Roadha Mihaaru
ހަރުކަށި ފިޔަވަޅުތައް އިތުރު 14 ދުވަހަށް ދަންމާލައިފި

ހަރުކަށި ފިޔަވަޅުތައް އިތުރު 14 ދުވަހަށް ދަންމާލައިފި

15 މެއި 2021

ކޮވިޑު-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދު ހިމެނޭ ގޮތަށް މުޅި ރާއްޖޭގައި އެޅި ހަރުކަށި ފިޔަވަޅުތައް އިތުރު 14 ދުވަހަށް އެޗްޕީއޭ އިން މިރޭ ދަންމާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދު ހިމެނޭ ގޮތަށް މުޅި ރާއްޖޭގައި އެޅި ހަރުކަށި ފިޔަވަޅުތައް އިތުރު 14 ދުވަހަށް އެޗްޕީއޭ އިން މިރޭ ދަންމާލައިފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އެންގުމުގެ ދަށުން މި ފަހަރު އިތުރު 14 ދުވަހަށް ދަންމައިލީ މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތަކެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ދަތުރުކުރުމުގައި ދިން ލުއިތައް މެދުކަނޑާލުމާއި މާލެ ސަރަހައްދުގެ ޕާކުތަކާއި މައިޒާންކާއި ކުޅިވަރު ކުޅޭ ތަންތަނާއި ޓްރެކުތައް ބަންދުކުރުން ހިމެނެ އެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވެސް މި މަހުގެ ތިންވަނަ ދުވަހު އެޅި ފިޔަވަޅުތަކުގެ ދަށުން ވަނީ މަނާކޮށްފަ އެވެ.

އޭގެ އިތުރުން އިންޑިއާ އިން ރާއްޖެ އަންނަ ދިވެހިންނާއި ވޯކްޕާމިޓު ހޯލްޑަރުން 14 ދުވަހަށް ކަރަންޓީންކުރުމާއި ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުމާއި އެ ރަށް ރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުން ހިމެނެ އެވެ.

ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށުން އެހެން ރަށްރަށަށް ދަތުކުރާނަމަ 10 ދުވަހަށް ކަރަންޓީނުވާން ވެސް އަންގާފައި ވެ އެވެ.

ނަމަވެސް، މާލެ ސަރަހައްދުގައި މިދިޔަ ބުދަ ދުވަހުން ފެށިގެން ހަވީރު 4 އިން ފަތިހު 4 އަށް އިއުލާންކޮށްފައިވާ ކާފިއުގެ މުއްދަތު އަދި އިތުރެއް ނުކުރެ އެވެ. އެ މުއްދަތު އޮތީ އަދި ހަތް ދުވަހުގެ މުއްދަތަކަށެވެ.