Roadha Mihaaru
މާލޭގެ މަގުތައް ޑިސްއިންފެކްޓްކޮށް، ދޮންނަން ފަށައިފި

މާލޭގެ މަގުތައް ޑިސްއިންފެކްޓްކޮށް، ދޮންނަން ފަށައިފި

22 މެއި 2021

މާލޭގެ މަގުތައް ޑިސްއިންފެކްޓުކޮށް، ދޮވުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ މަގުތައް ޑިސްއިންފެކްޓުކޮށް، ދޮވުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ޑިސްއިންފެކްޓުކޮށް، ދޮވުމުގެ މަސައްކަތް ފެށުމުގެ ގޮތުން މާލެ މޭޔަރު ޑރ. މުއިއްޒު މީޑިއާއާ މިއަދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ޑިސްއިންފެކްޓުކޮށް، ދޮވުމުގެ މަސައްކަތް ފެށުމުގެ ގޮތުން މާލެ މޭޔަރު ޑރ. މުއިއްޒު މީޑިއާއާ މިއަދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މަސް މާރުކޭޓު ސަރަހައްދުން މިކަން އިފުތިތާހު ކޮށްދެއްވުމަށް ފަހު، މިދިޔަ އާދިއްތަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލެ ޑިސްއިންފެކްޓް ކުރަން ނިންމީ އެޗްޕީއޭ އާއި ހެލްތު މިނިސްޓްރީގެ ވެސް އެދުމުގެ މަތިން ކަމަށެވެ.

މިދިޔަ ހަފުތާގައި އާ ސިޓީ ކައުންސިލުން ވަނީ އެޗްޕީއޭއާ ބައްދަލުކޮށް، މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާ ކޮށްފަ އެވެ.

މާލޭގެ ހުރިހާ މަގުތަކެއް ޑިސްއިންފެކްޓު ކުރަން ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

"އެކަމަކު އެންމެ ފުރަތަމަ އަޅުގަނޑުމެން މި އިސްކަންދެނީ އެންމެ ގިނަ މީހުން ބޭނުންކުރާ، އެއްވެ އުޅޭ ހިސާބުތައް ސާފުކުރުމަށް. އެގޮތުން މަސް މާރުކޭޓު ސަރަހައްދުން މި ފެށީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ޑިސްއިންފެކްޓުކޮށް، ދޮވުމުގެ މަސައްކަތް މިއަދު ކުރަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ޑިސްއިންފެކްޓުކޮށް، ދޮވުމުގެ މަސައްކަތް މިއަދު ކުރަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

"ހުރިހާ މާރުކޭޓުތަކެއް ކައިރި އާއި ފެރީ ޓާމިނަލްތަކާއި އަދި މަގުތަކުގެ ތެރެއިން އައިޖީއެމްއެޗު ހުންނަ ކަނބާ އައިސާރަނި ހިނގުމާއި، މިގޮތުން އެންމެ ގިނަ މީހުން ބޭނުންކުރާ ތަންތަން ހުންނަ މަގުތައް އެންމެ ފުރަތަމަ ސާފުކުރާނީ،" އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މިކަމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ އެއްބާރުލެއްވުން ވެސް ވަރަށް ބޮޑަށް ލިބެ އެވެ.

މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގެ މަގުތައް ވެސް ސާފުކުރަން ވަނީ ނިންމައިފަ އެވެ.

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުކުރި މެމްބަރުން މިދިޔަ އާދިއްތަ ދުވަހު މަގާމާ ހަވާލުވެވަޑައިތުމަށް ފަހު، މި ނިމުނު ހަފުތާގައި ވަރަށް ބާރު ސްޕީޑެއްގައި މަސައްކަތްތައް ކުރިއަށް ގެންދަން މަޝްވަރާތައް ކުރައްވައި އަދި ކުރަން ރާވާފައިވާ ބައެއް ކަންކަން ވެސް ވަނީ މީޑިއާ އަށް ހާމަކޮށްފަ އެވެ.

މި ފަހަރުގެ ސިޓީ ކައުންސިލްގެ ސާފު އަަޣުލަބިއްޔަތު ލިބުނީ އިދިކޮޅު ޕީޕީއެމަށެވެ.