Roadha Mihaaru
ވެކްސިން ޖަހަން ދެވޭނީ ފުލުހުންގެ ހުއްދަ ނަގައިގެން

ދެން ވެކްސިން ޖަހަން ދެވޭނީ ފުލުހުންގެ ހުއްދަ ނަގައިގެން

25 މެއި 2021

މާދަމާ އިން ފެށިގެން ދެ ހަފުތާއަށް މާލެ ސަރަހައްދުގައި ލޮކްޑައުންކުރަން ނިންމާފައި ވާއިރު ކޮވިޑް ވެކްސިން ޖަަހަން ބޭރަށް ދާން ވެސް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ނަގަން ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާދަމާ އިން ފެށިގެން ދެ ހަފުތާއަށް މާލެ ސަރަހައްދުގައި ލޮކްޑައުންކުރަން ނިންމާފައި ވާއިރު ކޮވިޑް ވެކްސިން ޖަަހަން ބޭރަށް ދާން ވެސް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ނަގަން ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ވެކްސިން ޖަހަން ދާން ހުއްދަ ހޯދަން ޖެހޭނީ ފުލުހުންގެ ޕޯޓަލްގައިވާ ކެޓަގަރީތަކުގެ ތެރެއިން މެޑިކަލް (އޮން އިމަޖެންސީ) އިން ކަމަށެވެ. ވެކްސިން ޖަހަން ދާ ސެންޓަރުގެ ނަމާއި ހުއްދަ އަށް އެދޭ ސަބަބެއްގެ ގޮތުގައި، ވެކްސިން ޖަހަން ދިއުން މައުލޫމާތުގެ ގޮތުގައި ލިޔަންޖެހޭނެ އެވެ.

މާލޭ ސަރަހައްދުގައި ވެކްސިން ޖަހައިދޭނީ ނޭޝަނަލް އާޓް ގެލެރީ އާއި ވިލިމާލެ ޔޫތު ސެންޓަރު އަދި ޓްރީ ޓޮޕް ހޮސްޕިޓަލުންނެވެ. ހުރިހާ ސެންޓަރެއްގައި ވެސް ވެކްސިން ޖަހައިދޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 11:00 އަށެވެ.

މިހާރު ރާއްޖޭގައި ޖަހައިދެނީ ޗައިނާގެ ސިނަފޯމް ވެކްސިން އެކަންޏެވެ.

މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މާދަމާ އިން ފެށިގެން ފިޔަވަޅުތައް ވަރުގަދަކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. މާލެ ސަރަހައްދުގެ ކާފިއު ވަގުތު ހަވީރު 4:00 އިން ހެނދުނު 8:00 އަށް ވަނީ އިތުރު ކޮށްފަ އެވެ. އަދި ކާފިއު ނޫން ވަގުތު ކަމަށްވާ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ބޭރަށް ނުކުމެ އުޅެވޭނީ ފުލުހުން ދޫކުރާ ހާއްސަ ފާހެއް ހިފައިގެންނެވެ.

ރާއްޖޭގައި މިހާރު ކޮންމެ ދުވަހަކު 1،000 ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓީވްވެ އެވެ. އަދި އެކްޓީވް ކޭސްތަކުގެ އަދަދު ވެސް 20،000 ވުރެ މައްޗަށް ގޮސްފައިވާއިރު، މި ބަލީގައި މިހާތަނަށް 144 މީހަކު މަރުވެއްޖެ އެވެ.