Roadha Mihaaru
ރަންބީރުގެ ލޯބިވެރިންނަށް ދައްތަގެ ހެދުންތައް ދިނީ!

ރަންބީރުގެ ލޯބިވެރިންނަށް ދައްތަގެ ހެދުންތައް ދިނީ!

07 ސެޕްޓެމްބަރ 2021

އެކްޓަރު ރަންބީރް ކަޕޫރް އޭނާގެ ފުރާވަރުގެ ދުވަސްވަރު ދައްތަ ރިދިމާ ކަޕޫރްގެ ބައެއް ހެދުންތައް ލޯބިވެރިންނަށް ދިން ކަމަށް ބުނެ ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ރަންބީރަށް ޖޯކު ޖަހައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓަރު ރަންބީރް ކަޕޫރް އޭނާގެ ފުރާވަރުގެ ދުވަސްވަރު ދައްތަ ރިދިމާ ކަޕޫރްގެ ބައެއް ހެދުންތައް ލޯބިވެރިންނަށް ދިން ކަމަށް ބުނެ ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ރަންބީރަށް ޖޯކު ޖަހައިފި އެވެ.

ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި އާދީއްތަ ދުވަހުގެ މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ކުރީގެ އެކްޓަރު ރިޝީ ކަޕޫރްގެ އަންހެނުން ނީޓޫ ސިންގާ އެކު ބައިވެރިވި އަންހެން ދަރިފުޅު ރިދިމާ ބުނީ ލަންޑަނުގައި ކިޔަވަން އުޅުނު ދުވަސްވަރު އެއް ފަހަރަކު މުމްބާއީ އަށް ޗުއްޓީއަކަށް ގޮސް އުޅުމުގެ ތެރޭގައި އޭނާގެ ދަބަހުން ހެދުމާއި ބައެއް އެއްޗެހި ގެއްލެން ފެށި އެވެ. ވާގޮތެއް ނޭނގިގެން އުޅެނިކޮށް ކޮއްކޮ ރަންބީރު އެ ދުވަސްވަރު ރައްޓެހިވެގެން އުޅުނު އަންހެން ކުއްޖަކު އެއް ދުވަހަކު ގެއަށް ގެނައި އިރު ލައިގެން ހުރީ ގެއްލިގެން އުޅުނު ކަހަލަ ޓޮޕެއް ކަމަށް ރިދިމާ ބުންޏެވެ.

"އެ ހިސާބުން މި އެނގުނީ އަހަރެންގެ އެއްޗެހި ސިއްރުން ނަގައިގެން ގޮސް ރަންބީރް އަންހެންކުދިންނަށް ދޭކަން،" އެ ވާހަކަ މަޖާކޮށް ކިޔައިދެމުން ރިދިމާ ބުންޏެވެ.

އޭނާގެ ވާހަކަތަކާ ގުޅިގެން ނީޓޫ ބުނީ ރަންބީރް އެކަން ކުރީ އޭރު އަތުގައި ފައިސާ ނުހުންނާތީ ކަމަށެވެ. ނީޓޫ ބުނީ ދުވަހަކު ވެސް ދަރިންގެ އަތަށް ގިނައިން ފައިސާ ނުދޭ ކަމަށާއި ދެނީ ކިރިޔާ ޕޮކެޓް މަނީއަކަށް ފުދޭވަރުގެ އަދަދެއް ކަމަށެވެ.

"ދަރިންގެ އަތަށް މާ ގިަނއިން ފައިސާ ދޭ ކަމަށް ވަންޏާ ދަރިން ހަލާކުވާނެ. އަހަންނާއި ފިރިމީހާ ދުވަހަކު ވެސް ދަރިންގެ އަތަށް އެ މީހުން ކިޔާހާ އަދަދަކަށް ފައިސާއެއް ނުދެން،" ނީޓޫ ބުންޏެވެ.

ކަޕިލް އަކީ ވެސް މިހާރު ދެ ދަރިންގެ ބައްޕައަކަށްވާތީ ނަސޭހަތެއްގެ ގޮތުގައި ބުނެލަން އޮތް މުހިއްމު އެއް ވާހަކަ އަކީ ވެސް އެއީ ކަމަށް ނީޓޫ ބުންޏެވެ. ކަޕިލް ވަނީ އެ ނަސޭހަތް ހަނދާނުގައި ބަހައްޓާނެ ކަމަށް ބުނެފަ އެވެ.