Roadha Mihaaru
ހާޝްގެ އާ ފިލްމަކީ ނެޓްފްލިކްސްގެ އެންތޮލޮޖީއެއް

އަނިލްގެ ދަރިފުޅު ހާޝްގެ އާ ފިލްމަކީ ނެޓްފްލިކްސްގެ އެންތޮލޮޖީއެއް

31 މެއި 2021

އެކްޓަރު އަނިލް ކަޕޫރްގެ ފިރިހެން ދަރިފުޅު ހާޝަވަރުދަން ކަޕޫރް، އެންތޮލޮޖީ ފިލްމަކާ އެކީ ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓަރު އަނިލް ކަޕޫރްގެ ފިރިހެން ދަރިފުޅު ހާޝަވަރުދަން ކަޕޫރް، އެންތޮލޮޖީ ފިލްމަކާ އެކީ ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

ދެހާސް ސޯޅައިގެ "މިރުޒިޔާ" އިން އެކްޓިން އަށް ނުކުތް ނަމަވެސް މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ އެކްޓަރުގެ އާ ފިލްމަކީ މިހާރު ޓީޒާ ޓްރެއިލާ ވެސް ދައްކާލާފައިވާ ނެޓްފްލިކްސްގެ "ރޭ" އެވެ. ބޮޑު ކާސްޓެއް ފެނިގެންދާނެ މި ފިލްމަކީ "އުޅުތާ ޕަންޖާބް" ފަދަ ފިލްމުތައް ގެނެސްދިން އަބީޝެކް ޗޯބޭ އާއި "މަރުދު ކޯ ދަރުދު ނެހީ ހޯތާ" ގެ ޑައިރެކްޓަރު ވަސަން ބާލާގެ އިތުރުން ބެންގާލީ ޑައިރެކްޓަރު ސުރިޖިތު މުކަރްޖީގެ ޑައިރެކްޓްކޮށްފައިވާ ސެގްމަންޓްތައް ހިމެނޭ އެއްޗެކެވެ.

އަންނަ މަހުގެ 25 ގައި ސްޓްރީމްކުރަން ހަމަޖެހިފައިވާ "ރޭ" ގެ ކާސްޓްގައި މަނޯޖް ބަޖްޕާއީ، އަލީ ފަޒަލް، ކޭކޭ މެނަން، ގަޖްރާޖް ރާއޯ، ޝްވޭތާ ބާސޫ ޕްރަސާދު، އަނިންދިތާ ބޯސް، ބިދިތާ ބާގް، ދިބިޔެންޑޫ ބަޓަޗަރިއާ، ރާދިކާ މަދަން، ޗަންދަން ރޯއި ސަނިއާލް އަދި އަކަންޝާ ރަންޖަން ކަޕޫރް ހިމެނެ އެވެ.

ވަރަށް މަދުން ނޫނީ ފިލްމަކުން ފުރުސަތު ނުލިބޭ ހާޝް އެންމެ ފަހުން ވެސް ފެނިފައި ވަނީ ނެޓްފްލިކްސްގެ ފިލްމަކުންނެވެ. އެއީ އޭނާ ހާއްސަ ފެނިލުމަކުން ފެނުނު މިދިޔަ އަހަރުގެ "އޭކޭ ވާސަސް އޭކޭ" އެވެ. އެ ފިލްމަކީ ހާޝްގެ ބައްޕަ އަނިލް އާއި ޑައިރެކްޓަރު އަނޫރާގް ކޭޝަޕް ލީޑް ރޯލު ކުޅުނު ފިލްމެކެވެ.

"ރަންގް ދެ ބަސަންތީ" އާއި "ބާގް މިލްކާ ބާގް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ރާކޭޝް އޯމްޕްރަކާޝްގެ "މިރުޒިޔާ" އަށް ފަހު ހާޝް، 30، ކުޅުނު ފިލްމަކީ ޑައިރެކްޓަރު ވިކްރަމަދަތިޔާ މޮޓްވާނޭ 2018 ގައި ގެނެސްދިން ފްލޮޕް ސުޕަހީރޯ ފިލްމު "ބަވޭޝް ޖޯޝީ ސުޕަހީރޯ" އެވެ.

ހާޝް އާއި އަނިލް އެކީގައި ކުޅެން 2017 ގައި ފިލްމެއް އިއުލާންކުރި އެވެ. އެއީ އޮލިމްޕިކް މެޑެލް ހޯދާފައިވާ އިންޑިއާގެ ކުރީގެ ޝޫޓަރު އަބިނާވް ބިންދުރާގެ ބައޮގްރަފިކަލް ޑްރާމާ އެވެ. އެކަމަކު އެއީ "އިނބިލީހުގެ ކައިވެންޏަށްވެފައި" އޮތް ފިލްމެކެވެ. ނަމަވެސް ވަރަށް އަވަހަށް "ތާރް" ކިޔާ ފިލްމަކުން ދެބަފައިން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.