Roadha Mihaaru
ކޮވިޑުން އަރައިގަތުމަށް އައިއެމްއެފުން 50 ބިލިއަން

ކޮވިޑުން ސަލާމަތްވުމަށް އައިއެމްއެފުން 50 ބިލިއަން ޑޮލަރު ހޭދަކުރަނީ

22 މެއި 2021

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން 50 ބިލިއަން ޑޮލަރު (771 ބިލިއަން ރުފިޔާ) ގެ ހޭދަން ކުރަން ނިންމައި، އޭގެ މަސައްކަތްތައް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން 50 ބިލިއަން ޑޮލަރު (771 ބިލިއަން ރުފިޔާ) ގެ ހޭދަން ކުރަން ނިންމައި، އޭގެ މަސައްކަތްތައް ފަށައިފި އެވެ.

އައިއެމްއެފުން މި ފައިސާ ހޭދަކުރަނީ ގައުމުތަކުގައި ކޮވިޑް ވެކްސިން ޖެހުމަށް އެހީތެރިވުމަށެވެ. އައިއެމްއެފުން އިސްނަގައިގެން ފަށާ މި ޕްރޮޖެކްޓަށް 50 ބިލިއަން ޑޮލަރު ހޭދަކުރާ އިރު އޭގެ ތެރެއިން 35 ބިލިއަން ޑޮލަރު ހޯދާފައިވަނީ ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ އަތުންނެވެ.

އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާޖޯޖީވާ ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް، ދުނިޔޭގެ އެންމެ ބޮޑަށް ކުރިއަރާފައިވާ ގައުމުތަކުން އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

"މިއީ މިފަދަ ހާލަތަކުން އަރައިގަތުމަށް މާބޮޑު އަދަދެއް ނޫން. އެހާ ހޭދަ ކުޑަވީ މި މަސައްކަތް ކުރިއާލައި ފެށިފައި އޮތުމުން،" އޭނާ ވިދާޅުވި އެވެ.

ވެކްސިން ޖެހުމަށް ހިންގާ މި ޕްރޮޖެކްޓްގެ ދަށުން މި އަހަރު ނިމުމުގެ ކުރިން ދުނިޔޭގެ ހުރިހާ ގައުމެއްގެ 40 ޕަސެންޓް އާބާދީ އަށް ވެކްސިން ޖެހޭނެ ގޮތް އައިއެމްއެފުން ފަހިކޮށްދޭނެ އެވެ. މީގެ އިތުރުން އަންނަ އަހަރު ނިމުމުގެ ކުރިން ގައުމުތަކުގެ 60 ޕަސެންޓަށް ކޮވިޑް ވެކްސިން ޖެހުމަށް އައިއެމްއެފުން މަސައްކަތް ކުރާނެ އެވެ.

މި ޕްރޮޖެކްޓްގެ ދަށުން އެއް ބިލިއަން ވެކްސިން ޑޯޒް ހަދިޔާ ކުރެވޭނެ ކަމަށް އައިއެމްއެފުން ލަފާކުރެ އެވެ.

އައިއެމްއެފުން ބުނީ 2025 ވަނަ އަހަރު އަންނަން ވާ ދުނިޔޭގެ އިގްތިސާދު ކުރިއަރުވަން ނުވަ ޓްރިލިއަން ޑޮލަރު (139 ޓްރިލިއަން ރުފިޔާ) ހޭދަކުރާނެ ކަމަށެވެ. ދުނިޔޭގެ އެކި ގައުމުތަކަށް މާލީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ އައިއެމްއެފުން ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގެ އިގްތިސާދުތައް ކުރިއަރުވަން މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮވިޑް ބަލި ދުނިޔޭގައި ފެތުރެން ފެށީ 2019 ވަނަ އަހަރުގެ ފަހުކޮޅު އެވެ. މި ބަލީގައި މިހާތަނަށް 3.5 މިލިއަން މީހުން މަރުވެފައިވެ އެެވެ.

އައިއެމްއެފުން ކުރިއަށްގެންދާ މި ހާއްސަ ޕްރޮޖެކްޓްގެ ދަށުން ވެކްސިން އެންމެ މަދުން ޖަހާފައިވާ ގައުމުތަކަށް އެހީވުމަށް ހާއްސަ އިސްކަމެއްދޭނެ އެވެ. މިހާތަަނަށް އެފްރިކާ ބައްރުގައި ވެކްސިން ޖަހާފައިވަނީ އާބާދީގެ ދެ ޕަސެންޓެވެ. އެމެރިކާގެ 40 ޕަސެންޓް އާބާދީ ވެކްސިން ޖަހާފައިވާ އިރު ޔޫރަޕްގެ އާބާދީގެ 20 ޕަސެންޓް މީހުން ވަނީ ވެކްސިން ޖަހާއިފަ އެވެ.