Roadha Mihaaru
"މިޝްކާއަށް ފަރުވާ ދިނުމުގައި ހުރިހާ ކަމެއް ލަސްވި"

މިޝްކާއަށް ފަރުވާ ދިނުމުގައި ހުރިހާ ކަމެއް ލަސްވި: ހެލްތު މިނިސްޓްރީ

20 ޖޫން 2021

ކޮވިޑް-19 ގައި ހާލު ދެރަވެ، މި މަހުގެ ކުރީކޮޅު ނިއާވި މިޝްކާ މުހައްމަދަށް ފަރުވާ ދިނުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ހުރިހާ މަރުހަލާއެއްގައި ވަރަށް ބޮޑަށް ލަސްވި ކަމަށް އެ މައްސަލާގައި ހެލްތު މިނިސްޓްރީން ހެދި ކޭސް ރިވިއު ރިޕޯޓުގައި ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 ގައި ހާލު ދެރަވެ، މި މަހުގެ ކުރީކޮޅު ނިއާވި މިޝްކާ މުހައްމަދަށް ފަރުވާ ދިނުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ހުރިހާ މަރުހަލާއެއްގައި ވަރަށް ބޮޑަށް ލަސްވި ކަމަށް އެ މައްސަލާގައި ހެލްތު މިނިސްޓްރީން ހެދި ކޭސް ރިވިއު ރިޕޯޓުގައި ބުނެފި އެވެ.

ކޮވިޑަށް ޕޮޒިޓިވްކަން މިދިޔަ މަހުގެ 28 ގައި އެނގުނު މިޝްކާގެ ހާލު ސީރިއަސްވީ މި މަހުގެ ކުރީކޮޅު އެވެ. އެކަމަކު އެމްބިއުލާންސް ފޮނުވައިދޭން އެދުމުން އެކަން ކޮށްދީފައިވަނީ ދެ ގަޑިއިރާއި 26 މިނެޓު ފަހުންނެވެ. ރިޕޯޓްގައި ބުނީ މިޝްކާ އަށް އެޓެންޑްވުން އަވަސްކުރި ނަމަ މި ހާދިސާ ހިނގުން ނާދިރު ކަމަށެވެ.

މިޝްކާ ބަލައި އެމްބިއުލާންސް ދާނެ ކަމަށް ބުނެ މައުލޫމާތު ދީފައި ވަނީ އެމްބިއުލާންސް ޑިސްޕެޗް ނުކޮށް ކަމަށް ވާއިރު ރިޕޯޓްގައި ބުނެފައި ވަނީ ފަރުވާ ދިނުން ލަސްވުމުގައި އެއް ސަބަބަކީ މިޝްކާ ބަލައި އެމްބިއުލާންސް ދާ ކަމަށް ބުނެ މައުލޫމާތު ދީފައި ވުމުންކަން ކުއްޖާގެ ބައްޕަ ކޯލް ސެންޓަރާ ދައްކާފައިވާ ވާހަކަތަކުން އެނގޭ ކަމަށެވެ.

އެ މައްސަލައިގައި އާއްމުންގެ ފަރާތުން އަމާޒުވި ބޮޑެތި ފާޑުކިޔުންތަކަށް ހެލްތު މިނިސްޓްރީން ވަނީ ރިވިއުއެއް ހަދައިފަ އެވެ. އެ ރިވިއު، މި މަހުގެ 4 ވަނަ ދުވަހުގެ ރޭ އާއްމުކޮށްފައި ވެ އެވެ. މިއީ، އެ ރިވިއުގެ މައްޗަށް ނެރެފައިވާ ރިޕޯޓެވެ. ރިޕޯޓްގައި ވެސް މައިގަނޑު ގޮތެއްގައި ހުރީ ކުރިން ނެރުނު ރިވިއުއިން ވެސް ހާމަވެފައިވާ ކަންކަމެވެ.

އެޗްއީއޯސީން ސިއްހީ ހިދުމަތް ދިނުމުގައި އާއްމުކޮށް ގެންގުޅޭ އުސޫލުތައް ބެލުމުގެ އިތުރުން އެ ހާދިސާއާ ގުޅުންހުރި ފަރާތްތަކާއި އެޗްއީއޯސީގެ ކްލަސްޓާތަކާ ހަވާލުވެ ތިބި މީހުންގެ އިތުރުން މިޝްކާގެ ބެލެނިވެރިންނާ އިންޓަވިއުކޮށްފައިވާނެ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ ރިވިއު ހެދުމަށް 28 މީހަކާ އިންޓަވިއުކޮށް ގިނަ ލިޔުންތަކެއް ބަލައި ދިރާސާކޮށްފައި ވެ އެވެ.

ރިޕޯޓުގައި ބުނީ މިޝްކާގެ ހާލަތު ގޯސްވުމުން އެއީ އެއީ އިމަޖެންސީ ހާލަތެއްކަން ކޯލް ސެންޓަރާއި އެޗްއީއޯސީގައި މަސައްކަތްކުރާ މެޑިކަލް ރެސްޕޮންސް ޓީމް (ޑީއެމްއާރުޓީ) އިން ބެލިފައި ނެތް ކަމަށެވެ. އެހެންވެ، މިޝްކާ ހޮސްޕިޓަލަށް ގެންދިއުމާއި ފަރުވާ ދިނުމުގައި ލަސްތަކެއް ވެފައިވާ ކަމަށް ބުންޏެވެ. އެކަމާ ގުޅިގެން ލިބުނު ކޯލް ލޮގުތަކަށް ބެލިއިރު، ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ވެސް ކޯލް ސެންޓަރުން ދެނެގަނެފައި ނުވެ އެވެ. "އާއްމު އުސޫލެއްގެ ގޮތުން، ލިޔެފައި ނުވިނަމަ ވެސް އިމަޖެންސީ ހާލަތްތަކުގައި އަންގަންޖެހޭ ކްލަސްޓާތަކަށް ފޯނުން ގުޅައި ނުވަތަ އެ ކްލަސްޓާއަކަށް ގޮސް އެ މައުލޫމާތު ދެވޭ. ނަމަވެސް މި ހާދިސާގައި އެ ގޮތަށް އަމަލުކުރެވިފައި ނެތް،" ރިވިއުގައި ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ.

މައްސަލައާ ގުޅިގެން އެޗްއީއޯސީން ފާހަގަކުރި ކަންކަން

އެ ރިޕޯޓުގައި ބުނީ އެޗްއީއޯސީގެ ކްލަސްޓާތަކުގެ މެދުގައި ކޯޑިނޭޓް ކުރާ ޕްރޮސެސް ފްލޯތަކާއި އެސްއޯޕީތަކާއި އެކިއެކި އުސޫލުތަކުގަި މައްސަލަ އެބަހުރި ކަމަށެވެ. އޭގެ ސަބަބުން އެކަށީގެންވާ ވަގުތުގައި ފިޔަވަޅު އެޅުން ލަސްވާ ކަމަށް ބުންޏެވެ.

"އެޗްއީއޯސީގައި ކޮވިޑު-19 ބަލީގެ މައުލޫމާތު ބެލެހެއްޓުމަށް ބޭނުންކުރާ ސޮފްޓްވެއާ "އައުޓް ބްރޭކް ސިސްޓަމް" އަކީ އެޗްއީއޯސީގެ ތަފާތު އޮޕަރޭޝަންސްތަކަށް ބޭނުންކުރުމަށް ތައްޔާރުކުރެވިފައިވާ ސިސްޓަމެއް ކަމުގައިވީ ނަމަވެސް މި ސިސްޓަމްގެ ބަދަލުގައި މައުލޫމާތު ބެލެހެއްޓުމަށް ތަފާތު އެހެން ގޮތްތައް ބޭނުންކުރަމުން ގެންދޭ،"

"މީގެ ސަބަބުން މައުލޫމާތުތައް އެއްތަނަކުން ފެންނަން ނެތުމުން އެންމެ އަވަހަށް ހިދުމަތް ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް އެ މައުލޫމާތު ނުލިބުމުގެ ސަބަބުން އެ ހިދުމަތް ފޯރުކޮށް ނުދެވުނު ނުވަތަ ހިދުމަތް ފޯރުކޮށްދިނުން ލަސްވޭ،" ރިޕޯޓުގައި ބުންޏެވެ.

އެ ކަންކަމުގެ އިތުރުން ކޯލް ސެންޓަރަށް އަންނަ ކޯލުތަަކަށް ސައްހަ މައުލޫމާތު ނެތި ޖަވާބުދާރީވާ ކަމާއި އެ ސެންޓަރަށް އަންނަ ކޯލުތަކުގައި މަޑުކުރުމަށް އެދި، މާ ގިނަ ވަގުތު ފޯނުގައި ހޭދަވުމާއި އަދި ހުރިހާ ކޯލެއްގައި ވެސް ތަކުރާރުކޮށް އެއް މައުލޫމާތެއް ހޯދާތީ ހިދުމަތް ދޭން ލަސްވާ ކަމަށް ވެސް ބުނެފައި ވެ އެވެ.

ހުރިހާ ދިމާލެއްގައި ބޮޑެތި ލަސްތަކެއް، މައްސަލައަކީ ސިސްޓަމް

މިޝްކާއަށް ފަރުވާ ދިނުމުގައި އެޗްއީއޯސީގެ ހުރިހާ މަރުހަލާއެއްގައި ބޮޑެތި ލަސްތަކެއް އުޅުނުއިރު، ޑީއެމްއާރުޓީން އޮންލައިން ކޮންސަލްޓޭޝަން ހެދިއިރު ބެއްލެވި ޑޮކްޓަރުން ވެސް އެ ކުއްޖާގެ ހާލަތު އެންމެ ރަނގަޅަށް ދެނެގަނެފައި ނުވާކަން ރިވިއު ރިޕޯޓުގައި ބުންޏެވެ.

ކޯލް ސެންޓަރުން މިޝްކާގެ އާއިލާއާ ކޮށްފައިވާ މުއާމަލާތްތަކުން ކުއްޖާ ބަލައި އެމްބިއުލާންސް ފޮނުވާކަމަށް ތަކުރާރުކޮށް ބުނާފަދަ އިބާރާތުން މުއާމަލާތް ކޮށްފައިވިޔަސް އެ ރޭ 11:32 އާ ހަމައަށް ވެސް އެމްބިއުލާންސް ޓްރިގާކޮށްފައި ނުވެ އެވެ. އެ މައްސަލައިގައި ކޯލު ސެންޓަރުން ޖަވާބު ދެއްވި މުވައްޒަފުން، ކުއްޖާގެ ސީރިއަސްކަމާއި ހާލަތަށް އައި ބަދަލު ދެނެގަނެވިފައި ނެތްކަމާއި އަދި އެ މައުލޫމާތު ފުރިހަމައަށް ލޮގުކޮށް ހުރިހާ ކޯލެއް ހިއްސާކުރަން ހަމަޖެހިފައިވާ ގޮތަށް ފުރިހަމަކޮށްފައި ނުވެ އެވެ.

"މި ހާދިސާގައި އެޓެންޑު ވާންޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑުވެފައި ވާނަމަ މި ހާދިސާ ހިނގުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން، މި ފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ރިވިއުއިން ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ،" ރިވިއު ރިޕޯޓުގައި ވެ އެވެ.

އެ ރިޕޯޓުގައި ބުނިގޮތުގައި މިޝްކާއަށް އެހެން ދިމާވުމަށް މެދުވެރިވި އެކި ކަންކަމަކީ ފެށުނީއްސުރެ ސިސްޓަމުގައި ހުރި މައްސަލަތެކެވެ. ނަމަވެސް މީގެ ކުރިން ކޮވިޑުގެ ކޭސްތައް ހިފެހެއްޓިފައި ހުރުމުން އެ މައްސަލަތައް ފެންމަތިނުވީ ކަމަށް ބުންޏެވެ.

"ސިސްޓަމުގައި އެކުލެވިގެންވާ އެކިއެކި ބައިތަކާއި މަރުހަލާތަކުގައި ހުރި މައްސަލަތައް ވަކިން ހާއްސަ ގޮތެއްގައި އާދަޔާ ހިލާފަށް ކޭސްތައް އިތުރުވެގެން އަންނައިރު ދިމާވާ ނިޒާމީ މައްސަލަތައް މިހާރު ވަނީ ދެނެގަނެވި އެކަންކަން ރަނގަޅު ކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ،" ހަތަރު ސޮފްހާގެ ރިޕޯޓު ނިންމާލަމުން ބުނެފައި ވެ އެވެ.