Roadha Mihaaru
ވިސާއިން ޑޮލަރު މުއާމަލާތްނުކުރެވޭ އުސޫލު ފަސްކޮށްފި

ވިސާ ކާޑުން ރާއްޖޭގައި ޑޮލަރު މުއާމަލާތްނުކުރެވޭ އުސޫލަށް އަމަލުކުރުން ފަސްކޮށްފި

10 ޖޫން 2021

ރާއްޖޭގައި ހިންގާ ބޭންކްތަކުން ދޫކުރާ ވިސާ ކާޑުތަކުން ރާއްޖޭގައި ޑޮލަރުން މުއާމަލާތް ނުކުރެވޭ ގޮތަށް ހަދަން ނިންމި އުސޫލަށް އަމަލުކުރުން އެމްއެމްއޭ އިން ފަސްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ހިންގާ ބޭންކްތަކުން ދޫކުރާ ވިސާ ކާޑުތަކުން ރާއްޖޭގައި ޑޮލަރުން މުއާމަލާތް ނުކުރެވޭ ގޮތަށް ހަދަން ނިންމި އުސޫލަށް އަމަލުކުރުން އެމްއެމްއޭ އިން ފަސްކޮށްފި އެވެ.

އެމްއެމްއޭ އިން ކުރިން އިއުލާނުކޮށްފައި އޮތީ ރާއްޖޭގެ ބޭންކުތަކުން ދޫކުރާ ވިސާ ކާޑުތަކުން، މިދިޔަ މަހުގެ 15 އިން ފެށިގެން ޓްރާންސެކްޝަންތައް ހިންގޭނީ ދިވެހި ރުފިޔާ ކަމަށެވެ. ނަމަވެސް މިހާރު ވަނީ އެގޮތަށް އަމަލުކުރަން ފަށާނީ އޮގަސްޓް 15 އިން ފެށިގެން ކަމަށެވެ.

މި ނިންމުމަށް އަމަލުކުރުން ފަސްކުރީ ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެ، ރައްކާތެރިކަމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައި، ހިދުމަތްދޭ ފަރާތްތަކަށް ގޮންޖެހުންތަކެއް ހުންނާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން މިބަދަލު ގެންނަނީ "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް" ރާއްޖޭގައި ތައާރަފްކުރުމާ އެކު އެވެ.

ރާއްޖޭގައި ދޫކުރާ ވިސާ ކާޑުތަކުން ކުރާ ވިޔަފާރިތަކުގައި ބައެއް ތަންތަނުން ކަނޑަނީ ޑޮލަރުންނެވެ. ދިވެހި ރުފިޔާ ބޭނުންކުރާ ކާޑުތަކުން ވެސް އެގޮތަށް ޑޮލަރުން ކަނޑަނީ، އެނގިފައިވާ ގޮތުގައި، ބައެއް ވިޔަފާރިތަކުން ރާއްޖެއިން ބޭރުން ގެނެސް ހުންނަ ކާޑު މެޝިންތައް ވެސް މެދުވެރިކޮށެވެ.

ވިސާގެ "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް"ގެ ގޮތުގައި އެމްއެމްއޭއިން ކަނޑައަޅާފައި ވަނީ ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އެވެ. އެހެންކަމުން ރާއްޖޭގައި ދޫކުރާ ހުރިހާ ވިސާ ކާޑެއްގެ މައިގަނޑު ސެޓްލްމަންޓް ހަދާނީ ބީއެމްއެލް އިންނެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހުއްޓުމުން އިގުތިސާދަށް ކުރިމަތިވި މައްސަލަތަކާއި ޑޮލަރުގެ ބޮޑު ތާށިވުމާ ގުޅިގެން، ރާއްޖޭގައި ޑޮލަރުގެ ހާލަތު ރަނގަޅުކުރަން އެމްއެމްއޭ އާއި ސަރުކާރުން ވަނީ މަސައްކަތް ފަށައިފަ އެވެ.