Roadha Mihaaru
"ތަހުގީގަށް ހުރަސް ނާޅާކަން އެނގިވަޑައިގަންނަވާނެ"

ތަހުގީގަށް ހުރަސް ނާޅާނެކަން ނަޝީދަށް އެނގިވަޑައިގަންނަވާނެ: ރައީސް

08 ޖޫން 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހު ދިން ހަމަލާ އާ ގުޅިގެން މަޖިލީހުން ހިންގާ އިންކުއަރީ އަށް ހުރަސް ނާޅާނެ ކަން ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހު ދިން ހަމަލާ އާ ގުޅިގެން މަޖިލީހުން ހިންގާ އިންކުއަރީ އަށް ހުރަސް ނާޅާނެ ކަން ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ޓެރަރިސްޓް ހަމަލާއާ ގުޅޭ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރު ކުރުމަށް ހުރަސް އަޅަމުން ގެންދަނީ ސީދާ ރައީސް ލޮބީކުރައްވައިގެން ކަމަށް ވިދާޅުވެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދުގެ ފަރާތުން މެސެޖެއް ފޮނުވާފައި ވަނިކޮށެވެ.

ރައީސް އޮފީހުގައި ވާޗުއަލްކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން ރައީސް ވިދާޅުވީ އިންކުއަރީ ކޮމިޓީ އަށް ސަރުކާރުން އެއްބާރުލުން ދޭކަން އެ ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާފުކޮށްދީފައިވާ ކަމަށެވެ.

ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ހާމަކުރީ ސިފައިންގެ ގާނޫނުގައި ބަޔާންކުރާ ކަމަކާ ހަވާލާދީ ކަމަށާއި ނަމަވެސް އެއްބާރުލުން ދިނުމަށް މިހާރު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ތަހުގީގަށް ހުރަސް ނާޅާނެކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނަޝީދަށް ދިން ހަމަލާގެ އަސްލު ގެއްލޭ ހިސާބަށް، އެކަމާ ބެހޭ ގޮތުން ދެކެވޭ އެކި ވާހަކަތަކާ ހެދި އެބަދާ ކަމަށެވެ. އެންމެންގެ އަމާޒަކަށް ވާން ވާނީ ހަމަލާގެ އަސްލަށް ވާސިލްވާން މަސައްކަތްކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ކާކުތޯ އެކަން ކުރީ، ކޮންބައެއް ބުނެގެންތޯ އަދި ފައިސާ ހަރަދު ކުރިތޯ ބެލުން، މުޅި ގައުމު ސަލާމަތް ކުރުން. މިއީ ކުރަންވީ ކަމަކީ، އެއާ ހިލާފަށް އޭގެން ނެއްޓި މުޅިން އެހެން ދިމާލަކަށް އަމާޒު ހިފައިގެން ދާތަން،" ރައީސް ވިދާޅުވި އެވެ.

ނަޝީދުގެ ތަހުގީގަށް ސަރުކާރު ތެރެއިން ހުރަސް އަޅާ ކަމުގެ އަޑުތަކާއެކު އެމްޑީޕީ ތެރޭގައި ރައީސަށް ތާއީދު ކުރާ ފަރާތްތަކާއި ނަޝީދަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި މައްސަލަތައް ހޫނުވެ، އެ ބަހުސް ވަނީ އާންމުންނާ ހަމައަށް ތިލަވެފަ އެވެ.