Roadha Mihaaru
ސްނެޕްޗެޓުން ދޭން އުޅެނީ ވީޑިއޯ އެޑިޓްކުރާ އެޕެއް

ސްނެޕްޗެޓުން ދޭން އުޅެނީ ވީޑިއޯ އެޑިޓްކުރާ އެޕެއް

22 މެއި 2021

ޝައުގުވެރި ގޮތްގޮތަށް ވާޓިކަލް ވީޑިއޯ ފޯނުގައި އެޑިޓްކޮށްލެވޭ އެޕެއް "ސްޓޯރީ ސްޓޫޑިއޯ" ގެ ނަމުގައި ލޯންޗްކުރަން ތައްޔާރުވަމުން އަންނަ ކަމަށް މަގުބޫލު ސޯޝަލް ޕްލެޓްފޯމް ސްނެޕްޗެޓުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝައުގުވެރި ގޮތްގޮތަށް ވާޓިކަލް ވީޑިއޯ ފޯނުގައި އެޑިޓްކޮށްލެވޭ އެޕެއް "ސްޓޯރީ ސްޓޫޑިއޯ" ގެ ނަމުގައި ލޯންޗްކުރަން ތައްޔާރުވަމުން އަންނަ ކަމަށް މަގުބޫލު ސޯޝަލް ޕްލެޓްފޯމް ސްނެޕްޗެޓުން ބުނެފި އެވެ.

މިހާރު ކުރިއަށްދާ އެ ކުންފުނީގެ މި އަހަރުގެ "ސްނެޕް ޕާޓްނާ ސަމިޓް" ގައި ބުނީ "ސްޓޯރީ ސްޓޫޑިއޯ" އަކީ އައިއޯއެސްގައި ބޭނުންކުރެވޭ ގޮތަށް ނެރޭ އެޕެއް ކަމަށެވެ. އެކަމަކު ނެރޭނެ ތާރީހަކާއި އެޕް އެންޑްރޮއިޑަށް ދިނުމާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ވީޑިއޯ އެޑިޓްކޮށްލެވޭ އާ އެޕެއް ސްނެޕުން ނެރެން އުޅޭކަން އިއުލާންކޮށްފައި ވަނީ ކުރު ވީޑިއޯކޮޅު ތައްޔާރުކުރެވޭ ގޮތަށް "ސްޕޮޓްލައިޓް" ގެ ނަމުގައި ވެސް އާ ފީޗާއެއް މިދިޔަ އަހަރުގެ ތެރޭގައި ނެރުމަށް ފަހުގަ އެވެ. ސްނެޕްގެ އަމާޒަކީ ކުރު ވީޑިއޯތަކަށް މިހާރު އެންމެ މަގުބޫލު ޓިކްޓޮކާ ވާދަކުރަން ސްނެޕްޗެޓް ބޭނުންކުރާ މީހުންނަށް އާ ކަންތައްތަކެއް ގެނެސްދިނުމެވެ.

އެގޮތުން އަލަށް ނެރެން ނިންމާފައިވާ "ސްޓޯރީ ސްޓޫޑިއޯ" ގައި ތައްޔާރުކުރާ ވީޑިއޯތަކުގައި ސްނެޕްޗެޓް ސަައުންޑާއި ސްޓިކާ ފަދަ އެއްޗެހި ވެސް ހިމަނައި، ޑައިރެކްޓްކޮށް ސްނެޕްޗެޓަށް ޝެއާކޮށްލުމުގެ އިތުރަށް އެެހެން އެޕްތަކަށް ވެސް ފޮނުވޭނެ އެވެ.

"ސްޓޯރީ ސްޓޫޑިއޯ" ގެ ހާއްސަ އެއް ކަމަކަށް ވާނީ އޭގައި ތައްޔާރުކުރާ ވީޑިއޯތައް އެހެން ޕްލެޓްފޯމްތަކަށް ޝެއާކުރާ އިރު ވޯޓަމާކް ވެސް ނުހިމެނޭނެކަމެވެ. މި އެޕާ ބެހޭ މާ ގިނަ މައުލޫމާތުތަކެއް އަދި ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމަކު ވަރަށް އަވަހަށް އެޕް ޓެސްޓްކުރަން ވެސް ފަށާނެ ކަމަށް ސްނެޕްޗެޓުން ބުންޏެވެ.

ސްނެޕްޗެޓަކީ 2011 ގައި ނެރުނު އެޕެކެވެ. އެ ބޭނުންކުރާ މީހުންގެ އަދަދު މިހާރު 265 މިލިއަނަށް އަރަ އެވެ.