Roadha Mihaaru
ޕޮޒިޓީވްވީ މީހުން މަދު: ޓެސްޓުކުރި ވަރު ވެސް މަދު

ކޮވިޑް-19: ޕޮޒިޓީވްވީ މީހުން މިއަދު މަދު: ޓެސްޓުކުރި ވަރު ވެސް މަދު

16 މެއި 2021

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އަލަށް ކޮވިޑް ޖެހުނީ 741 މީހަކަށް ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ. މިއީ މިދޔަ ތިން ދުވަހާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އަލަށް ކޮވިޑް ޖެހުނީ 741 މީހަކަށް ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ. މިއީ މިދޔަ ތިން ދުވަހާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް އަލަށް ކޮވިޑް ޖެހުނީ 515 މީހަކަށެވެ. ކުރީގެ ދުވަސްތަކުގެ ބައެއް ސާމްޕަލްތަކާއެކު ޖުމުލަ 741 އާ ކޭސް ފެނިފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. އެއީ 2،881 މީހުން ޓެސްޓު ކޮށްގެން ލިބުނު ނަތީޖާ އެވެ.

ޕޮޒިޓީވްވި މީހުންގެ އަދަދު މިއަދު މަދުވިއިރު، އެހެން ދުވަސްތަކަށް ވުރެ ޓެސްޓުކުރި ސާމްޕަލްތަކުގެ އަދުދު ވެސް ވަނީ މަދުވެފަ އެވެ.

ރާއްޖޭގައި މިވަގުތު 15،958 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން 262 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މިހާތަނަށް 44،523 މީހަކަށް ކޮވިޑް ޖެހިފައިވާ އިރު، 28،459 މީހުން ވަނީ އެ ބަލިން ފަސޭހަވެފަ އެވެ. ރާއްޖެ އިން މިހާތަނަށް 94 މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފަ އެވެ.

ކޮވިޑް-19 ގެ ކޭސްތައް އިތުރުވުމާ ގުޅިގެން ސަރުކާރުން މުޅި ރާއްޖޭގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ އިރު އިއްޔެ ވަނީ އެ ފިޔަވަޅުތައް އިތުރު މުއްދަތަކަށް ދިގު ދަންމާލައިފަ އެވެ.