Roadha Mihaaru
ހިޔާލުފާޅު ކުރެވޭނީ ދީނީ ހަމަތަކުގެ ތެރެއިން: ހިސާން

ހިޔާލުފާޅު ކުރުމުގެ ހައްގު އޮތީ ދީނީ ހަމަތަކުގެ ތެރެއިން: ހިސާން

24 އޯގަސްޓް 2021

ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ހައްގު އޮތީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަށް ވަކި ހަމައެއްގެ ތެރޭގައި ކަމަށާއި ދީނަށް ކުޑައިމީސް ކުރުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ހައްގު އޮތީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަށް ވަކި ހަމައެއްގެ ތެރޭގައި ކަމަށާއި ދީނަށް ކުޑައިމީސް ކުރުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އިސްލާމް ދީނާ އިދިކޮޅު އަަމަލުތައް އިތުރަށް ތަފުސީލު ކުރުމާއި ދީނަށް ފުރައްސާރަ ކުރުމަކީ ކުށެއް ކަން ސާފުވާ ގޮތަށް ގާނޫނުލްއުގޫބާތަށް ގެނައި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުންނެވެ.

އެ ބިލު ހުށަހަޅުއްވާއި ދެއްވަމުން ހިސާން ވިދާޅުވީ، ރާއްޖެއަކީ އިސްލާމީ ގައުމަކަށް ވާއިރު، މުޅި ދައުލަތް ތަރުތީބުވެ ބައްޓަން ކުރަން ވާނީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ކަމަށް ދުސްތޫރީ ގޮތުން ކަނޑައެޅި ނިމިފައިވާ ކަމަށާއި އެކަމާ ބަހުސް ކުރުމެއް އަދި ދެކޮޅު ހެދުމެއް ނެތް ކަމަށެވެ.

އެގޮތުން ގާނޫނުއަސާސީގައި ބުނާ މިނިވަން ކަމުގެ ހައްގުތައް ވެސް އޮތީ ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތެއްގެ މަތިން ކަމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަން ވެސް އޮންނަން ޖެހޭނީ އެ ހަމަތަކުގެ ތެރެއިން ކަމަށް ހިސާން ވިދާޅުވި އެވެ.

"މަދުން ނަމަވެސް ދީނަށް ކުޑައިމީސް ވާ ގޮތަށް ވާހަކަ ދެއްކުމާއި ދީނީ ޝިއާރުތަކާއި ބައެއް ކަހަލަ ތަސައްވަރުތަކަށް އިހާނެތިކޮށް ވާހަކަ ދެއްކުމަކީ މުޖުތަމައުން ފެންނަމުންދާ ކަމެއް. އެކަމަކީ ގާނޫނުއަސާސީން ތަންދޭ ކަމެއް ނޫން،" ހިސާން ވިދާޅުވި އެވެ.

ދީނަށް ކުޑައިމީސްކޮށް ޖޯކު ޖަހައި މަލާމާތެއް ރައްދުވާ ގޮތަށް އެއްވެސް ސިފައެއްގައި ވާހަކަ ދެއްކުމަކީ އިސްލާމީ ދައުލަތެއްގައި ކުށެއް ކަމުގައި ސާފުކޮށް އޮންނަން ޖެހޭ ކަމަށާއި ނަމަވެސް އެކަން ހިނގަން ޖެހޭނީ ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ކަމަށް ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެކަކު އަނެކަކާ ދިމާއަށް ތުހުމަތުކޮށް މުޖުތަމައު ފިތުނައަކަށް ނުދާނީ ވެސް މި ދައުލަތުގައި ކުށަކަށް ވާނީ ކޮން ކަމެއް ކަމާއި އެކަމެއް ހިނގުމުން ދެން ހަދާނެ ގޮތް ގާނޫނުގައި ލިޔެފައި އޮވެގެން ކަމަށެވެ.

އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ފަރާތުން އެކުލަވައިލި ބިލު ވެސް މަޖިލީހަށް ހުށަހެޅުއްވީ ހިސާނެވެ. މުސްލިމަކާ ދިމާލަށް ކާފަރަކަށް ގޮވުމަކީ ޖިނާއީ ކުށަކަށް ހަދަން ހުށަހެޅި އެ ބިލާ ގުޅިގެން ހިސާނަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެ، އެންމެ ފަހުން އެ ބިލުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވައި ހިސާން މިއަދު ވިދާޅުވީ ވަކި މީހަކީ ކާފަރެއް ކަމުގައި ލޭބަލްކޮށް، އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅިދާނެ ފަދަ ވާހަކަ ދެއްކުން ކުށަކަށް ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހެޅީ ވެސް އެފަދަ ކަންކަމުން އުފެދޭ ފިތުނަތަކުން ދުރުވެ، ދީނީ އެއްބައިވަންތަ ކަމަށް ލޮޅުން އެރިޔަ ނުދިނުމުގެ ބޭނުމުގައި ކަމަށެވެ.

"އެ ބިލުގެ މަގްސަދާއި މި ބިލުގެ މަގަސަދަކީ ވެސް އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ހަރުދަނާ އުސޫލުތައް ނެގެހެއްޓުން،" ހިސާން ވިދާޅުވި އެވެ.

މަޖިލީހުގައި މިހާރު ކުރިޔަށް ގެންދާ މި ބިލުގައި ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ ހަތަރު ވަނަ ނަމްބަރުގެ ފަހަތަށް އިތުރު ކޮށްފައި ވަނީ މުވާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެ ނޫން ވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި އިސްލާމް ދީނަށް ތައުހީން ކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން އިސްލާމް ދީނަށް ފުރައްސާރަ ކުރުން އެއީ މަނާ ކަމެއްގެ ގޮތުގައި ކަނޑައެޅުމެވެ.