައިވާ ކަމަށް އަދީބާއި އައްލާމްގެ ބަޔާންތަކާ ހަވާލާދީ ބުނެފައި އެބަހުއްޓެވެ. މީގެ އިތުރުން ބައެއް މީހުން ރާއްޖޭން ބޭރަށް ކުރި ދަތުރުތަކަށް ޓިކެޓް ގަނެދިނުމާއި ދަތުރުގެ އެހެން ހަރަދުތައް ހަމަޖައްސައިދިނުން ފަދަ ކަންކަން ވެސް ކޮށްފައި އެވެ.

ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވުމާ އެކު އެ ލިސްޓު ހާމަކުރުމަށް އަންނަނީ ގޮވާލަމުންނެވެ.