Roadha Mihaaru
ފަރުވާއަށްފަހު ނަޝީދު ހޮސްޕިޓަލުން ދޫކޮށްލައިފި

ފަރުވާއަށްފަހު ނަޝީދު ހޮސްޕިޓަލުން ދޫކޮށްލައިފި

21 މެއި 2021

ޓެރަރިޒަމް ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓެރަރިޒަމް ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

އެ މަނިކުފާނުގެ އެއްބަނޑުއެއްބަފާ ބޭބެ ޑރ. އިބްރާހިމް ނާޝިދު "މިހާރު" އަށް ވިދާޅުވީ ހަފުތާއަކު ދެ ފަހަރު ޗެކަޕް ހެއްދެވުމަށް ނިންމައި ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އެގޮތަށް މަހެއް ވަންދެން ޗެކަޕް ހައްދަވަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"މިހާރު [ނަޝީދަށް] ހަމަ ރަނގަޅަށް ކަންތައް ކުރެވޭ. އެކަމަކު އަދި ދުޅަ އެބަހުރި އެކި ތަންތަނުގައި،" ޑރ. ނާޝިދު ވިދާޅުވި އެވެ.

މި މަހުގެ ހަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި ނަޝީދަށް ލިބުނު ޒަހަމްތަކަށް އެންމެ ފުރަތަމަ ފަރުވާ ދެއްވީ އޭޑީކޭ ހޮސްޕިޓަލުންނެވެ. އޭގެ ފަހުން، އިތުރު ފަރުވާއަށް މިދިޔަ ބުރާސްފަތި ދުވަހު ޖަރުމަނަށް ވަޑައިގެންނެވީ އެވެ.

ޓެރަރިސްޓް ހަމަލާގައި ނަޝީދަށް ލިބުނު ޒަހަމްތަކުގެ ފޮޓޯ، ޑރ. ނާޝިދު އާއްމުކުރައްވައި ކުރެއްވި ޓްވީޓް.

ޗެކަޕްއާއެކު އެ މަނިކުފާނު ރިހެބިލިޓޭޝަން ފަރުވާ ވެސް ފައްޓަވާނެ އެވެ.

ޑރ. ނާޝިދު ކުރިން ވިދާޅުވީ ޖަރުމަނުން ފަރުވާ ފެއްޓެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ. ސްކޭން ރިޕޯޓުތައް ރަނގަޅުކަމަށާއި ހަށިގަނޑުން ފެންނަ ޒަހަމްތައް ރަނގަޅުވުމުން ރަނގަޅުކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނަށް ހަމަލާދޭން ބޭނުންކުރި އައިއީޑީގައި ބޭނުންކޮށްފައި ހުރި ރޭޒާ ފުއްތަކަކާއި މީހުންނަށް ގެއްލުންދޭ ޒާތުގެ އެހެން މައުދަންތަކެއް ހަށިގަނޑުގެ އެތެރެއަށް ވަދެފައިވާތީ އެ ތަކެތި ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭ އިން ކުރަން ޖެހުނެވެ. އެ ޒަހަމްތައް ފެންނަ ފޮޓޯތަކެއް މިދިޔަ ހޮނިހިރު ދުވަހު ވަނީ އާއްމުކޮށްފަ އެވެ.

އާއްމުކުރި ފޮޓޯޓަކުން ފެންނަ ގޮތުގައި ނަޝީދުގެ ބަނޑުފުޅު ވަނީ މެޔާ ހަމައަށް އެއްކޮށް ފަޅާލައިފަ އެވެ. އޭޑީކޭ ޑޮކްޓަރުން ކުރިން ވިދާޅުވެފައިވާ ގޮތުގައި ހަމަލާ ދޭން ގޮއްވާލި އައިއީޑީގައި ހުރި ރޭޒާ ފުއްތަކާއި އެހެން ބައެއް އެއްޗެހި ހަށިގަނޑަށް ވަދެ ގޮހޮރު ވެސް އޮތީ ފޫގޮސްފަ އެވެ. އަދި ގޮހޮރުން ހަށިގަނޑުތެރެއަށް ލީކުވެފައި ވާތީ ސާފުކޮށް ގޮހޮރު ފަހަން ޖެހުނެވެ.

ޖަރުމަނުގައި އިތުރު ފަރުވާ ހޯއްދެވުމުގ ހަރަދު ހަމަޖައްސާފައިވަނީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް ކްރިސްޓިއަން ވޮން ސްޓެޓެން އެވެ. ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް އެ ގައުމުގެ ސަރުކާރުންނެވެ.