Roadha Mihaaru
ބޮމުގެ ހަމަލާގެ ތަހުގީގު ދަނީ ރަނޅަށް: އަަސްލަމް

ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް އިތުބާރު އެބައޮތް: އަސްލަމް

17 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބަޔުކު ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ ގޮތާ މެދު އިތުބާރު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބަޔުކު ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ ގޮތާ މެދު އިތުބާރު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް އެ ހަމަލާ އަމާޒުކުރީ، އެމްއެންޑީއެފުން ދެމުން އައި ސެކިއުރިޓީ ބްރީޗްވުން ކަމަށް ބަލައި، އެކަން އެގޮތަށް މެދުވެރިވި ގޮތް ބަލަން ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައި، އެ ކަމާ ބެހޭ ރިޕޯޓް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅައި ފާސްކުރި އެވެ. އެ ރިޕޯޓު މަޖިލީހުން ފާސްކުރުމަށް ފަހު ވެސް އެ އަށް ބަހުސް ކުރެއްވިއިރު، ކަންކަން ކުރިއަށް ގެންދާ ގޮތާ މެދު މެމްބަރުންގެ ކަންބޮޑުވުން ހުއްޓެވެ.

އެހެންވީމާ އެކަންކަން ފުރިހަމަކުރުމުގެ މަސައްކަތް އަޅުގަނޑުގެ މައުލޫމާތުގައި ފުލުހުން ކުރައްވަމުން އެ ގެންދަވަނީ. އަޅުގަނޑަށް އަދި ހަމަ ޔަގީނުން ވެސް އިތުބާރު އެބަ އޮތް. އަޅުގަނޑަށް އެ އިތުބާރު ނެތް ދުވަހަކުން، ތިޔަ ބޭފުޅުންނަށް ޔަގީންކަން ދެން، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތަކުން އަޅުގަނޑު އެތާކު ނީންނާނަން-- އަސްލަމް

ތަހުގީގު ލަސްކަމަށް ވިދާޅުވެ، އެކަމާ ދެކޮޅަށް މުޒާހަރާ ކުރަން ވެސް އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު ގޮވައިލެއްވި އެވެ. އެ ހަމަމަލައާ ގުޅިގެން ގިނަ ބަޔަކު ހައްޔަރު ނުކުރާތީ ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޝިޔާން ވެސް ފާޑުވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން އަސްލަމް ވިދާޅުވީ، ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ތަހުގީގުގެ މައުލޫމާތު އޭނާ އަށް ލިބިވަޑައިގަންނަވާ ކަމަށާއި ކޮމިޓީގެ އެހެން މެމްބަރުންނަށް ވެސް އެ މައުލޫމާތު ކަމާ ގުޅޭ ފަރާތްތަކުން ހިއްސާ ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ތަހުގީގުގެ މައުލޫމާތު ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ބައެއް މެމްބަރުން ވާހަކަ ދެއްކެވި ނަމަވެސް، ތަހުގީގެއް ހިނގަމުންދާ އިރު ލިބޭ ހުރިހާ މައުލޫމާތެއް އެންމެންނަކަށް ނުދެވޭނެ އެވެ.

"ލިބޭ މައުލޫމާތުގެ އަލީގައި އިތުރަށް މައުލޫމާތު ހޯދަނީ. ލިބޭ މައުލޫމާތުގެ އަލީގައި އިތުރަށް ހެކި އެއްކުރަން މި ޖެހެނީ،" އަސްލަމް ވިދާޅުވި އެވެ.

ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދު މަދުވެ، ފާޑުވިދާޅުވި ބޭފުޅުންނަށްް ރައްދު ދެއްވައި އަސްލަމް ވިދާޅުވީ މީހުން ހިފާ ހައްޔަރު ކުރެވޭނީ ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ކަމަށެވެ. ހައްޔަރުކުރާ މީހުން ބަންދުގައި ބައިތިއްބަނީ ވެސް އެ މީހުންނާ ދެކޮޅަށް ހެކި އެއްކޮށް، އެ ހެކި ކޯޓަށް ހުށަހަޅައިގެން ކަަމަށް ވިދާޅުވި އެވެ.

"އެހެންވީމާ އެ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް އަޅުގަނޑުގެ މައުލޫމާތުގައި ފުލުހުން ކުރައްވަމުން އެ ގެންދަވަނީ. އަޅުގަނޑަށް އަދި ހަމަ ޔަގީނުން ވެސް އިތުބާރު އެބަ އޮތް. އަޅުގަނޑަށް އެ އިތުބާރު ނެތް ދުވަހަކުން، ތިޔަބޭފުޅުންނަށް ޔަގީންކަން ދެން، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތަކުން އަޅުގަނޑު އެތާކު ނީންނާނަން،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ގާތުން ބައްލަވައި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އިންޓެލިޖެންސްް އޯޑިޓެއް ކުރަން އެންގެވީ އެގޮތުން ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައިގެ ތުހުމަތަށް މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު، މާ ގިނަ ތަފުސީލުތަކެއް ފުލުހުން އަދި އާންމެއް ނުކުރެ އެވެ.