Roadha Mihaaru
އަކްޝޭގެ ސީރީޒް "ދި އެންޑް" ގެ މަސައްކަތް ފަށަނީ

އަކްޝޭގެ ވެބް ސީރީޒް "ދި އެންޑް" ގެ މަސައްކަތް ފަށަނީ

18 ޖޫން 2021

ދެހާސް ނަވާރައިގައި އިއުލާންކުރި އަކްޝޭ ކުމާރުގެ ފުރަތަމަ ވެބް ސީރީޒް "ދި އެންޑް" ގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ޕްރޮޑިއުސަރު ވިކްރަމް މަލްއުތުރާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެހާސް ނަވާރައިގައި އިއުލާންކުރި އަކްޝޭ ކުމާރުގެ ފުރަތަމަ ވެބް ސީރީޒް "ދި އެންޑް" ގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ޕްރޮޑިއުސަރު ވިކްރަމް މަލްއުތުރާ ބުނެފި އެވެ.

އޭނާގެ އަބުންދަންތިއާ އެންޓަޓައިންމަންޓުން އުފައްދައި، އެމެޒޯން ޕްރައިމް ވީޑިއޯ އިން މިއަދު ޕްރީމިއާކުރާ ވިދިއާ ބާލަންގެ ފިލްމު "ޝޭރްނީ" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި އަކްޝޭގެ ސީރީޒާ ބެހޭ ގޮތުން ސުވާލުކުރުމުން ބުނީ އޭގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ.

"ކޮވިޑްގެ ހާލަތަށް ބަލައިފައި އަހަރެމެން އުންމީދުކުރަނީ އަހަރުގެ ފަހުކޮޅު މަސައްކަތް ފެށޭނެ ކަމަށް،" އޭނާ ބުންޏެވެ. "ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ."

މި ސަވައިލް ތުރިލާ އަކީ ވެސް އެމެޒޯން ޕްރައިމް ވީޑިއޯ އަށް ހަދާ އެއްޗެކެވެ. ރިޕޯޓްތައް ބުނާ ގޮތުން "ދި އެންޑް" އަށް އަކްޝޭ ސޮއިކުރީ 90 ކްރޯޑް ރުޕީސް (12.21 މިލިއަން ޑޮލަރު) އަށެވެ. މި ސީރީޒްއާ ބެހޭ މާ ގިނަ މައުލޫމާތުތަކެއް މިހާތަނަކަށް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެހެންވެ "ދި އެންޑް" ގެ އިތުރު ކާސްޓުންނާއި ޑައިރެކްޓްކުރާނެ މީހަކު ވެސް އަދި ނޭނގެ އެވެ. އެކަމަކު ކުރިން ބައެއް މީޑިއާތަކުން ބުނީ މި ސީރީޒަކީ ދިން އަހަރަށް ދެމިގެންދާ ގޮތަށް ހަދާ އެއްޗެއް ކަމަށެވެ.

އަކްޝޭ މި ވަގުތު އަންނަނީ "ރަކްޝާބަންދަން" ގެ ޝޫޓިން އާއި "ރާމް ސެތޫ" ގެ މަސައްކަތް އަލުން ފަށަން ތައްޔާރުވަމުންނެވެ.

އޭނާގެ އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ އަންނަ މަހުގެ 27 ގައި ގެނެސްދޭ "ބެލްބޮޓަމް" އެވެ.