Roadha Mihaaru
ނަޝީދަށް ދިން ހަމަލައަށް މަހެއް، މާދަމާ ޕްރެސްއެއް

ނަޝީދަށް ދިން ހަމަލައަށް މަހެއް، 18 ދުވަހަށް ފަހު މާދަމާ ފުލުހުންގެ ނިއުސް ކޮންފަރެއްސެއް

05 ޖޫން 2021

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލަ އަށް މާދަމާ މަހެއް ވާއިރު، ތަހުގީގުގެ ފަހުގެ މައުލޫމާތު ދިނުމަށް ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް މާދަމާ ބާއްވަން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލަ އަށް މާދަމާ މަހެއް ވާއިރު، ތަހުގީގުގެ ފަހުގެ މައުލޫމާތު ދިނުމަށް ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް މާދަމާ ބާއްވަން ނިންމައިފި އެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ 8:30 ވާން އުޅެނިކޮށް، ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް، އައިއީޑީއެއް ގޮއްވައިލި މައްސަލަ އަށް އެއް މަސް ވުމާ ދިމާކޮށް ފުލުހުން މާދަމާ ނޫސްވެރިންނާ ބައްދަލުކުރާ ގަޑިއެއް އަދި ނުބުނެ އެވެ.

އެ މައްސަލައިގެ ތަހުގީގުގެ ފަހުގެ މައުލޫމާތު ދިނުމަށް ފުލުހުން އެންމެ ފަހުން މީޑިއާ ބްރީފިންއެއް ބާއްވާފައި ވަނީ މިދިޔަ މޭ 20 ގަ އެވެ. އެކަމަކު، އެ ބްރީފިންގައި މާ ގިނަ ތަފުސީލުތަކެއް އެ ދުވަހު ނުދެ އެވެ. ނިއުސް ކޮންފަރެންސް ނިންމައިލީ ނޫސްވެރިންގެ ގިނަ ސުވާލުތަކަށް ޖަވާބު ނުލިބި އެވެ.

ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލައާ ގުޅޭ މީޑިއާ ބްރީފިންއެއް މާދަމާ ބާއްވާއިރު، ތަހުގީގުގެ ކުރިއެރުންތައް ހާމަނުކުރާތީ އެ މަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުންނާއި ސަޕޯޓަރުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ފުލުހުން އަބަދުވެސް ބުނަނީ ތަހުގީގަށް ކުރިއެރުންތައް ލިބޭ ކަމަށެވެ. އަދި މައުލޫމާތުތައް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއާ ވެސް ހިއްސާކުރާ ކަމަށް ފުލުހުން ބުނެ އެވެ.

މި ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ފުލުހުން މިހާތަނަށް މައުލޫމާތު ހާމަކޮށްފައިވާ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އެވެ.

މީގެ ތެރެއިން ސައިކަލްގެ ވެރިމީހާ އަކީ ތަހުމީން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އައިއީޑީ ގޮއްވައިލި ކަމަށް ތުހުމަތުކުރަނީ އަދުހަމަށެވެ. ފާތިހު އަކީ ނަޝީދަށް ހަމަލާދޭން އައިއީޑީ ހަރުކުރި ސައިކަލް އެތަނުގައި ބެހެއްޓި މީހާ ކަމަށްވެ އެވެ.

އިތުރު މައުލޫމާތުތަކެއް ފުލުހުން ހާމަނުކުރިޔަސް، އެކަމަށް ފަންޑުކޮށް އަޑީގައި ތިބި މީހުން ހޯދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި އައްޑޫން ނުވަ މީހަކު އަދި މާލޭން ފަސް ތަނެއް ފާސްކޮށް ބައެއް ތަކެތި ފުލުހުން ހޯދާފައިވެ އެވެ. ފާސްކުރި ތަންތަނުން، ހަރުކަށި ފިކުރާ ގުޅޭ ލިޔެކިޔުމާއި ޑިޖިޓަލް ބައެއް އާލާތްތައް ވެސް ފެނިފައިވެ އެވެ.

ނަޝީދަށް ދިން ހަމަލާ އާ އެ މީހުންގެ ގުޅުމެއް އޮވޭތޯ ބަލަމުން އަންނަ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އެ މަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވުމުން އޭޑީކޭ ހޮސްޕިޓަލްގައި ގިނަ ސާޖަރީތަކެއް ހެދި އެވެ، އަދި ފަހުން ވަނީ އިތުރު ފަރުވާ އަށް ޖަރުމަނަށް ވަޑައިގެންފަ އެވެ.