Roadha Mihaaru
ބިލު ހުށަހެޅީ ދީނީ ވިސްނުމަކުން: ހިސާން

ހިސާންގެ ރައްދު: ބިލް ހުށަހެޅީ ދީނީ ވިސްނުމަކުން، ހަމައެކަނި ޑިމޮކްރަސީގެ ވިސްނުމަކުން ނޫން

15 ޖޫން 2021

ނަަފުރަތު އުފެއްދުން ހުއްޓުވުމަށް ޓަކައި ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލަކީ އިސްލާމީ ވިސްނުމަކުން ހުށަހެޅުއްވި ބިލެއް ކަމަށް ވިދާޅުވެ، އޭނާ މިއަދު އެ ބިލް ދިފާއުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ނަަފުރަތު އުފެއްދުން ހުއްޓުވުމަށް ޓަކައި ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލަކީ އިސްލާމީ ވިސްނުމަކުން ހުށަހެޅުއްވި ބިލެއް ކަމަށް ވިދާޅުވެ، އޭނާ މިއަދު އެ ބިލް ދިފާއުކުރައްވައިފި އެވެ.

މުސްލިމަކާ ދިމާލަށް ކާފަރަކަށް ގޮވުމަކީ ޖިނާއީ ކުށަކަށް ހަދަން ހުށަހެޅި ބިލްގެ ބަހުސް، މަޖިލީހުގައި ފެށުމުގެގޮތުން ހިސާން ވިދާޅުވީ އެ ބިލް ޑިޒައިން ކޮށްފައި ވަނީ ހަމައެކަނި ޑިމޮކްރެޓިކް ނިޒާމުތަކަކަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ރަސޫލާގެ ހަދީސް ބަސްފުޅުތަކާއި އެ ބަސްފުޅުތަކާ މެދު އިމާމުން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ރިއާޔަތްކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިހެން ވިދާޅުވެ، ބައެއް ހަދީސްތަކުގެ މާނަ އާއި އެ ހަދީސްތަކުގެ ޝަރަހައިގައި ބައެއް އިލްމުވެރިން ދައްކަވާފައިވާ ވާހަކަތައް އޭނާ ވިދާޅުވި އެވެ.

މިއަދު މި ހުށަހެޅޭ، ގާނޫނުލްއުގޫބާތަށް ގެނެވޭ އިސްލާހަކީ އުސާމަތުގެފާނުގެ ހާދިސާއިން ވިސްނުން ނަގައިގެން ފަރުމާކޮށްފައިވާ ބިލެއް. މި ބިލް ފަރުމާކުރުމުގައި ހަމަ ޔަގީނުން ބަލާފައި ވަނީ ހަމައެކަނި ދުނިޔޭގެ ޑިމޮކްރެޓިކް ނިޒާމުތަކަކަށް ނޫން. މި ބިލް ފަރުމާކުރުމުގައި ބަޔާންވެ ދިޔަ ހަދީސް ބަސްފުޅުތަކާ ގުޅިގެން ބޮޑެތި އިމާމުންގެ ބަސްފުޅުތަކަށް ވަނީ ރިއާޔަތް ކުރެވިފައި--- ހިސާން

ހަނގުރާމައެއްގައި އުސާމަތު ބިން ޒައިދުގެފާނު މީހަކު ފަހައި ދުވެ ވަޑައިގެން، އޭނާ ޝަހާދަތުގެ ދެކަލިމަ ކިއުމުން ވެސް ގަތުލު ކުރެއްވި ހާދިސާ، ސަހީހު ބުޚާރީއާ ހަވާލާ ދެއްވައި ހިސާން ވިދާޅުވި އެވެ. އެ ހާދިސާގައި އުސާމަތުގެފާނާ ރަސޫލާ ކުރެއްވި ސުވާލުތަކުގެ ވާހަކަ ތަކުރާރުކޮށް ދެއްކެވުމަށް ފަހު ހިސާން ވިދާޅުވީ ބިލް ފަރުމާކޮށްފައި ވާނީ އެ ހާދިިސާ އަށް ރިއާޔަތްކޮށްގެން ކަމަށެވެ.

"މިއަދު މި ހުށަހެޅޭ، ގާނޫނުލް އުގޫބާތަށް ގެނެވޭ އިސްލާހަކީ އުސާމަތުގެފާނުގެ ހާދިސާއިން ވިސްނުން ނަގައިގެން ފަރުމާކޮށްފައިވާ ބިލެއް. މި ބިލް ފަރުމާކުރުމުގައި ހަމަ ޔަގީނުން ބަލާފައި ވަނީ ހަމައެކަނި ދުނިޔޭގެ ޑިމޮކްރެޓިކް ނިޒާމުތަކަކަށް ނޫން. މި ބިލް ފަރުމާކުރުމުގައި ބަޔާންވެ ދިޔަ ހަދީސް ބަސްފުޅުތަކާ ގުޅިގެން ބޮޑެތި އިމާމުންގެ ބަސްފުޅުތަކަށް ވަނީ ރިއާޔަތް ކުރެވިފައި،" ހިސާން ވިދާޅުވި އެވެ.

ހިސާން ހުށަހެޅުއްވި ބިލާ މެދު ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންނާއި އާއްމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ބިލް މިހާރު އޮތް ގޮތަށް ފާސްކޮށްފި ނަމަ އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ މީހުންނަށްް ބޮޑު މިނިވަންކަމެއް ލިބިގެންދާނެ ކަމަށެވެ. އޭރުން އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކުރާ، މީހުން ފާޅުގައި ނުކުތުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އޭގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ހިސާން ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކޮށް ތައުހީނުކުރުމަކީ މިހާރު ވެސް ރާއްޖޭގައި ކުށެއް ކަމަށެވެ. އެކަމަކު މީހަކު ދީނުން ބޭރުވިކަން ކަނޑައެޅުމަކީ ދައުލަތުން ކުރާ ކަމެއް ކަމަށާއި އެއީ އާއްމުންގެ އަތްމައްޗަށް ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނުރަނގަޅު މަގަކުން މީހަކު ދާ ނަމަ، ނުވަތަ މީހެއްގެ އަގީދާ ބަލިކަށިވެއްޖެކަން އެނގިއްޖެ ނަމަ އެކަން ފާހަގަކޮށް އެ މީހަކަށް ހެޔޮ ނަސޭހަތްދިނުން މި ބިލް މަނައެއް ނުކުރޭ،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ބިލުގެ މަގުސަދަކީ މީހުންގެ އަގީދާ އާ ގުޅުވައިގެން ނަފުރަތު އުފެއްދުމުގެ ސަބަބުން އެއާ ގުޅިގެން ހިންގާ ޖަރީމާތައް ހުއްޓުވުމެވެ. އެ ނޫން ގޮތަކަށް ދޭހަވާ އިބާރާތްތަކެއް ބިލުގައި އޮތް ނަމަ ކޮމިޓީ މަރުހަލާގައި އެ އިބާރާތެއް އިސްލާހުކުރަން އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.