Roadha Mihaaru
އީސަ ހައްޔަރު ކުރަން އަމުރެއް ނުދިން

އީސަ ހައްޔަރު ކުރަން އަމުރެއް ނުދިން

20 މެއި 2021

ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ފުލުހުން އެދުނު ނަމަވެސް، އެ އަމުރު ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިރޭ ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ފުލުހުން އެދުނު ނަމަވެސް، އެ އަމުރު ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިރޭ ނިންމައިފި އެވެ.

އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާކުރި މައްސަލައިގެ ތަހުގީގަށް އީސަ ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެދިނުމަށް ފުލުހުން އެދުނީ ރޭގެ ވަގުތެއްގަ އެވެ. އެހެންވެ، ޕީޖީ އޮފީހުން އެ އަމުރު ހޯދުމަށް ކޯޓަށް މިއަދު ހުށަހެޅި އެވެ.

ކްރިމިނަލް ކޯޓުގައި ހުންނެވި އެކަނި އަންހެން ގާޒީ ދީބާ ނާޒް ފަހުމީ އަމުރާ މެދު ނިންމި ނިންމުމުގައި ބުނެފައިވާ ގޮތުން، އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަބަބުތަކެއް ހުރި ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން އީސަ ހައްޔަރު ކުރުމުގެ އަމުރެއް ނެރެދެވޭނެ ގާނޫނީ ބިނާއެއް ނެތެވެ.

ނިންމުމުގައި ބުނެފައިވާ ގޮތުން، އީސަ ހައްޔަރުކުރަން ޖެހޭ ސަބަބުތަކުގެ ތެރޭގައި، މި މައްސަލާގައި ހެކި ބަސް ދޭން ތިބި މީހުންްގެ ތެރެއިން މި ވަގުތު ބަޔާން ނުނެގި ތިބި މީހުންނަށް އޭނާ ނުފޫޒު ފޯރުވައިފާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ޕީޖީން ބަޔާންކޮށްފައިވާ ވިޔަސް އެހެން ބުނުން ފިޔަވައި އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅައިފައެއް ނުވެ އެވެ. ޕީޖީން ބުނެފައިވަނީ އީސަ ދޫވެފައި ހުރެއްޖެ ނަމަ، މި މައްސަލާގައި ހެކި ބަސް ދޭން ތިބި މީހުންނަށް އޭނާގެ ފަރާތުން ނުފޫޒު ފޯރުވައިފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.

ކޯޓުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އީސަ ހައްޔަރުކުރަން އެދިފައި ވަނީ، އޭނާގެ އަނބިކަނބަލުންގެ ގައިގައި ގަދަކަމުން އަތްލައި، ތަޅައި މާރާމާރީ ހިންގައި އަދި އެ މީހުންގެ ދަރިފުޅު ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް މަގުމައްޗަށް އެއްލާލައި އެ ކުއްޖާ ދިއްކޮށް ކުއްޖާ މަގުމައްޗަށް ވައްޓައި މަރާލާނެ ކަމަށް ބުނެ ކުއްޖާގެ ކަރާމާތަށް ގެއްލުންވާނެހެން އަމަލު ކޮށްފައިވާތީ ޕޮލިހަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގަށެވެ.

ކޯޓުގެ ނިންމުމުގައިވާ ގޮތުން މި މައްސަލައަކީ މެއި 19، 2021 ގައި ހިނގާފައިވާ ހާދިސާއެއް ކަމާއި، ހާދިސާގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމާ އެކު ހާދިސާ ހިނގައިގެން އުޅޭ ކުށުގެ ވެއްޓަށް ދިޔަ އިރު އީސަ ނެތްކަން އެނގެ އެވެ. އެހެންވެ، އީސަ ކުރި ކަމަށް ތުހުމަތު ކުރެވޭ ކުށަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ހިމެނޭ ކުށަކަށް ނުވެފައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާގައި، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓޭނެ ސަބަބުތަކުގެ ތެރޭގައި، ތަހުގީގުގެ ބޭނުމަށް ބަންދުގައި ބެހެއްޓުން ނުހިމެނޭ ކަމަށް ބަޔާނުގައި ވެ އެވެ.

މީގެ އިތުރުން މީހަކަށް ނުރައްކާތެރި ހާނީއްކައެއް ދިނުމުގެ މައްސަލައެއްގައި މިގޮތަށް މީހަކު ހައްޔަރުކުރުމަށް ޕީޖީން އަދި ފުލުހުން ވެސް އެދިފައި ނުވާ ކަމަށާއި ކުޑަކުދިންގެ ހިޔާގައި ކުދިންތަކާ އެކު އެ ކުދިންގެ ކަރާމާތް ގެއްލޭ ފަދަ އަމަލުތަކެއް ހިންގި ކަމުގެ 12 ދައުވާއެއް ކުރި އިރު ވެސް އެ މައްސަލަތަކުގައި ހިމެނޭ މީހުން ބަންދުކުރުމަށް އެދިފައި ނުވާ ކަމަށް ވެސް ނިންމުމުގައިވެ އެވެ. އެހެންވެ ހައްޔަރު އަމުރު ދީފި ނަމަ މިއީ ގާނޫނުއަސާސީގައި ބުނާ ހަމަހަމަ ކަމުގެ އުސޫލާ ހިލާފުވުން ކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށް ވެސް ގާޒީ ވިދާޅުވެފައިވެ އެވެ.

މި އަމުރު ނެރެ ނުދިމުން މިކަމުގައި ޕީޖީން އަމަލުކުރާނެ ގޮތެއް އަދި ނުނިންމަ އެވެ.