Roadha Mihaaru
ތިން ދުވަސް ފަހުން ކޮވިޑްގެ އިތުރު މަރެއް

ތިން ދުވަސް ފަހުން ކޮވިޑްގައި ރާއްޖެ އިން އިތުރު މީހަކު މަރުވެއްޖެ

29 ޖޫން 2021

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މީހަކު މަރުނުވާތާ ތިން ދުވަހަށް ފަހު އެ ބަލީގައި އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މީހަކު މަރުނުވާތާ ތިން ދުވަހަށް ފަހު އެ ބަލީގައި އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ، ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި އުމުރުން 48 އަހަރުގެ އެ ދިވެހި ފިރިހެންމީހާއާ އެކު، ރާއްޖެ އިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 210 އަށް މިހާރު އަރާފައިވާ ކަމަށެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ކޮވިޑްގައި އެންމެ ފަހުން މީހަކު މަރުވީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ބަލީގައި އެ ދުވަހު މަރުވީ އުމުރުން 51 އަހަރުގެ ބަންގްލަދޭޝްގެ މީހެކެވެ. ހއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވި އެ މީހާއާ އެކު މި މަހު މަރުވި މީހުންގެ އަދަދަކީ 49 އެވެ.

ރާއްޖެ އިން ކޮވިޑްގައި އެންމެ ގިނަ ބަޔަކު މަރުވީ މިދިޔަ މަހު އެވެ. އެ މަހު 96 މީހަކު އެ ބަލީގައި މަރުވި އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ވެސް މިހާރު ދަށް ވަމުން އަންނައިރު އެ ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު ވެސް ވަނީ 27 އަށް ދަށްވެފަ އެވެ. އެ އަދަދު މިދިޔަ މަހުގެ ތެރޭގައި 250 އިން މައްޗަށް އެރި އެވެ.