Roadha Mihaaru
ސެމްސަންގް ޓެބްލެޓްގެ އާ ދެ މޮޑެލްއެއް އަންނަ މަހު

ސެމްސަންގް ޓެބްލެޓްގެ އާ ދެ މޮޑެލްއެއް އަންނަ މަހު ނެރެނީ

29 މެއި 2021

ދެކުނު ކޮރެއާގެ ކުންފުނި ސެމްސަންގުގެ ޓެބްލެޓް ސީރީޒްގެ ދަށުން އަންނަ މަހުގެ ތެރޭގައި އާ ދެ މޮޑެލްއެއްގެ ޓެބްލެޓް ނެރޭކަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެކުނު ކޮރެއާގެ ކުންފުނި ސެމްސަންގުގެ ޓެބްލެޓް ސީރީޒްގެ ދަށުން އަންނަ މަހުގެ ތެރޭގައި އާ ދެ މޮޑެލްއެއްގެ ޓެބްލެޓް ނެރޭކަން އިއުލާންކޮށްފި އެވެ.

އެ ކުންފުނީގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އަންނަ މަހު ބައެއް މާކެޓްތަކަށް ނެރެން ނިންމާފައި ވަނީ ގެލެކްސީ ޓެބް އެސް7 އެފްއީ އާއި ގެލެކްސީ ޓެބް އޭ7 ލައިޓެވެ. މި ދެ މޮޑެލްއާ ބެހޭ ގިނަ މައުލޫމާތުތަކެއް ވެސް ހިއްސާކޮށްފައިވާ އިރު، ޓެބް އެސް7 އެފްއީ 12.4 އިންޗީގެ ޑިސްޕްލޭގެ އެއްޗެކެވެ. އެސް ޕެންއެއް ވެސް އެކުލެވޭ މި ޑިވައިސްގެ ބަރުދަނުގައި 608 ގްރާމެވެ. ސެމްސަންގުން ބުނި ގޮތުގައި މިއީ ގިނަ މަސައްކަތްތަކަށް ބޭނުންކުރަން ވަރަށް ފަސޭހަ ޑިވައިސްއަކަށްވާ ވާނެ އެވެ. މީގައި ހަތަރު ޖީބީ ރޭމާއި 64 ޖީބީގެ ސްޓޯރޭޖް އަދި ހަ ޖީބީ ރޭމާ އެކު 128 ޖީބީގެ ސްޓޯރޭޖް އެކުލެވޭނެ އެވެ.

އިންޓަނެޓްގެ 5ޖީ ވެސް ސަޕޯޓްކުރާ މި ޑިވައިސް ލިބޭނެ ކުލަތަކުގެ ތެރޭގައި މިސްޓިކް ބްލެކް، މިސްޓިކް ސިލްވަ، މިސްޓިކް ގްރީން އަދި މިސްޓިކް ޕިންކް ހިމެނެ އެވެ.

ގެލެކްސީ ޓެބް އޭ7 ލައިޓްކީ 8.7 އިންޗީގެ ޑިސްޕްލޭގެ އެއްޗެކެވެ. މީގެ ރޭމާއި ސްޓޯރޭޖް އުޅެނީ ތިން ޖީބީ ރޭމާއި 32 ޖީބީ ސްޓޯރޭޖް/ހަތަރު ޖީބީ ރޭމާއި 64 ޖީބީ ސްޓޯރޭޖެވެ. ކުލަތަކީ ގްރޭ އާއި ސިލްވާ އެވެ.

ގެލެކްސީ ޓެބް އެސް7 އެފްއީ އާއި ގެލެކްސީ ޓެބް އޭ7 ލައިޓް ރަސްމީކޮށް ނެރޭނެ ތާރީހަކާއި އަގުތަކެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ބައެއް މީޑިއާތަކުން ބުނީ އެންމެ ފުރަތަމަ ނެރޭ މާކެޓްތަކުގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސިވިލާތް ހިމެނޭ ކަމަށެވެ. އެ ދެ މާކެޓަށް ނެރޭނެ ކަމަށް ބުނަނީ އަންނަ މަހުގެ 10 އާއި 18 ގަ އެވެ.

ސެމްސަންގުން އެންމެ ފަހުން ނެރުނު ޓެބްލެޓްތަކަކީ މިދިޔަ އަހަރު ނެރުނު ޓެބް އެސް7 އާއި ޓެބް އޭ7 އެވެ.