12 މެއި 2021
ރައްޔިތުން މަޖިލީހުގެ އިދާރާ އިން މިއަދު އާންމުކުރި އެއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުވާ މީހުންގެ ލިސްޓުގައި މިނިވަން މުއައްސަސާތަކުގައި އެހާރާއި މިހާރު ވެސް އެ ތަންތަނުގައި އުޅުއްވާ އިސް ބޭފުޅުންގެ ނަންތައް ހިމެނިއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާ އިން މިއަދު އާންމުކުރި އެއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުވާ މީހުންގެ ލިސްޓުގައި މިނިވަން މުއައްސަސާތަކުގައި އެހާރާއި މިހާރު ވެސް އެ ތަންތަނުގައި އުޅުއްވާ އިސް ބޭފުޅުންގެ ނަންތައް ހިމެނިއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ ކަމަށް ތުހުމަތު ކުރެވޭ އަދި މަންފާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ކުރިން ތިބި އަދި މިހާރު ވެސް މަގާމުތަކުގައި ތިއްބެވި 119 ބޭފުޅެއްގެ ނަން ހިމެނޭ ލިސްޓަކާއި އަދި މުޅި ހިޔާނާތުގެ ތެރޭގައި ހިމެނޭ 281 މީހެއްގެ ލިސްޓެއް ވަނީ އާންމުކޮށްފަ އެވެ.
މިނިވަން މުއައްސަތާކަށް ނިސްބަތްވާ 11 ބޭފުޅެއްގެ ނަން މި ލިސްޓުގައިވެ އެވެ.
މި ދެ ލިސްޓްގައި ވެސް ހިމެނެނީ ހަމައެކަނި ނަންތަކެވެ. މިހާރު އަދާކުރައްވާ ވަޒީފާ އާއި ކުރީގެ ވަޒީފާ ވެސް ހިމަނައިފައިވެ އެވެ. އެކަމަކު އެ ފައިސާ ލިބިފައި ވަނީ ކޮންކޮން ގޮތަކަށްތޯ އާއި އެއީ ކިހާވަރެއްކަން މަޖިލީހުގެ އިދާރާގެ ލިސްޓަކުން އެނގޭކަށް ނެތެވެ. އެކަމަކު، ރޭ ލީކުވި އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓުގައި އެ ތަފުސީލް ކޮންމެވެސް ވަރަކަށް ހުއްޓެވެ.
މަޖިލީހުގެ އިދާރާގެ ލިސްޓްގައި ބުނެފައިވާ ގޮތުން، މިއީ އަދި ތަހުގީގު ވެސް ނުނިމޭ ލިސްޓެކެވެ. މި ލިސްޓްގައި ހިމެނޭ ބައެއް މީހުންގެ ނަމާ ދިމާލުގައި މައުލޫމާތު އެއްކުރާ ކަމަށާއި ތަހުގީގު ކުރިއަށް ދާ ކަމަށް ވެސް އޮތީ ޖަހައިފަ އެވެ. މަޖިލީހުން މި ލިސްޓް އާންމުކުރީ، އެ މީހުންގެ ނަން އާންމުކުރިޔަސް ތަހުގީގަށް އެޅިދާނެ ހުރަހެއް އޮތް ކަމަށް ނުބެލެވޭތީ އެވެ.
މި ލިސްޓުގައި މިނިވަން މުއައްސަސާތަކުގައި މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ހިމަނާފައި ވަނީ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތުގެ ނަން އެކަންޏެވެ. ޒިޔަތު އަށް ތުހުމަތުވާ މައްސަލަ އޮތީ މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި ކަމަށް ވެސް މި ލިސްޓުގައި ބުނެފައިވެ އެވެ.
ސަރުކާރުގެ އިދާރާތަކުގެ މާލީ ކަންކަން އޮޑިޓްކުރައްވާ ޒިޔަތު އޭނާ މަގަމާ ހަވާލުވެވަޑައިގަތީ 2014 ގަ އެވެ. އޭނާއަށް ލިބުނު ކަމަށް ތުހުމަތުކުރަނީ ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވިއުރުގައި ކެމްޕެއިނަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށެވެ.
ނަމަވެސް ހަސަން ވަނީ އެ ވާހަކަތައް މީޑިއާގައި މިއަދު ދޮގުކުރައްވައިފަ އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއެއް ހޯއްދަވާފައި ނުވާނެ ކަމަށާއި ފައިސާ ލިބުނީ 2014 ގައިި ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނަށް ޕީޕީއެމްގެ ފަރާތުން ކަމަށެވެ.
"ދެ ފަހަރެއްގެ މަތިން ޕީޕީއެމް އޮފީހަށް ގެންގޮސްފައި ލިޔުމުގައި ސޮއިކުރުވާފައި އަޅުގަނޑަށް އެ ޕާޓީން ފައިސާ ހަވާލުކުރީ. އޭރު އެމްއެމްޕީއާރުސީގެ މިފަދަ ކަމެއް އުޅޭ ކަމެއް އެއްވެސް މީހަކަށް ނުވެސް އިނގޭ،" ޒިޔަތު ވިދާޅުވި އެވެ.
މި މައްސަލައިގައި މިހާރު ތަހުގީގީ މަރުހަލާގައި އުޅެނީ ހިޔާނާތުގެ ލިސްޓުގައިވާ ގޮތުން، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީގެ މައްސަލަ އެވެ. އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ސައީދަށް ކުރެވޭ ތުހުމަތުގެ ތަހުގީގު ފުރަތަމަ މަރުހަލާ މިހާރު ވަނީ ފަށައިފަ އެވެ.
މިނިވަން މުއައްސަސާތަކުގައި ކުރިން އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން އޭސީސީގެ ކުރީގެ އިންވެސްޓިގޭޝަން އޮފިސަރު އަދި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރުކަން ވެސް ކުރެއްވި އަބްދުﷲ އާޒިމަށް މިހާރު އަންނަނީ މި ކްރިމިނަލް ކޯޓުގައި ދައުވާ ކުރަމުންނެވެ.
ދައުވާކުރަން ފޮނުވުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަމާ ބެހޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލާއި ފުލުހުން މަޝްވަރާ ކުރާ މަރުހަލާގައި، މިނިވަން މުއައްސަސާތަކުގައި ކުރިން އިސްކޮށް އުޅުއްވި ދެ ބޭފުޅެއްގެ ނަން ވެސް އެބަ އޮތެވެ. އެއީ ކްރިމިނަލް ކޯޓާއި ޖުވަނައިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްބާރީ ޔޫސުފާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން އެވެ.
އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހްމަދު އަކްރަމްގެ ނަން ވެސް މި ލިސްޓުގައި އެބަ އޮތެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުގައި ޖިނާއީ ދައުވާ ދޫކޮށްލައި، މަދަނީ ދައުވާ ކުރަން މިހާރު ނިންމާފައިވާ ކަމަށް ލިސްޓުގައި ބުނެ އެވެ.
ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން މި ލިސްޓުގައި މައުލޫމާތު އެއްކުރާ މަރުހަލާގައި ހިމެނޭ ނަންތަކަކީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެމްބަރު އިސްމާއިލް ސޮފްވާން އަދި ކުރީގެ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެވެ.
ހިޔާނާތު ލިސްޓަށް ފިޔަވަޅުއަޅަން އަންގަން ފާސްކޮށްފި
ލިސްޓުގައި 63 ޕަސެންޓަކީ ތަހުގީގު ނުފަށާ މައްސަލަތައް
ބޮޑު ހިޔާނަތުގައި ކުރި އާއި މިހާރުގެ 61 މެމްބަރުން
ހިޔާނާތުގެ ލިސްޓް އިރުކޮޅަކުން އާންމުކުރާނެ
ސަބް ކޮމިޓީން ނިންމީ ހިޔާނާތުގެ ލިސްޓް އާންމުކުރަން
ކޮމިޓީން އެއްފަރާތްވީ އިންޓަގްރިޓީ ހިފަހައްޓަން: އާޒިމް
ހިޔާނާތާ ގުޅޭ ނަމަ ތަހުގީގު ނުނިމުނަސް ވަކިކުރަންޖެހޭ
ޚިޔާނާތުގެ ފައިސާ ނެގި އެންމެންނަށް ދައުވާކުރަން އެދެފި
"ނޮޓް ނެގޯޝިއަބްލް" ހަ ޗެކެއް ބީއެމްއެލުން ޖަމާކުރި
ޔާމީންގެ ޝަރީއަތް މާދަމާއިން ފެށިގެން ލައިވް