Roadha Mihaaru
ނަޝީދު ފަރުވާއަށް މާދަމާ ޖަރުމަނަށް ފުރާވަޑައިގަންނަވަނީ

ނަޝީދު އިތުރު ފަރުވާ އަށް މާދަމާ ޖަރުމަނަށް ފުރާވަޑައިގަންނަވަނީ

12 މެއި 2021

ޓެރަރިޒަމްގެ ހަމަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެއްވުމަށް މާދަމާ ޖަރުމަނަށް ފުރާވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނުގެ އާއިލާ އިން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓެރަރިޒަމްގެ ހަމަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެއްވުމަށް މާދަމާ ޖަރުމަނަށް ފުރާވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނުގެ އާއިލާ އިން މިރޭ ބުނެފި އެވެ.

އެއްބަނޑުއެއްބަފާ ބޭބެފުޅު ޑރ. އިބްރާހިމް ނާޝިދު "މިހާރު" އަށް ވިދާޅުވީ ނަޝީދުގެ ހާލު ރަނގަޅު ކަމަށެވެ. މިހާރު ރަނގަޅަށް ވާހަކަ ވެސް ދެއްކެވޭ ކަމަށް ވިދާޅުވި އެވެ.

ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި އެ މަނިކުފާނަށް ވަރަށް ސީރިއަސް ޒަހަމްތަކެއްވެ، އޭޑީކޭ ހޮސްޕިޓަލުގައި އުނދަގޫ، ބޮޑު އޮޕަރޭޝަންތަކެއް ކޮށްފައި ވެ އެވެ.

ނަޝީދަށް ހަމަލަދީފައި ވަނީ ރޭޒާ ފުށްތަކަކާއި މީހުންނަށް ގެއްލުންދޭ ޒާތުގެ އެހެން މައުދަންތަކެއް ބޭނުން ކޮށްގެން ހަދާފައިވާ އައިއީޑީއަކުން ކަމަށް ވާއިރު، އޭގައި ހުރި ރޭޒާ ފުށްތައް އެ މަނިކުފާނުގެ ހަށިކޮޅު ތެރެއަށް ވަދެފައިވާތީ އެ ތަކެތި ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭ އިން ކުރަން ޖެހުނެވެ.

ޑރ. ނާޝިދު ވިދާޅުވީ ނަޝީދަށް މިހާރު އަމިއްލަ އަށް ކޮޅަށް ތެދުވެވަޑައިގެންނެވޭ ކަމަށެވެ. އެކަމަކު އަދި ފަޔަށް ބާރެއް ނުލެއްވޭ ކަމަށް ވިދާޅުވި އެވެ. ޖަރުމަނަށް ވަޑައިގަންނަވަނީ ވެސް ރިކަވަރީ އާއި ރިހެބިލިޓޭޝަނަށް ކަމަށް ވިދާޅުވި އެވެ.

އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާއިން އާއިލާ އަށް ލިބުނީ ވަރަށް ބޮޑު ޝޮކެއް ކަމަށް ޑރ. ނާޝިދު ކުރިން ވިދާޅުވެފައި ވެ އެވެ. ނަމަވެސް ނަޝީދަކީ ހިތްވަރުގަދަ ބޭފުޅަކަށް ވުމުން މި ފަދަ ހަމަލާއަކުން އެ މަނިކުފާނު ދުލެއް ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ހަމަލާއަށް ފަހު ނަޝީދު ކުރެއްވި ފުރަތަމަ ޓްވީޓުގައި މިރޭ ވިދާޅުވީ ރައްޔިތުން އެދޭ ހެޔޮ ވެރިކަމެއް ހޯދައިދިނުމުގައި ދެމި ހުންނަވާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް މަރުހަބާ އާއި ޝުކުރު،" މާދަމާ ފާހަގަކުރާ ފިތުރު އީދު ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެ މަނިކުފާނު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

އެ ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައި ވެ އެވެ. މި ހަމަލާގެ ފަހަތުގައި ތިބީ ދީނީ ގޮތުން ހައްދު ފަހަނައަޅައި ތިބި މީހުން ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.