Roadha Mihaaru
ނަފްރަަތުގެ ބިލާ ބެހޭ ގޮތުން މަޝްވަރާއެއް ނުކުރޭ: ޖޭޕީ

ނަފްރަތު އުފެއްދުން ހުއްޓުވުމުގެ ބިލާ ބެހޭ ގޮތުން މަޝްވަރާއެއް ނުކުރޭ: ޖޭޕީ

16 ޖޫން 2021

އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދަން ކަމަށް ބުނެ ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ބިލެއް ހުށަހެޅީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ވެސް މަޝްވަރާކޮށްފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރަކު ވިދާޅުވުމުން އެ ޕާޓީން އެކަން މިއަދު ދޮގުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދަން ކަމަށް ބުނެ ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ބިލެއް ހުށަހެޅީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ވެސް މަޝްވަރާކޮށްފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރަކު ވިދާޅުވުމުން އެ ޕާޓީން އެކަން މިއަދު ދޮގުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ ގާނޫނުލްއުގޫބާތަށް މާއްދާއެއް އިތުރުކުރަން ސަރުކާރުގެ ފަރާތުުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާންް ހުސައިން ހުށަހެޅުއްވި ބިލަށް ކޯލިޝަން ޕާޓީތަކާ އެކު މަޝްވަރާ ނުކޮށް އޮންނާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. ހަލީމް ވިދާޅުވީ މަޝްވަރާ ނުކުރާ ކަމަށް ކޯލިޝަންގެ ޕާޓީތަކުން ބުނާ ކަމަށާއި އެއީ ވަރަށް ހިތާމަހުރި ކަމެއް ކަަމަށެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުން ކުރާ ކަމަކުން ރައްްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިއްޖެ ނަމަ ކޯލިޝަން ޕާޓީތައް އެކަމަކުން ރެކެ އެވެ. އެކަމަކު ސަރުކާރުން ރަނގަޅު ކަމެއް ކޮށްްފިއްޔާ އެކަމުގައި ހިއްސާވާ ކަމަށް ދައުވާ ކުރާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

"މިއަދު މި ފެންނަނީ ސަރުކާރުން ހުށަހަޅާ ބިލެއް ވެސް، [އޭގެ ސަބަބުން] ނުތަނަވަސްކަން މީހުންގެ ކުރިމަތީގައި ބޮޑުވެގެން ދިޔައިމާ އެއީ ކޯލިޝަނާ ގުޅުން ހުރި ކަމެއް ނޫން. އެއީ ރައީސުލް ޖުމްހޫރިއްޔާ އާއި އެމްޑީޕީއާ [ގުޅޭ ކަމެއް]،" އޭނާ ވިދާޅުވި އެވެ.

ދޮންބިލެތް ހަލީމްގެ މި ވާހަކަތަކާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް މިރޭ "މިހާރު" އަށް ވިދާޅުވީ ހަލީމް އެއީ ދޮގެއް ކަމަށާއި ބިލާ ބެހޭ ގޮތުން ސަރުކާރުން ޖޭޕީއާ މަޝްވަރާ ނުކުރާ ކަމަށެވެ. އެ ބިލާ އެ ޕާޓީން ދެކޮޅު ކަމަށާއި ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ވެސް ނެރެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޕާޓީއަކާ އެއްވެސް މަޝްވަރާއެއް ނުކުރޭ. އެ ބިލާ މެދު ޕާޓީގެ ހުރި ކަންބޮޑުވުންތައް ފާޅުކޮށް ބަޔާނެއް ވެސް އެއޮތީ ނެރެފައި. އަނެއްކާ މި ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެ އޮތީ އަމިއްލަފުޅު ހައިސިއްޔަތުން ވެސް ބިލު ކުށްވެރިކޮށް ވާހަކަ ދައްކަވާފައި،" އަލީ އާރިފް ވިދާޅުވި އެވެ.

ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެކޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެކޭ، އާއްމު ތަނެއްގައި ބުނާ މީހަކަށް ޖަލު ހުކުމެއް ކުރެވޭ ގޮތަށް ގާނޫނުލްއުގޫބާތަށް މާއްދާއެއް އިތުރުކުރަން ހުށަހެޅި ބިލާ ބެހޭ ގޮތުން ޖޭޕީން ނެރުނު ބަޔާނުގައި ބުނީ އިސްލާމްދީނަށާއި ﷲއަށް އަދި ރަސޫލާ އަށް ފުރައްސާރަކުރާ މީހަކާާ ދިމާލަށް ދީނާ ދެކޮޅު މީހެކޭ ނުބުނެވޭ ގޮތެއް ނުހެދޭނެ ކަމަށެވެ.