Roadha Mihaaru
ވަކި ގައުމުތަކެއްގެލައިސަންސް އޮންނަ ދިވެހިންނަށް ލުޔެއް

ޓްރާންސްޕޯޓުން ކަނޑައެޅި 25 ގައުމުގެ ލައިސަންސް އޮންނަ ދިވެހިންނަށް ވެސް އިމްތިހާނެއް ނޯންނާނެ

10 އޯގަސްޓް 2021

ބިދޭސީ ލައިސަންސަށް ބިނާކޮށް، އިތުރު ޓެސްޓަކާ ނުލައި ދިވެހި ލައިސަންސް ދޫކުރުމުގެ އުސޫލު ޓްރާންސްޕޯޓް އޮތޯރިޓީން އާންމު ކޮށްފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

ބިދޭސީ ލައިސަންސަށް ބިނާކޮށް، އިތުރު ޓެސްޓަކާ ނުލައި ދިވެހި ލައިސަންސް ދޫކުރުމުގެ އުސޫލު ޓްރާންސްޕޯޓް އޮތޯރިޓީން އާންމު ކޮށްފި އެވެ.

އެ އިދާރާ އިން ވަނީ 25 ގައުމެއްގެ މީހުންނަށް އެއްވެސް އިމްތިހާނަކާ ނުލައި ރާއްޖޭގައި އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރަން ނިންމައިފަ އެވެ.

އެގޮތަށް ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ އުސޫލު މިއަދު ގެޒެޓް ކޮށްފައިވާއިރު، ޓްރާންސްޕޯޓް އެ އުސޫލުގައިވާ ގޮތުން އެ 25 ގައުމުގެ ލައިސަންސް އޮންނަ ދިވެހިންނަށް ވެސް އިތުރު އިމްތިހާނަކާ ނުލައި ރާއްޖޭގައި ލައިސަންސް ދޫކުރާނެ އެވެ.

ލައިސަންސާ ގުޅޭ ކަންކަމަށް 250ރ. ގެ ފީއެއް ނެގުމަށް ނިންމާފައިވާއިރު، ބިދޭސީ ލައިސަންސްގެ ސައްހަކަށް ކަށަވަރު ކުރާނީ އޮންލައިންކޮށް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެ އެވެ. އަދި ލައިސަންސްގެ ސައްހަކަން އޮންލައިންކޮށް ކަށަވަރު ނުކުރެވޭ ނަމަ، އެ މީހަކު ނިސްބަތްވާ ގައުމުގެ އެމްބަސީގެ ލިޔުމެއް ހުށަހަޅަން ޖެހޭ ކަމަށް އުސޫލުގައި ކަނޑައަޅާފައިފެ އެވެ.

އިމްތިހާނެއް ހެދުމެއް ނެތި ދާއިމީ ލައިސަންސް ދޫކުރަން ނިންމާފައި ވަނީ އިންޑިއާ، ސްރީ ލަންކާ، ނޭޕާލް، ޕާކިސްތާން، އަފްގާނިސްތާން، ބޫޓާން، ބުރުނާއީ، ކެމްބޯޑިއާ، އިންޑޮނީޝިއާ، ލާއޮސް، މެލޭޝިއާ، މިއަންމާ، ފިލިޕީންސް، ސިންގަޕޫރު، ތައިލޭންޑް، ވިއެޓްނާމް، ޖަޕާން، އިނގިރޭސި ވިލާތް، އެމެރިކާ، ޗައިނާ، ޔޫއޭއީ، ސްވިޒަލޭންޑް، ސައޫދީ އަރަބިއްޔާ، ބެލްޖިއަމް، އަދި ޖަރުމަނުގެ ސައްހަ ލައިސަންސް އޮންނަ މީހުންނަށެވެ.

މި ގައުމުތައް ނޫން އެހެން ގައުމެއްގެ ލައިސަންސަށް ބިނާކޮށް ދިވެހި ލައިސަންސް ހެއްދޭނެ ކަމަށް ވެސް ޓްރާންސްޕޯޓުން ބުނެ އެވެ. ނަމަވެސް އެ ފަދަ ލައިސަންސެއް އޮތް މީހަކަށް ދިވެހި ލައިސަންސެއް ދޫކުރާނީ ތިޔަރީ އިމްތިހާނެއް ހެދުމުން ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

އެއްގަމު އުޅަނދުފަހަރާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ވަނީ އެ މިނިސްޓްރީ ގަބޫލުކުރާ ގައުމުތަކުގެ މީހުންގެ ތެރެއިން ސައްހަ ލައިސަންސް އޮންނަ މީހުންނަށް ދާއިމީ ލައިސަންސް ދިނުމުގެ ބާރު ލިބިފަ އެވެ.