Roadha Mihaaru
އަޅުގަނޑު މިހުރީ ދޫދޭކަށް ނޫން: އިމްރާން

އަޅުގަނޑު މި ހުރީ ދޫދޭކަށް ނޫން: އިމްރާން

23 ނޮވެމްބަރ 2020

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ކުރީ ސަރުކާރުގެ ޚިޔާނާތުގެ މައްސަލަ ބެލުން ހުއްޓުވަން ކަމަށާއި ނަމަވެސް އެކަމުގައި ދޫނުދެއްވާނެ ކަމަށް އިމްރާން، ރައްޔިތުންގެ މަޖިލިހުގައި، މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ކުރީ ސަރުކާރުގެ ޚިޔާނާތުގެ މައްސަލަ ބެލުން ހުއްޓުވަން ކަމަށާއި ނަމަވެސް އެކަމުގައި ދޫނުދެއްވާނެ ކަމަށް އިމްރާން، ރައްޔިތުންގެ މަޖިލިހުގައި، މިއަދު ވިދާޅުވެއްޖެ އެވެ.

އިމްރާންގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ހުށަހެޅުއްވި މައްސަލައިގައި ޖަވާބުދާރީވެވަޑައިގަންނަވަމުން އިމްރާން ވިދާޅުވީ އޭނާއާ ދެކޮޅަށް ހުށަހެޅީ ވުޖޫދުގައި ނެތް މައްސަލައެއް އުފައްދައިގެން ކަމަށެވެ. އެެއީ ބަހަނާއެއް ކަމަށް ސިފަކުރަައްވަމުން އިމްރާން ވިދާޅުވި ގޮތުގައި އެ މައްސަލަ ހުށަހެޅުމުގެ ބޭނުމަކީ ސަރުކާރުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީ ފުރޮޅައިލުމެވެ.

"އަބަދުވެސް އަނިޔާވެރިވެރިކަމެއްގެ ހިޔަނީގައި ނާޖާއިޒް ނުފޫޒާއި ބާރާއި މުއްސަނދިކަން ލިބިގަންނަ ބަޔަކު ތިބޭނެ. އެފަދަ ވެރިކަމެއް ނެތިގެންދާ ކޮންމެ ފަހަރަކު އެވެރިކަމުގެ ފަސްބައިގައި އެލިގެން ތިބޭ ބަޔަކު އަދުލު އިންސާފަށް ހުރަސް އަޅައި، ގެއްލޭ ވެރިކަން އިއާދަކޮށް ގޮށްމުށުގެ ބާރު ހިންގަން އުޅޭކަން ތާރީހު ހެކިދޭ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް އިޝާރަތްކުރައްވާ އިމްރާން ވިދާޅުވި އެވެ.

"އެހެން ނަމަވެސް އިއްޒަތްތެރި ރައީސް އަޅުގަނޑު މިހުރީ ދޫދޭކަށް ނޫން."

އޭނާ ވިދާޅުވީ ފިއްތުންތައް ކުރިމަތިކުރިޔަސް ޖަލު ބަންދުގައި ހުންނަން ޖެހޭ މީހަކު ޖަލުން ނެރެދޭ މޭސްތިރިއަކަށް އޭނާ ވެވަޑައިނުގަންނަވާނެ ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޭނާއާ ހަވާލުކުރެއްވީ ޒަމާނީ އަދި ތަހުޒީބު މުޖުތަމައެއް ބިނާކުރުމަށާއި އަމާންކަން ގާއިމްކުރަން ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ޖަވާބުދާރީވެވަޑައިގަތުމަށް ހޯމް މިނިސްޓަރު އިމްރާން ވަޑައިގެން އިންނެވިއިރު، އަރިހުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މާހިރު.---ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ޖަވާބުދާރީވެވަޑައިގަތުމަށް ހޯމް މިނިސްޓަރު އިމްރާން ވަޑައިގެން އިންނެވިއިރު، އަރިހުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މާހިރު.---ފޮޓޯ: މަޖިލިސް

އިމްރާން ވިދާޅުވި ގޮތުގައި އެ މަސައްކަތްތައް ގެންދަވަނީ ރަނގަޅަށް ކުރައްވަމުންނެވެ. އަދި ކުރީގެ ސަރުކާރުގައި އެކަންކަން ކުރި ވަރަށް ވުރެ އެތައް ތަނަކުން ރަނގަޅަށް ކުރަައްވާފައިވާކަން ރައްޔިތުން ހެކިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާން މަގާމުން ދުރުކުރަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމެވެ. އޭނާގެ މައްސަލަ ބިނާކުރެއްވީ މަރާލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ހެކި ހުރި ކަމަށް ވިދާޅުވެ އިމްރާން އިތުރުފުޅު ހައްދަވާފައިވާ ކަމުގެ ތުހުމަތާއި ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައަކީ އާދައިގެ ކަމެއް ކަމަށް، މިނިސްޓަރު ދެއްކެވި ވާހަކަތަކުން ދޭހަވާ ދޭހަވުމަށެވެ.

އިމްރާން ވިދާޅުވެފައިވާ ގޮތުގައި ޖިންސީ ގޯނާގެ މައްސަލައިގައި ދެއްކެވި ވާހަކައިގައި އޭނާގެ ނިޔަތަކީ އެކަން އާދައިގެ ކަމަކަށް ހެއްދެވުމެއް ނޫނެވެ. އެ މައްސަލާގައި އާންމުންނަށް އޮޅުންއެރީ މީޑިއާއިން ކަވަރުކުރި ގޮތުން ކަމަށް ވިދާޅުވެ، އޭނާގެ ވާހަކަތަކަށް މައާފަށް ވެސް އެދިވަޑައިގަތެވެ.