Roadha Mihaaru
ނަފްރަތުގެ ބިލަށް ތާއީދެއް ނުކުރަން: އެމްއާރުއެމް

ނަފްރަތުގެ ބިލަށް ތާއީދެއް ނުކުރަން: އެމްއާރުއެމް

04 ޖުލައި 2021

ނަފްރަތުގެ އުފެއްދުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ތާއިދުނުކުރާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނަފްރަތުގެ އުފެއްދުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ތާއިދުނުކުރާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މިއަދު ބުނެފި އެވެ.

އެ ޕާޓީން ކުރި ޓްވީޓުގައި ބުނީ ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަން މިދިޔަ މެއި މަހުގެ ފަހުކޮޅު ހުށަހެޅި އިސްލާހަށް ތާއިދުނުކުރަން އެމްއާރުއެމްގެ އެކްސްކޯ އިން ނިންމާފައިވާ ކަމަށެވެ. އެއާއެކު، އެ ބިލުގައި ހުރި ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކުރަން ނިންމާފައިވާ ކަމަށް، މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީން ބުންޏެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގެ އެއް ވަނަ ނަމްބަރުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމުން، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ބުނުން ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ. އެ މާއްދާ އެހެން އޮންނާތީ ބައެއް ދީނީ އިލްމުވެރިންނާއި އާއްމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އެއީ ރާއްޖޭގައި ފާޅުގައި އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ލިބިގެންދާނެ ބޮޑު މިނިވަންކަމަކަށް ވާނެ އެވެ.

އެހެންވެ، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެ ބިލް ދިރާސާކުރިއިރު ބައެއް ބަދަލުތައް ގެންނަން ފާސްކޮށްފައިވެ އެވެ. އެ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އިސްލާހު ހުށަހެޅުއްވީ މުރުތައްދުވެއްޖެ ނަމަ ކާފަރެކޭ ބުނުން މަނާނުވާ ގޮތަށް ބަދަލުކުރާށެވެ.

މީހަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްދުގައި ފާޅުކުރުމާއި، ފާޅުގައި ދީނުން ބޭރުވެ މުރުތައްދުވުމުން ކާފަރެކޭ ބުންޏަސް ކުށަކަށް ނުވާނެ އެވެ. މީހަކު ކާފަރުވެފައިވާ ކަމަށް ނުވަތަ މުރުތައްދު ވެފައިވާ ކަމަށް ބުނުން ކުށަކަށް ވާނީ އެނޫން ހާލަތްތަކުގަ އެވެ.

އެ ބިލާ ގުޅޭ ކަންބޮޑުވުންތައް އެމްއާރުއެމްގެ އިތުރުން މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތާއި ޖުމްހޫރީ ޕާޓީން ވެސް ފާޅުކޮށްފައިވެ އެވެ. ނަފްރަތު އުފެއްދުން ކުށަކަށް ހެދުމަށް ތާއިދުކުރާކަން ހާމަކޮށްފައިވަނީ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން އެކަންޏެވެ. އޭގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ބިލަށް ގެންނަން ބޭނުންވާ ބަދަލުތައް ހުށަހަޅައިފަ އެވެ.

އެޗްއާރުސީއެމުން އެދިފައިވަނީ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އަދި މައުލޫމާތު ލިބުމާއި ފެތުރުމުގެ ހައްގު ކަށަވަރުކޮށްދޭ ގޮތަށް އިސްލާހުކުރުމަށް އެދިފަ އެވެ. އިސްލާމް މިނިސްޓްރީން ލަފާދިނީ އިސްލާމްދީނާ ދެކޮޅަށް ހިންގާ އަމަލުތައް ނަފުރަތުގެ ބިލުގައި ހިމެނުމަށެވެ.