Roadha Mihaaru
ފޭސްޓައިމް އެންޑްރޮއިޑާއި ވިންޑޯސް ވެބަށް

ފޭސްޓައިމް އެންޑްރޮއިޑާއި ވިންޑޯސް ވެބަށް

09 ޖޫން 2021

އެންޑްރޮއިޑާއި ވިންޑޯސްގެ ކޮމްޕިއުޓަރުތަކުން ވެސް ފޭސްޓައިމް ބޭނުންކުރެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް އެޕަލް އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންޑްރޮއިޑާއި ވިންޑޯސްގެ ކޮމްޕިއުޓަރުތަކުން ވެސް ފޭސްޓައިމް ބޭނުންކުރެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް އެޕަލް އިން ބުނެފި އެވެ.

މިކަން އިއުލާންކޮށްފައި ވަނީ ހޯމަ ދުވަހު ވާޗުއަލްކޮށް ފެށި އެ ކުންފުނީގެ މި އަހަރުގެ ވޯލްޑް ވައިޑް ޑިވެލޮޕާޒް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ) ގަ އެވެ. އެންޑްރޮއިޑާއި ވިންޑޯސް ވެބްގައި ބޭނުންކުރެވޭ ގޮތް ހަދަން ނިންމިކަން އިއުލާންކުރި ނަމަވެސް އެކަން ވާނެ ސީދާ ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

އެކަމަކު އަމާޒަކީ މި އަހަރުގެ އޮގަސްޓް/ސެޕްޓެމްބަރު ހިސާބުގައި އައިއޯސް 15 ލޯންޗްކުރާ އިރު އެއާ އެކީގައި ފޭސްޓައިމް އެންޑްރޮއިޑާއި ވިންޑޯސް ވެބްގައި ބޭނުންކުރެވެން ފެށުމެވެ. މިހާރު އެ ޕްލެޓްފޯމް ބޭނުން ކުރެވެނީ ހަމައެކަނި އެޕަލްގެ އޯއެސްތަކުގަ ޑިވައިސްތަކުގަ އެވެ.

ފޭސްޓައިމްގެ ދުނިޔެ ފުޅާކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ބޮޑެތި ބައްދަލުވުންތަކަށް މިހާރު އާންމުކޮށް ބޭނުންކުރާ ޒޫމް ގޮތަށް ފޭސްޓައިމްގެ ވީޑިއޯ ކޯލްތައް ބަދަލުކުރުމާއި އެފަދަ ބައްދަލުވުންތައް ދުރާލައި ޝެޑިއުލްކޮށްގެން ބޭއްވޭނެ ގޮތް ހެދުން ހިމެނެ އެވެ. އެގޮތުން ކޯލްތަކުގެ އަޑު މިހާރަށް ވުރެ ރަނގަޅުކުރުން ސްޕޭޝަލް އޯޑިއޯ ސަޕޯޓާއި ވީޑިއޯ ކޯލްތަކުގެ ބެކްގްރައުންޑް ބްލާކުރެވޭ ގޮތަށް "ޕޯޓްރައިޓް މޯޑް" ފީޗާ ވެސް ހިމެނެ އެވެ.

މީގެ އިތުރުން ފޭސްޓައިމަށް "ޝެއާ ޕްލޭ' ގެ ނަމުގައު ވެސް އާ ފީޗާއެއް ގެންނާނެ އެވެ. މި ފީޗާގެ ސަބަބުން އެއްފަހަރާ ގިނަ ބަޔަކަށް އެކައްޗެއް އަޑު އަހާލައި ނުވަތަ ބަލާމުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އޭގެ ތެރޭގައި އެޕަލް ޓީވީ ޕްލަސް އާއި އެޕަލް މިއުޒިކާއި ޑިޒްނީ ޕްލަސް އާއި އެޗްބީއޯ މެކްސް އާއި ހުލޫ އާއި ޓްވިޗް އާއި އީއެސްޕީއެން ޕްލަސް މާސްޓަ ކްލާސް، އެންބިީއޭ އަދި ޕެރަމައުންޓް ޕްލަސް ފަދަ އެއްޗެހީގެ ކޮންޓެންޓް ހިމެނެ އެވެ.