Roadha Mihaaru
ސްވިޒަލެންޑުން ދުނިޔޭގެ ޗެމްޕިއަން ހިމޭން ކޮށްލައިފި

ސްވިޒަލެންޑުން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ހިމޭން ކޮށްލައިފި

29 ޖޫން 2021

ބުކަރެސްޓް (ޖޫން 29) - ޕެނަލްޓީ ޖަހައިގެން، ދުނިޔޭގެ ޗެމްޕިއަން ފްރާންސް ކަޓުވާލުމަށް ފަހު ޔޫރޯގެ ކުއާޓާ ފައިނަލަށް ސްވިޒަލެންޑް މިރޭ ދަތުރުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބުކަރެސްޓް (ޖޫން 29) - ޕެނަލްޓީ ޖަހައިގެން، ދުނިޔޭގެ ޗެމްޕިއަން ފްރާންސް ކަޓުވާލުމަށް ފަހު ޔޫރޯގެ ކުއާޓާ ފައިނަލަށް ސްވިޒަލެންޑް މިރޭ ދަތުރުކޮށްފި އެވެ.

މެޗުގެ ފުރިހަމަ ވަގުތުގައި 3-3 އިން އެއްވަރުވުމުން، އިތުރު ވަގުތުގެ ދެ ހާފު ކުޅެ ވެސް ނަތީޖާ ނުނެރެވުމުން ޖެހި ޕެނަލްޓީ ޝޫޓް އައުޓް ސްވިޒަލެންޑުން ކާމިޔާބު ކުރީ 5-4 އިންނެވެ. ފްރާންސަށް ނާކާމިޔާބުވީ ޓީމުގެ ތަރީ ކިލިޔަން އެމްބާޕޭ ޖެހި ޕެނަލްޓީ އެވެ.

ކުއާޓާ ފައިނަލުގައި، ސްވިޒަލެންޑް ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.

ރުމޭނިއާގެ ވެރިރަށް ބުކަރެސްޓްގެ ނެޝަނަލް އެރީނާގައި ކުޅުނު މެޗުގައި، ސްވިސްގެ ދެ ލަނޑު ކާމިޔާބު ކުރީ ހާރިސް ސެފެރޮވިޗް އެވެ. މެޗު ފެށިގެން 15 ވަނަ މިނެޓްގައި ސެފެރޮވިޗް ލަނޑު ޖެހީ ޒަރްދާން ޝަކީރީ ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ކަނަށް ވައްދާލައިގެންނެވެ. ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެމުން ދިޔައީ ވެސް ސްވިޒަލޭންޑެވެ.

ދެ ވަނަ ހާފުގެ ކުރިކޮޅު ނަތީޖާގެ ފަރަގު ބޮޑުކުރުމަށްޓަކައި ސްވިޒަލެންޑަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ރިކާޑޯ ރޮޑްރިގޭޒް ފޮނުވާލި ޕެނަލްޓީ ފްރާންސްގެ ގޯލްކީޕަރު އަދި ކެޕްޓަން ހޫގޯ ލޮރިސް ދިފާއު ކުރި އެވެ.

ފްރާންސަށް ނަތީޖާ ހަމަހަމަ ކޮށްދީ ލީޑު ނަގައިދިނީ ކަރީމް ބެންޒެމާ އެވެ. ސްވިޒަލެންޑަށް ޕެނަލްޓީ ނާކާމިޔާބު ވުމުން ކުރިމަތިވި މާޔޫސްކަމުން އަރައި ނުގަނެވިގެން އުޅެނިކޮށް ބެންޒެމާ ވަނީ ފްރާންސްގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ.

ފްރާންސަށް ނަތީޖާ ހަމަހަމަ ކޮށްދިން ބެންޒެމާ އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ފްރާންސަށް ނަތީޖާ ހަމަހަމަ ކޮށްދިން ބެންޒެމާ އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ކިލިޔަން އެމްބާޕޭ ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ބެންޒެމާ ވަނީ 57 ވަނަ މިނެޓްގައި ފްރާންްސަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ފްރާންސަށް ލީޑް ނަގަން ހޭދަވީ ދެ މިނެޓެއްހާއިރު އެވެ. އެންޓޮއިން ގްރީޒްމަން ފޮނުވާލި ބޯޅަ ސްވިޒަލެންޑުގެ ކީޕަރު ޔޭން ސޮމާ އަތުން ޖެހި ބޯޅަ މައްޗަށް އެރުމުން ގޯލް ލައިން މަތީގައި ހުރެފައި ބެންޒެމާ ވަނީ ބޮލުން ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.

މެޗުގެ 73 ވަނަ މިނެޓްގައި ޕޯލް ޕޮގްބާ ވަނީ އޭރިއާ ބޭރުން ލިބުނު ބޯޅަ ގޯލުގެ މަތީ ކަނަށް ވައްދާލައި ފްރާންސަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފަ އެވެ.

ސްވިޒަލެންޑަށް އަނެއްކާވެސް ދިރުމެއް ހޯދައިދިނީ 81 ވަނަ މިނެޓްގައި ސެފްރޮވިޗް ޖެހި ލަނޑުންނެވެ. އެ ލަނޑުން އެ ޓީމަށް ބޮޑު ހިތްވަރެއް ލިބުނެވެ. މެޗުގެ 90 މިނެޓް ހަމަވާން މަދު ސިކުންތު ކޮޅަކަށް ވެފައިވަނިކޮށް މާރިއޯ ގަވްރަނޯވިޗް ސްވިޒަލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި ހަތަރު މިނެޓްގެ އިތުރު ވަގުތުގައި ފްރާންސްގެ ކިންގްސްލީ ކޯމަން ފޮނުވާލި ހަމަލާއެއް ގޯލްގެ ހުރަސް ދަނޑިއަށް އަމާޒުވި އެވެ.

ސްވިޒަލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދިން ގެވްރޮނޮވިޗް އުފާފާލު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ސްވިޒަލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދިން ގެވްރޮނޮވިޗް އުފާފާލު ކުރަނީ --- ފޮޓޯ: އޭއެފްޕީ

މެޗުގެ ފުރިހަމަ ވަގުތު 3-3 އިން އެއްވަރުގެން ނިމުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ފްރާންސްގެ އެޑްރިއަން ރަބިއޯ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ކީޕަރު ސޮމާ ކޯނަރަކަށް ބޭރުކޮށްލީ އެވެ. އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހު ކޮޅުގައި އޮލިވާ ޖިރޫ ފޮނުވާލި ބޯޅަ ނުރައްކާކޮށް ދިޔަނަމަވެސް އެ ބޯޅަވެސް ސޮމާ ސޭވްކުރި އެވެ.

އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާއަށް ބަދަލެއް ނައުމުން ޕެނަލްޓީ ޝޫޓް އައުޓްގައި ފްރާންސަށް ނާކާމިޔާބުވީ އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ސޮމާ ދިފާއު ކުރުމުންނެވެ.

ޕެނަލްޓީ ޝޫޓްއައުޓް

ސްވިޒަލެންޑްގެ ޕެނަލްޓީ: ގެވްރޮނޮވިޗް ކާމިޔާބުކުރި

ފްރާންސްގެ ޕެނަލްޓީ: ޕޮގްބާ ކާމިޔާބުކުރި

ސްވިޒަލެންޑްގެޕެނަލްޓީ: ފަބިއަން ޝާ ކާމިޔާބުކުރި

ފްރާންސްފެ ޕެނަލްޓީ: ޖިރޫ ކާމިޔާބުކުރި

ސްވިޒަލެންޑްގެ ޕެނަލްޓީ: މެނުއަލް އަކާންޖީ ކާމިޔާބުކުރި

ފްރާންސްގެ ޕެނަލްޓީ: މާކޯސް ތުރާމް ކާމިޔާބުކުރި

ސްވިޒަލެންޑްގެ ޕެނަލްޓީ: ރުބެން ވާގަސް ކާމިޔާބުކުރި

ފްރާންސްގެ ޕެނަލްޓީ: ޕްރެސްނެލް ކިމްބެމްޕޭ ކާމިޔާބުކުރި

ސްވިޒަލެންޑްގެ ޕެނަލްޓީ: އެޑްމިިއާ މެހްމެޑީ ކާމިޔާބުކުރި

ފްރާންސްގެ ޕެނަލްޓީ: އެމްބާޕޭއަށް ކާމިޔާބެއް ނުވި