Roadha Mihaaru

ވަރުގަދަ ސެކިއުރިޓީއަކާ އެކު ނަޝީދު ފުރާވަޑައިގެންފި

13 މެއި 2021

ޓެރަރިޒަމްގެ ހަމަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތް ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް މިއަދު ޖަރުމަނަށް ފުރާވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓެރަރިޒަމްގެ ހަމަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތް ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް މިއަދު ޖަރުމަނަށް ފުރާވަޑައިގެންފި އެވެ.

އެމަނިކުފާނު ވަޑައިގަތީ އެއާ އެމްބިއުލާންސެއްގަ އެވެ. އެ މަނިކުފާނު ފުރާވަޑައިގަންނަވާތީ އޭޑީކޭ ހޮސްޕިޓަލް ސަރަހައްދާއި މާލޭގެ އެހެން ބައެއް ހިސާބުގައި ވެސް ސަރަހައްދުގެ ސެކިއުރިޓީ އޮތީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ.

ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި އެ މަނިކުފާނަށް ވަރަށް ސީރިއަސް ޒަހަމްތަކެއްވެ، އޭޑީކޭ ހޮސްޕިޓަލުގައި އުނދަގޫ، ބޮޑު އޮޕަރޭޝަންތަކެއް ކޮށްފައި ވެ އެވެ.

ރައީސް ނަޝީދު އެއާޕޯޓަށް ގެންދާއިރު، ސެކިއުރިޓީ ވަރުގަދަ ކޮށްފައި -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ރައީސް ނަޝީދު އެއާޕޯޓަށް ގެންދާއިރު، ސެކިއުރިޓީ ވަރުގަދަ ކޮށްފައި -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ޖަރުމަނަށް އެމަނިކުފާނު ގެންދިޔައީ، ނަޝީދުގެ އާއިލާއިން ބުނިގޮތުގައި ރިކަވަރީ އާއި ރިހެބިލިޓޭޝަނަށެވެ.

އެ ހަމަލާ އަށް ފަހު ނަޝީދު ރާއްޖެއިން ފުރާވަޑައިގަތް އިރު، އޭޑީކޭ ހޮސްޕިޓަލް ހިމެނޭ ސަރަހައްދާއި މާލޭގެ އެކި ހިސާބުތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް ހަތިޔާރު އެޅި ސިފައިންނާއި ފުލުހުން އައީ ފޯރިމަރުންނެވެ. އޭޑީކޭ ހޮސްޕިޓަލުން ފެށިގެން ބްރިޖާ ހަމައަށް، ކައިރި ކައިރީގައި ހަތިޔާރާ އެކު ސިފައިން އެބަތިއްބެވެ. އަދި ބްރިޖާއި އެއާޕޯޓްގެ ސެކިއުރިޓީ ވެސް ވަނީ މީގެ ކުރިން މިކަހަލަ ކަމެއްގައި ނުކުރާ ވަރަށް ވަރުގަދަ ކޮށްފަ އެވެ.

ނަޝީދުގެ ހާލުކޮޅު މިހާރު ރަނގަޅު ކަމަށް އާއިލާ އިން ބުނެ އެވެ. އެމަނިކުފާނު އާދައިގެ ހާލަތަކަށް ބަދަލުވަމުން އަންނަ ކަން އިއްޔެ އާންމުވި ފޮޓޯތަކުން ވެސް އެނގެ އެވެ. އަދި އެމަނިކުފާނު ރޭ ވަނީ ޓްވީޓް ވެސް ކުރައްވައިފަ އެވެ.