Roadha Mihaaru
ނަފްރަތުގެ ބިލުން މައްސަލަ އިތުރަށް ގޯސްވެގެންދާނެ: ބައެއް މެމްބަރުން

ނަފްރަތުގެ ބިލުގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވެގެންދާނެ: ބައެއް މެމްބަރުން

06 ޖުލައި 2021

ނަފްރަތުގެ އަމަލުތައް ހުއްޓުވުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާއި އެ ބިލަށް ޖުޑީޝަރީ ކޮމިޓީން ގެނައި އިސްލާހުތަކުން މައްސަލަ އިތުރަށް ގޯސްވާނެ ކަމަށް ވިދާޅުވެ، މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނަފްރަތުގެ އަމަލުތައް ހުއްޓުވުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާއި އެ ބިލަށް ޖުޑީޝަރީ ކޮމިޓީން ގެނައި އިސްލާހުތަކުން މައްސަލަ އިތުރަށް ގޯސްވާނެ ކަމަށް ވިދާޅުވެ، މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މަޖިލީހުގެ 10 މެމްބަރަކު ސޮއިކުރައްވައި، ނެރުނު ބަޔާނުގައި ވިދާޅުވީ ރައްޔިތުންގެ މެދުގައި ހިންގާ ނަފްރަތުގެ އަމަލުތައް ހުއްޓުވަންޖެހޭ ކަމަށެވެ. އޭގެ ސަބަބުން އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކާއި ގެއްލުންތައް ލިބިފައިވާތީ އެފަދަ ނަފްރަތުގެ އަމަލުތަކަށް ހައްލެއް ހޯދަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ގާނޫނުންއުގޫބާތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރު ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަކީ އެކަމުގެ ހައްލު ކަމަށް ނުވަތަ ގާނޫނެއް ފާސްކުރުމުގެ މަގުސަދު ހާސިލްވާނެ ބިލެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

"މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ގެނެސްފައިވާ އިސްލާހުތަކަށް ބަލާއިރު، މިއީ ނަފްރަތުގެ އަމަލުތައް ހުއްޓުވުމަށް އޮތް ހައްލަކަށް ވުމުގެ ބަދަލުގައި މި ބިލުގެ ސަބަބުން މި މައްސަލަ އިތުރަށް ގޯސްވެގެން ދާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެ އެވެ. އޭގެ އިތުރުން، މި ބިލުގެ ސަބަބުން ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ގެއްލި ގޮސް، ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އިތުރުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް އަޅުގަނޑުމެންނަށް ގަބޫލުކުރެވެ އެވެ،" ބަޔާނުގައި ވެ އެވެ.

އެހެންކަމުން، ނަފްރަތުގެ އަމަލުތައް ހުއްޓުވައި މި މައްސަލައާ މެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް އެކަށީގެންވާ ހައްލުތަކެއް ހޯދުމަށްޓަކައި މަޝްވަރާގެ ރިވެތި އުސޫލުގެ މަތިން ވީހާ ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ގާނޫނުތައް އިސްލާހުކުރުމަކީ މުހިއްމުކަމެއް ކަމަށް ދެކެމެވެ.

އިސްލާމްދީނުގެ އަސްލުތަކާއި ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅޭ އެފަދަ ބިލުތަކަކީ ރައްޔިތުންނާއި ދީނީ އިލްމުވެރިން އަދި ކަމާގުޅުން ހުރި އެކި ފަރާތްތަކުގެ މަޝްވަރާ އާއި ލަފައާ އެކު ޑްރާފްޓުކޮށް ފާސްކުރަންޖެހޭ ބިލުތަކަކަށް ވިޔަސް ނަފްރަތުގެ ބިލުގެ މަސައްކަތް ކޮމިޓީން ކުރިއިރު ކަމާ ގުޅުން ހުރި ފަރާތްތަކާ އެކަށީގެންވާ ވަރަށް މަޝްވަރާ ކޮށްފައިވާ ނުވާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ. އަދި އެ ބިލަށް އިސްލާމިކް މިނިސްޓްރީ އާއި އެޗްއާރުސީއެމުން ހުށަހެޅި ގިނަ އިސްލާހުތަކަށް ރިއާޔަތް ނުކޮށް، ކޮމިޓީން ފާސްކުރުމުން ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.

"އެހެންކަމުން، ނަފްރަތުގެ އަމަލުތައް ހުއްޓުވައި މި މައްސަލައާ މެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް އެކަށީގެންވާ ހައްލުތަކެއް ހޯދުމަށްޓަކައި މަޝްވަރާގެ ރިވެތި އުސޫލުގެ މަތިން ވީހާ ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްގެން ގާނޫނުތައް އިސްލާހުކުރުމަކީ މުހިއްމުކަމެއް ކަމަށް ދެކެމެވެ،" ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންގެ އިތުރުން އެމްޑީއޭގެ ނައިބު ލީޑަރު ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި އަމިއްލަ މެމްބަރުންގެ ބަޔާނުގައި ވެ އެވެ.

"...ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުންމަތީ ދެމިތިބުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ތިބި ބައެއް ކަމަށް ވީ ހިނދު، މިހާރު ހުށަހަޅާފައިވާ ގޮތަށް މި ބިލް ފާސްކުރުމަކީ ދިވެހި ރައްޔިތުންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ގެއްލި ދިވެހި ގައުމު އިތުރު ހަމަނުޖެހުންތަކެއްގެ ތެރެއަށް ދިއުމުގެ ފުރުސަތު އޮތް ކަމެއްކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭތީ މިހާރު ހުށަހަޅާފައިވާ ގޮތަށް މި ބިލް ފާސްކުރުމަށް އަޅުގަނޑުމެން ތާއިދުނުކުރާ ވާހަކަ ދަންނަވަމެވެެ."

ބަޔާނުގައި ސޮއި ކުރެއްވި މެންބަރުން:

ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ޖޭޕީ)

ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް (ޖޭޕީ)

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން (އަމިއްލަ)

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން (ޖޭޕީ)

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް (އަމިއްލަ)

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް (އަމިއްލަ)

ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން މުހައްމަދު (އަމިއްލަ)

އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު (ޖޭޕީ)

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (އަމިއްލަ)

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު (އެމްޑީއޭ)

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގެ އެއް ވަނަ ނަމްބަރުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމުން، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ބުނުން ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ. އެ މާއްދާ އެހެން އޮންނާތީ ބައެއް ދީނީ އިލްމުވެރިންނާއި އާއްމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އެއީ ރާއްޖޭގައި ފާޅުގައި އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ލިބިގެންދާނެ ބޮޑު މިނިވަންކަމަކަށް ވާނެ އެވެ.

އެހެންވެ، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެ ބިލް ދިރާސާކުރިއިރު ބައެއް ބަދަލުތައް ގެންނަން ފާސްކޮށްފައިވެ އެވެ. އެ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އިސްލާހު ހުށަހެޅުއްވީ މުރުތައްދުވެއްޖެ ނަމަ ކާފަރެކޭ ބުނުން މަނާނުވާ ގޮތަށް ބަދަލުކުރާށެވެ.