Roadha Mihaaru
"ސީތާ" ކުޅެން ކަރީނާގެ އަގަކީ 12 ކްރޯޑް ރުޕީސް

"ސީތާ" ކުޅެން ކަރީނާގެ އަގަކީ 12 ކްރޯޑް ރުޕީސް

08 ޖޫން 2021

މި އަހަރުގެ ކުރީކޮޅު އިއުލާންކުރި ބޮޑު ފިލްމު "ސީތާ: ދި އިންކަނޭޝަން" ކުޅެދޭން ބަތަލާ ކަރީނާ ކަޕޫރާ ވާހަކަ ދައްކަމުން އަންނަ އިރު، އެ ފިލްމުން އޭނާ 12 ކްރޯޑް ރުޕީސް (1.65 މިލިއަން ޑޮލަރު) ގެ ފީއަކަށް ޑިމާންޑްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ކުރީކޮޅު އިއުލާންކުރި ބޮޑު ފިލްމު "ސީތާ: ދި އިންކަނޭޝަން" ކުޅެދޭން ބަތަލާ ކަރީނާ ކަޕޫރާ ވާހަކަ ދައްކަމުން އަންނަ އިރު، އެ ފިލްމުން އޭނާ 12 ކްރޯޑް ރުޕީސް (1.65 މިލިއަން ޑޮލަރު) ގެ ފީއަކަށް ޑިމާންޑްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ޑިމާންޑް ކުރި އަގު ދޭންް ފިލްމުގެ ޓީމުން ތައްޔާރަށް އޮތް ނަމަ ކަރީނާ ފިލްމަށް އެއްބަސްވާން ނިންމާފައިވާ ކަމަށެވެ. އަނެއްކޮޅުން ފިލްމުގެ ޑައިރެކްޓަރު އަލޯލީކް ދެސާއީ ބޭނުން ވެސް ވަނީ ކަރީނާ ފިލްމަށް ގެންނާށެވެ.

މީޑިއާތަކުން ކުރިން ބުނެފައިވާ ގޮތުގައި އިތުރު ބަތަލާއަކާ ދޭތެރޭ "ސީތާ" ގެ ޓީމުން ވިސްނާނީ އެއްވެސް ސަބަބަކާ ހުރެ ފިލްމަށް ކަރީނާ އެއްބަސްނުވެއްޖެ ކަމަށެވެ. އެގޮތުން އެފަދަ ހާލަތަކަށް ދާން ޖެހިއްޖެ ނަމަ ޒުވާން ބަތަލާ އާލިއާ ބަޓަކީ ދެވަނަ ހޮވުން ކަމަށް ނޫސްތަކުން ބުނެފައިވެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ކަރީނާ "ސީތާ" އިން 12 ކްރޯޑަށް ޑިމާންޑްކުރީ އެ ފިލްމަކީ ސީދާ އޭނާގެ ކެރެކްޓާ އަށް ބިނާކޮށްފައިވާ ފިލްމަކަށްވެފައި ފިލްމަށް ކުރަން ޖެހޭ މަސައްކަތް ވެސް ބޮޑުވާނެތީ އެވެ.

ޕްރަބާސްގެ "ބާހްބަލީ" އާއި ކަންގަނާ ރަނާވަތުގެ "މަނިކަރްނިކާ: ދި ކްއީން އފް ޖާންސީ" އަދި ރިލީޒްނުކުރާ ފިލްމު "ތަލައިވީ" ގެ ސްކްރީންޕްލޭ ލިޔުނު ކޭވީ ވިޖަޔެންދުރަ ޕްރަސާދުގެ ސްކްރިޕްޓަކަށް ހަދާ "ސީތާ" އަކީ އިންޑިއާގައި ހިންދޫންގެ ތެރޭގައި ކިޔައި އުޅޭ ހުރާފި ވާހަކަ "ރާމާޔަން" ގައި ހިމެނޭ އަންހެން ޝަހުސިއްޔަތު ސީތާ އަށް ބިނާކޮށް ހަދާ ފިލްމެކެވެ.

މީގެ ފަސްޓްލުކް ޕޯސްޓަރު ވެސް ފެބްރުއަރީ މަހުގެ ތެރޭގައި ދައްކައިލި އިރު، "ސީތާ" ގެ ޓީމުން އޮތީ ކަރީނާ ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށް ފިލްމުގެ މަސައްކަތް ފަށާށެވެ. ފެބްރުއަރީގައި ދެވަނަ ދަރިފުޅު ވިހޭ ފަހުން އޭނާ އަދި ރަސްމީކޮށް އެއްވެސް ފިލްމަކަށް ސޮއެއްނުކުރެ އެވެ.

"ސީތާ" ގެ ޓައިޓްލް ރޯލު ކުޅެން 12 ކްރޯޑްގެ ފީއަކަށް ޑިމާންޑްކުރި އިރު އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުން އާންމުކޮށް ފިލްމެއް ކުޅެދެނީ 6-8 ކްރޯޑް ރުޕީސްއަށެވެ. ހަންގާމާ އިން ބުނި ގޮތުގައި ކަރީނާ، 39، ހުށަހެޅި އަގާ މެދު ފިލްމުގެ ޓީމުން މިހާރު އަންނަނީ ސީރިއަސްކޮށް ވިސްނަމުންނެވެ. އަދި އެކަމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމައި އިއުލާންކުރާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ސީތާ" ގެ ރޯލެއް ރަންވީރު ސިންގް އަށް ވެސް ހުށަހަޅާފައިވެ އެވެ.

ކަރީނާގެ ކުރިއަށް އޮތް ފިލްމަކީ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އެވެ. އޭގެ ޝޫޓިން އޭނާ ވަނީ މިދިޔަ އަހަރު ނިންމައިފަ އެވެ. އެކަމަކު އަދި ރިލީޒްކުރާނެ އިރެއް އިއުލާނެއް ނުކުރެ އެވެ.