Roadha Mihaaru
އިޒްރޭލުން އަލްޖަޒީރާގެ އޮފީސް ޓަވަރު ގޮއްވާލައިފި

ސަލާމަތްވާން އިރުކޮޅެއް ދީފައި، އިޒްރޭލުން އަލްޖަޒީރާ އާއި އޭޕީގެ އޮފީސް އިމާރާތް ގޮއްވާލައިފި

15 މެއި 2021

ހިސާރުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ގާޒާގައި އިސްރޭލުން ހިންގަމުންދާ ޖަރީމާތައް އެންމެ ރަނގަޅަށް ކަވަކުރަމުން ދިޔަ ބައިނަލްއަގުވާމީ މީޑިއާތަކުގެ ތެރެއިން އަލްޖަޒީރާ އާއި އެސޯސިއޭޓެޑް ޕްރެސްގެ އޮފީސް ހުންނަ އިމާރާތަށް މިއަދު ހަމަލާދީ ބިމާ ހަމަކޮށްލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހިސާރުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ގާޒާގައި އިސްރޭލުން ހިންގަމުންދާ ޖަރީމާތައް އެންމެ ރަނގަޅަށް ކަވަކުރަމުން ދިޔަ ބައިނަލްއަގުވާމީ މީޑިއާތަކުގެ ތެރެއިން އަލްޖަޒީރާ އާއި އެސޯސިއޭޓެޑް ޕްރެސްގެ އޮފީސް ހުންނަ އިމާރާތަށް މިއަދު ހަމަލާދީ ބިމާ ހަމަކޮށްލައިފި އެވެ.

އަލްޖަޒީރާ އާއި އޭޕީގެ އޮފީހުގެ އިތުރުން އެތައް އޮފީހެއް ހުންނަ 11 ބުރީގެ އެ އިމާރާތް ގޮއްވައިލުމުގެ ކުރިން އެތަނުން މީހުން ނުކުތުމަށް އިންޒާރުކޮށް ކުޑަ ވަގުތުުކޮޅެއް ދިން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެ އިމާރާތަށް އިޒްރޭލުން މިއަދު ބޮން އަޅާފައި މިވަނީ ފަލަސްތީނުގެ ގިނަ އަދަދެއްގެ އާއްމުން ދިރިއުޅޭ ބޮޑެތި އިމާރާތްތަކުގެ އެންމެ ތިރިއަށް މިސައިލްތައް ފޮނުވައިގެން އެތަންތަން ގޮއްވާލާ މަންޒަރު ރޭ ވަރަށް ސާފުކޮށް ދުރަށް ދައްކާފައި ވަނިކޮށެވެ.

މީޑިއާތައް ހުންނަ އިމާރާތް ގޮއްވައިލި އިރު އަލްޖަޒީރާއިން ދިޔައީ އެ މަންޒަރު ވެސް ލައިވްކޮށް ދުރަށް ދައްކަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ބޮޑު އިމާރާތް ހިރަފުސްގަނޑަކަށްވެ ބިމާ ހަމަވާން ނެގީ މަދު ސިކުންތުކޮޅެކެވެ. މީހުންނާއި އިމާރާތުން ތޮއްޖެހިފައިވާ ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ބޭނުންކުރަމުންދާ ހަތިޔާރުގެ ނުރައްކާތެރިކަން އެކަމުން ފެނެ އެވެ.

ގާޒާގައި ހުންނަ އަލްޖަޒީރާގެ ކަރެސްޕޮންޑެންޓް ސަފްވަތު އަލް ކަހްލޫތު ބުނީ ފާއިތުވި 11 އަހަރު އޭނާ މަސައްކަތްކުރީ އަދި ދިރިއުޅުނީ ވެސް އެ އިމާރާތުގައި ކަމަށާއި އެ އިމާރާތް ކުއްލިއަކަށް ނެތިގެން ދިއުން ބަރުދާސްތުކުރަން ދަތި ކަމަށެވެ.

"ހުރިހާ އެއްޗެއް ގެއްލިގެން ދިޔައީ އެންމެ ދެ ސިކުންތުގެ ތެރޭގައި،" އަލްޖަޒީރާ އިންގްލިޝްގެ ޚަބަރަށް އޭނާ ބުންޏެވެ.

އޭނާ ބުނެފައިވާ ގޮތުގައި އިމާރާތް ދޫކޮށް ދާން ޖެހުނަސް އަދި އެތަން ގޮއްވައިލުމުން ލިބުނު ހިތާމައާ އެކުގައި ވެސް ކަވަރޭޖް ކުރިއަށް ގެންދަން އަލްޖަޒީޒާ ކުރޫއަށް ކުރެވެން އޮތް ކަމެއް ކުރި އެވެ.

އަލްޖަޒީރާގެ އެހެން ނޫސްވެރިއެއް ކަމަށްވާ ހެރީ ފައުސެޓް ވެސް ބުނީ އެއީ ހުރިހާ ނޫސްވެރިންނަށް ވެސް ވަރަށް "ޕާސަނަލް" ވަގުުތުކޮޅެއް ކަމަށެވެ. އެއިމާރާތް މިހާރު ނެތްކަން ކުއްލިއަކަށް ގަބޫލުކުރުމަކީ އޭނާ ވެސް ބުނެފައިވާ ގޮތުގައި ތަހައްމަލުކުރަން އުނދަގޫ އިހުސާސެކެވެ.

އިޒްރޭލުން ފަލަސްތީނު މީހުންނަށް ދެމުންދާ ހަމަލާތަކުގަައި ޝަހީދުވި މީހުންގެ އަދަދަކީ މިހާރު އެންމެ މަދުވެގެން 140 އެވެ. އޭގެ ތެރޭގައި 39 ކުޑަކުދިން ހިމެނެ އެވެ. އޭގެ އިތުރުން 950 މީހުން ޒަހަމްވެސް ވި އެވެ.

ބޮން އެޅުމުގެ އިތުރުން ބޮޑުބަޑިއާއި އެހެންނިހެން ބަރުހަތިޔާރުތައް ސަރަހައްދީ ރޮނގަށް ޖަމާކޮށް، ގާޒާއަށް އަރައިގަތުމަށް ވެސް އިޒްރޭލުން ދަނީ ތައްޔާރުވަމުންނެވެ. ގާޒާ ކޮންޓްރޯލްކުރާ ހަމާސް އިން ވެސް ދަނީ އެޖަމާއަތުގެ އަތުގަައި ހުރި ނަމަ ހުރި ހަތިޔާރެއް އިޒްރޭލާ ދެކޮޅަށް ބޭނުންކުރަމުންނެވެ. އެގޮތުން ދިން ހަމަލާތަކުގައި އިޒްރޭލުގެ 10 ވަރަކަށް މީހުން މަރުވި ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުންޏެވެ.