Roadha Mihaaru
ލޭ އޮހޮރުވަން ގޮވުން ހުއްޓުވަން ގޮވާލައި މައްސަލައެއް

ލޭ އޮހޮރުވަން ގޮވާ މީހުންނަށް އަވަސް ފިޔަވަޅު އަޅަން ގޮވާލައި މަޖިލީހަށް މައްސަަލައެއް ހުށަހަަޅައިފި

18 މެއި 2021

ވަކިވަކި ފަރުދުންނާ މެދު ނަފުރަތު އުފައްދާ، ހަރުކަށިފިކުރު ފަތުރައި ލޭ އޮހޮރުވަން ގޮވައިލުން އާއްމުވެފައިވާތީ އެކަން ހުއްޓުވަން ގޮވާލައްވައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަަސީމް ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ވަކިވަކި ފަރުދުންނާ މެދު ނަފުރަތު އުފައްދާ، ހަރުކަށިފިކުރު ފަތުރައި ލޭ އޮހޮރުވަން ގޮވައިލުން އާއްމުވެފައިވާތީ އެކަން ހުއްޓުވަން ގޮވާލައްވައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަަސީމް ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާގައި އެ މައްސަލަ ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ ސޯޝަލް މީޑީއާގައި ވަކި ފަރުދުންނާ މެދު އުފައްދައި ލޭ ހުއްދަކަމަށް ބުނެ ތަފާތު ލޭބަލްތައް އެޅުވުން ފަހަކަށް އައިސް އާއްމުވެފައިވާ ކަމަށެވެ. އެކަން އެގޮތަށް ކުރަނީ ހަރުކަށިފިކުރުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

މީހުންގެ ލޭ ހުއްދަކޮށްގެން ސޯޝަލް މީޑިއާގައި ދައްކާ ވާހަކައިގެ އެއް މިސާލެއްގެ ގޮތުގައި އޭނާ ގެންނެވީ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދަށް އަމާޒުކޮށް، "އޭނާ އަކީ މަރައިލަން ޖެހޭ މީހެއް" ކަަމަށް ލިޔެ، ފޭސްބުކްގައި މީހަކު ޖެހިކަމަށް ބުނާ ސްޓޭޓަސްއެކެވެ. މައްސަލައިގެ ބަހުސްގައި މީކާއީލް ވިދާޅުވީ ނުރުހޭ ބަހެއް ބުނެލާފައިވާ މީހެއް ނަމަ، އެެމީހަކީ މުރުތައްދެއް ކަމަށް ކަމަށް ގޮވުމާއި މީހުން މެރުމަށާއި އެންދުމަށް ގޮވުން ފަދަ ވާހަކަ ދެއްކުން މިހާރު އާއްމު ވެފައިވާ ކަމަށެވެެ. އެފަދަ ބަސްމަގު އާއްމުވެގެން ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް އޭނާާ ވިދާޅުވި އެވެ.

"ކިތައް ފުރާނަ އަޅުގަނޑުމެންނާ ވަކިވެ ހިނގައްޖެތޯ؟ ކިތައް މީހުން މަރުވެ ހިނގައްޖެތޯ އިއްޒަތްތެެރި ރައީސް. ހަމަ މި ބަސްމަގާ ހުރެ،" އޭނާ ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު އަވަހާރަކޮށްލަން ޖެހޭ ކަމަށް ސޯޝަލް މީޑިއާގައި ބުނި މީހާއަށް އެޅުނު މާބޮޑު ކަމެއް ނެތް ކަަމަށާއި އެޅި ހަމަ އެކަނި ފިޔަވަޅަކީ ސިވިލް ސާވިސްގައި އޭނާ ހުރި ވަޒީފާއިން ސަސްޕެންޑް ކުރުން ކަމަށް ވެސް މީކާއީލް ވިދާޅުވި އެވެ. އެ ވާހަކަ އެގޮތަށް ދެއްކި މީހާ ހުރީ ބުނަން ބޭނުން ކޮންމެ އެއްޗެއް ބުނެވޭ ގޮތަށް މިނިވަން ކަމުގައި ކަމަށް ވެސް މީކާއީލް ވިދާޅުވި އެވެ.

ފާޅުގައި ލޭ އޮހޮރުވަން ގޮވައިލުމުގެ ދެވަނަ މިސާލެއްގެ ގޮތުގައި މީކާއީލް ދެއްކެވީ މަޖިލީހުގެ ޖަލްސާއެއް ލައިވްކުރަމުން ދިޔަ އިރު "މަޖިލިސް ގޮއްވައިލަން ޖެހޭ" ކަމަށް ބުނި މީހެއްގެ ވާހަކައެވެ. އޭނާ ވިދާޅވީ އެއީ ސަރުކާރުގެ ކުންފުންޏެއްގައި އުޅޭ، ކާކުކަން އެނގޭ މީީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމީހާއަށް އެޅި ފިޔަވަޅެއް ނޭނގޭ ކަމަށް މީކާއީލް ވިދާޅުވުމުން ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލިސް ގޮއްވައިލަން ޖެހޭ ކަމަށް ބުނި މީހާގެ މައްސަލަ ހަމަ އޭރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.