Roadha Mihaaru
ލައިސަންސް އާކޮށްދިނުމުގެ ހިދުމަތް ދޭން އަލުން ފަށަނީ

ލައިސަންސް އާކޮށްދިނުމުގެ ހިދުމަތް އާދިއްތަ ދުވަހު ފަށަނީ

16 ޖޫން 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން، ލައިސަންސް ދިނުމުގެ ހިދުމަތް މެދުކަނޑާލާފައި އޮތުމަށް ފަހު، އާދިއްތަ ދުވަހު އަލުން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން، ލައިސަންސް ދިނުމުގެ ހިދުމަތް މެދުކަނޑާލާފައި އޮތުމަށް ފަހު، އާދިއްތަ ދުވަހު އަލުން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، ލައިސަންސް އާ ކޮށްދިނުމުގެ އިތުރުން ދެ ފުރޮޅުލީ އެއްގަމު އުޅަނދުގެ ރަޖިސްޓްރޭޝަން އަދި މެރިޓައިމް ބައެއް ހިދުމަތްތައް ވެސް އާދިއްތަ ދުވަހު އަލުން ފަށާނެ ކަމަށެވެ.

މި ހިދުމަތްތައް ދިނުން މާލެ ސަރަހައްދުގައި މެދު ކަނޑާލާފައިވަނީ، ރާއްޖޭގައި ކޮވިޑް 19ގެ ހާލަތު ގޯސްވެ، ސަރުކާރުގެ އޮފީސްތައް ބަންދު ކުރަން ޖެހުމާ ގުޅިގެންނެވެ. ލައިސަންސް ދޫކުރުން ހުއްޓާލާފައިވަނީ މިދިޔަ މަހު އެވެ. އޭގެ ކުރިން ވެސް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުން އެކި ފަހަރު މަތިން މެދުކަނޑާލާފައިވެ އެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން ރައްޔިތުންނަށް ދިމާވާ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އޮންލައިންކޮށް ލައިސަންސް ދޫކުރުން ވެސް ކުރިއަށް ގެންދިޔަ އެވެ. އަދި މުއްދަތު ހަމަވާ ލައިސަންސް ޖުލައި 31 ގެ ނިޔަލަށް ބޭނުން ކުރެވޭނެ ގޮތް މިދިޔަ މަހުގެ 1 އިން ފެށިގެން ހަމަޖައްސައިދީފައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރަމުން އަންނަ ލައިސަންސް ކާޑާއި ރަޖިސްޓްރީތައް ދޫކުރުމަށް ސެލްފް ކަލެކްޝަން ސްޓޭޝަނެއް ވެސް މި މަހު ގާއިމު ކޮށްފައިވެ އެވެ.