Roadha Mihaaru
ސޮނާކްޝީ އަނެއްކާވެސް ރާއްޖޭގައި

"އައިލެންޑް ގާލް" ސޮނާކްޝީ އަނެއްކާވެސް ރާއްޖޭގައި

23 ނޮވެމްބަރ 2020

ކުރިން ވެސް ރާއްޖެ އަށް އެތައް ފަހަރަކު ޒިޔާރަތްކޮށްފައިވާ ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ އަނެއްކާ ވެސް ރާއްޖެ އަށް ޗުއްޓީ އަށް އަތުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން ވެސް ރާއްޖެ އަށް އެތައް ފަހަރަކު ޒިޔާރަތްކޮށްފައިވާ ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ އަނެއްކާ ވެސް ރާއްޖެ އަށް ޗުއްޓީ އަށް އަތުވެއްޖެ އެވެ.

އޭނާ މި ފަހަރު ޗުއްޓީ ހޭދަކުރަނީ ގްރޭންޑް ޕާކް ކޮއްދިޕަރު ރިސޯޓްގަ އެވެ. އެތަނުގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށް އެއް ފޮޓޯގައި ސޮނާކްޝީ އޭނާ ސިފަކުރީ "އައިލެންޑް ގާލް" ގެ ގޮތުގަ އެވެ. އެ ފޮޓޯގައި ފެންނަނީ އޭނާ ދޮންވެލިގަނޑު މަތީގައި އިށީނދެގެން އިންނަ ތަނެވެ. އަނެއް ފޮޓޯގައި ސޮނާކްޝީ އިންނަނީ ރާޅުޖަހާ ފަށުގައި އިށީނދެގެންނެވެ. އެ ފޮޓޯގެ ކެޕްޝަނުގައި ބުނެފައި ވަނީ "އެންމެ އުފާވަނީ މޫދުގައި" ކަމަށެވެ.

ސޮނާކްޝީ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ސަލްމާން ޚާންގެ "ދަބަންގް 3" އިންނެވެ. ކުރީގެ ބަތަލު ޝަތުރަގަން ސިންހާގެ ހަމައެކަނި އަންހެން ދަރިފުޅު ބޮލީވުޑަށް ނުކުތީ "ދަބަންގް" ގެ ފުރަތަމަ ފިލްމުން 2010 ގަ އެވެ.

"ކަލަންކް" އާއި "އިއްތިފާގު" އަދި "ރައުޑީ ރާތޯޑް" އަދި "ލުޓޭރާ" ފަދަ ފިލްމުތައް ކުޅެފައިވާ ސޮނާކްޝީ ދެން އެންމެ އަވަހަށް ފެންނާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އިންނެވެ.

އުމުރުން 33 އަހަރުގެ ބަތަލާ މިހާރު އަންނަނީ "ފޯލެން" ކިޔާ ވެބް ސީރީޒެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.

އިންޑިއާގެ ފިލްމީ ތަރިން މީގެ ކުރިން ރާއްޖެ ނާންނަހާ ގިނައިން ލޮކްޑައުންގެ ފަހުން ރާއްޖެ އަށް ޒިޔާރަތްކުރަމުން އަންނަ އިރު، އެ މާކެޓަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ގައުމު ވެސް މެ އެވެ. މިހާރު ވެސް ރާއްޖޭގައި އިންޑިއާގެ އެތައް ފިލްމީ ތަރިންނެއް އަންނަނީ ޗުއްޓީ ހޭދަކުރަމުންނެވެ.