Roadha Mihaaru
ވެހިކަލް ޕާމިޓް ބޭނުން ކުރެވޭނީ އަންގާރަ އާ ހަމަޔަށް

ވެހިކަލް ޕާމިޓްތައް، ސަޕޯޓް ޕާމިޓަށް ބަދަލުކުރަން ފުލުހުން އަންގައިފި

06 ޖޫން 2021

ވިޔަފާރިތަކަށް ދޫކޮށްފާއިވާ ވެހިކަލް ޕާމިޓްތައް އަންނަ އަންގާރަ ދުވަހުން ފެށިގެން ބޭނުން ނުކުރެވޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވިޔަފާރިތަކަށް ދޫކޮށްފާއިވާ ވެހިކަލް ޕާމިޓްތައް އަންނަ އަންގާރަ ދުވަހުން ފެށިގެން ބޭނުން ނުކުރެވޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި ހުއްދައަކާ ނުލައި ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާއިރު ފުލުހުން ވަނީ ކެފޭ/ހޮޓާ އަދި ރެސްޓޯރަންޓުތަކާއި ވިޔަފާރިތަކުން ޑެލިވަރީ ކުރުމަށް ވެހިކަލް ޕާމިޓް ދޫކޮށްފަ އެވެ.

ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ހުރިހާ ވެހިކަލް ޕާމިޓްތަކެއް "ސަޕޯޓް ޕާމިޓް" އަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ޑެލިވަރީ ކުރުމަށް ދޫކޮށްފައިވާ ވެހިކަލް ޕާމިޓްތައް މި ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ބޭނުމެއް ނުކުރެވޭނެ ކަމަށާއި ޕޮލިސް ޕޯޓަލް މެދުވެރިކޮށް ސަޕޯޓް ޕާމިޓް ހޯދަން އެދެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދުގައި ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު ހިންގައިފަ އެވެ. އަދި އެ ނޫން ވަގުތުތަކުގައި ވެސް ބޭރަށް ނުކުމެ އުޅެވޭނީ ހާއްސަ ހުއްދަ ލިބިފައިވާ މީހުންނަށެވެ. ކޮންމެ ގޭބިސީއަކަށް ވަނީ ހައުސް ހޯލްޑް ޕާމިޓެއް ދޫކޮށްފަ އެވެ.

އެ ފިޔަވަޅުތައް އެޅިއިރު މާލެ ސަރަހައްދުގައި ކޮވިޑް އޮތް ވަރު މިހާރު ކުޑަވެފައިވީ ނަމަވެސް އެޗްޕީއޭ އިން އަންނަނީ އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ. އެގޮތުން މާލެ އިން ރަށްރަށަށް ފުރައިގެން ދިޔުމަށް ކުރިން އަމަލު ކުރާ އުސޫލު ވެސް މިހާރު ވަނީ އިތުރަށް ހަރުކަށި ކޮށްފަ އެވެ.