Roadha Mihaaru
މާލޭގެ ދަފްތަރުގައި ޖެއްސުން މެދުކަނޑާލައިފި

ގެދޮރުގެ މައްސަލަ ހައްލުކުރާނެ މަގު ޗާޓެއް އެކުލަަވާލުމަށް މާލޭ ދަފްތަރުގައި ޖެއްސުން މެދުކަނޑާލައިފި

18 މެއި 2021

މާލެއަށް ދިމާވެފައިވާ ގެދޮރުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މަގު ޗާޓެއް އެކުލަވާލެވެންދެން، މާލޭ ދަފްތަރުގައި މީހުން ޖެއްސުން މެދުކަަނޑާލަން ނިންމާފައިވާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލެއަށް ދިމާވެފައިވާ ގެދޮރުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މަގު ޗާޓެއް އެކުލަވާލެވެންދެން، މާލޭ ދަފްތަރުގައި މީހުން ޖެއްސުން މެދުކަަނޑާލަން ނިންމާފައިވާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރު ކަމަށް ހަވާލުވެވަޑައިގެންނެވުމަށް ފަހު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި، މުއިއްްޒު ވިދާޅުވީ، މާލޭގެ ދަފްތަރުގައި ޖެހިފައިވާ މީހުންނަށް ގެދޮރުގެ މައްސަލަ ހައްލުކުރާނެ ގޮތުގެ މަގު ޗާޓެއް ސަރުކާރާ މަޝްވަރާކޮށްގެން ކަނޑައަޅަން ނިންްމާފައިވާ ކަމަށެވެ.

އެ މަސައްކަތާއި ދަފްތަރުގައި ޖެއްސުމަށް ހަަރުދަނާ އުސޫލެއް ކަނޑައެޅެންދެން ދަފްތަރުގައި މީހުން ޖެއްސުން މެދުކަނޑާލަން ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން މިހާރު ދަފްތަރުގައި 1700 އެއްހާ މީހުން ޖެހިފައި ތިބިއިރު އެމީހުންގެ ދިރިއުޅުމުގެ ހާލަތާއި އެމީހުންނަށް ގެދޮރުގެ މައްސަލަ ހައްލުކޮށްދެވޭނެ ގޮތަކާއި އެމީހުންގެ ތެރެއިން ސަރުކާރުގެ އެކި މަޝްރޫއުތަކުން ގެދޮރު މިހާރު ހަމަޖެހުނީ ކިތައް މީހުންނަށްތޯ ވެސް ބަލާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އެ ހުރިހާ ކަމެއް ހިމެނޭ ގޮތަށް މަގު ޗާޓެއް ކަނޑައަޅައި، މިހާރު ދަފްތަރުގައި ޖެހޭ އިރު އޮންނަ އުސޫލަކީ ރަނގަޅު އުސޫލެއްތޯ ވެސް ބަލާނެ އެވެ.

"މަގްސަދު ހާސިލުކުރުމަށް ރަނގަޅު އުސޫލެއްތޯ. ގާނޫނެއް ވިއްޔާ ގާނޫނަކަށް ގެންނަން ޖެހޭ ބަދަލެއް ވިއްޔާ ގެނެސް، އެކަން ކުރެވެންދެކަށް ދަފްތަރުގައި އިތުރަށް ނުޖައްސާ ގޮތަށް މިއަދު އަޅުގަނޑުމެންގެ ކައުންސިލުގެ އިއްތިފާގުން ނިންމީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ނަމެއްގައި ދަފްތަރުގައި ޖެއްސުމަށް ވުރެ މަގްސަދެއް ހާސިލުކުރުމުގެ ގޮތުން އެކަން ކުރުން މުހިއްމެވެ. އެެހެންވެ، އުސޫލުތަކެއް ކަނޑައެޅެންދެން ދަފްތަރުގައި ޖެއްސުން މެދުކަނޑާލަން ނިންމުމަކީ އެކަން ހަމަ މަގަށް އެޅުމަށް ނިންމި ނިންމުމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މާލޭ މީހުން ދަފްތަރުގައި ރަޖިސްޓްރީކޮށްދޭން ފެށީ 1987ގަ އެވެ. އަދި މާލޭގައި އުޅޭތާ ފަސް އަހަރު ވެގެން މާލޭގެ ރަށްވެއްސަކަށް ވާން އެދޭ ރަށްރަށު މީހުންނަށް 1994 ގައި ދަފްތަރުން ފުރުސަތު ދޭން ފެށި އެވެ. ކައުންސިލްގެ ރިޕޯޓްގައިވާ ގޮތުން ދަފްތަރުގެ މަގްސަދަކީ މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެސް އެކި ސަބަބުތަކާ ހުރެ ގެއެއްގައި ރަޖިސްޓްރީ ނުވެވޭ މީހުންނަށް ވެސް އެ ފުރުސަތު ލިބޭނެ ގޮތް ދަފްތަރުން ހަމަޖައްސައިދިނުމެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރުމުގެ ގޮތުން ނުވަތަ އާމްދަނީ ހޯދުމަށް މަސައްކަތްކުރަން މާލޭގައި ދިރިއުޅޭ މީހުންނަށް ވެސް ރަޖިސްޓްރީ ވާނެ ފުރުސަތު ހޯދައިދިނުން ކަމަށް މި ރިޕޯޓްގައިވެ އެވެ. ދަފްތަރުގައި މިހާތަނަށް ޖެހުނު މާލޭ ރައްޔިތުންގެ އަދަދަކީ 3،000 އެވެ. އެއަށް ވުރެ ރަށްރަށުގެ މީހުންގެ ނިސްބަތް އިތުރެވެ.

ދަފްތަރާއި ގޭގޭގައި ރަޖިސްޓްރީވުން ހިމެނޭ ގޮތަށް ވޭތުވެދިޔަ 26 އަހަރު ތެރޭ ރަށްރަށުގެ 15،000 އަށް ވުރެ ގިނަ މީހުން މާލޭގެ ރަށްވެހިކަން ހޯދާފައިވާކަމަށް ކައުންސިލްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.