Roadha Mihaaru
ދެވަނަ ޑޯޒް 10 މަހަށް ފަސްކުރެވޭ: އޮކްސްފޯޑް

އެސްޓްރަޒެނެކާ ވެކްސިންގެ ދެވަނަ ޑޯޒް 10 މަހަށް ފަސްކުރެވިދާނެ: އޮކްސްފޯޑް

29 ޖޫން 2021

ކޮވިޑް-19 އިން ދިފާއުވުމަށް އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާ ކުންފުނި ގުޅިގެން އުފެއްދި ވެކްސިންގެ ފުރަތަމަ ޑޯޒަށް ފަހު، ދެވަނަ ޑޯޒް ޖެހުން 10 މަހަށް ފަސްކުރެވިދާނެ ކަމަށާއި އެ މުއްދަތުގައި ފުރަތަމަ ޑޯޒްގެ ދިފާއު ގެއްލިގެން ނުދާ ކަމަށް އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާއަކުން ދައްކައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް-19 އިން ދިފާއުވުމަށް އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާ ކުންފުނި ގުޅިގެން އުފެއްދި ވެކްސިންގެ ފުރަތަމަ ޑޯޒަށް ފަހު، ދެވަނަ ޑޯޒް ޖެހުން 10 މަހަށް ފަސްކުރެވިދާނެ ކަމަށާއި އެ މުއްދަތުގައި ފުރަތަމަ ޑޯޒްގެ ދިފާއު ގެއްލިގެން ނުދާ ކަމަށް އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާއަކުން ދައްކައިފި އެވެ.

އެ ދިރާސާ ދައްކާ ގޮތުން، ފުރަތަމަ ޑޯޒް ޖަހާތާ 10 މަސް ދުވަސް ވާއިރު ވެސް ފުރަތަމަ ޑޯޒުން ދިފާއީ ނިޒާމަށް ލިބޭ ރައްކާތެރިކަން ގެއްލިގެންނެއް ނުދެ އެވެ.

ކޮވިޑް ވެކްސިން ހޯދުމުގައި ގިނަ ގައުމުތަކަކަށް ދަތިތައް ކުރިމަތިވެފައި ވާއިރު އާ ހޯދުންތަކަށް ބިނާކޮށް ބައެއް ގައުމުތަކުން ވަނީ ދެ ވަނަ ޑޯޒް ޖަހާ މުއްދަތު ފަސް ވެސް ކޮށްފަ އެވެ.

އާ ދިރާސާ އިން ދެއްކި ގޮތުގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް 44-45 ހަފްތާ ނުވަތަ 11 މަހާ ހަމައަށް ފަސް ކުރުމުން އެންޓިބޮޑީ ހުންނަ މިންވަރު އިތުރުވެ ދިފާއީ ނިޒާމު ވަރުގަދަވެ އެވެ.

އޮކްސްފޯޑް ވެކްސިން ޓްރަޔަލްގެ ޗީފް އިންވެސްޓިގޭޓަރު އެންޑްރޫ ޕޮލާޑް އެ ދިރާސާއާ ބެހޭ ގޮތުން ވިދާޅުވީ ވެކްސިން ހޯދަން ދަތިވެ ދެވަނަ ޑޯޒް ޖެހުން ފަސް ކުރި ގައުމުތަކަށް މިއީ އުފާވެރި ޚަބަރެއް ކަމަށެވެ.

މި ދިރާސާ އާންމުކޮށްފައި މި ވަނީ ބައެއް ގައުމުތަކުން ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމާ މެދު ވެސް ވިސްނަމުން އަންނަނިކޮށެވެ. މި ދިރާސާ އިން ދައްކާ ގޮތުން، ތިން ވަނަ ޑޯޒެއް ޖެހުމަކީ ވެސް އެންޓިބޮޑީ ވަރުގަދަވެ ރައްކާތެރިކަން އިތުރުކޮށްދޭނެ ކަމެކެވެ.

އެކަމަކު ވެކްސިނުން ލިބޭ ރައްކާތެރިކަން، ކުޑަވެ، އާ ވޭރިއަންޓްތަކާ ހެދި ކަންބޮޑުވުން އޮތަސް ބޫސްޓާ ޑޯޒެއް ދޭންޖެހޭ ކަމަކަށް އަދި އެނގެން ނެތް ކަމަށް ވެސް މި ދިރާސާގައި އެންމެ އިސްކޮށް އުޅުއްވި، ތްރެސާ ލަމްބޭ ވިދާޅުވި އެވެ.

މި ދިރާސާގައި ބުނެފައިވަނީ ފުރަތަމަ ޑޯޒް ޖެހުމުން ކުރިމަތިވާ ސައިޑްއިފެކްސްޓަތަކަށް ވުރެ ދެވަނަ ޑޯޒާއި ތިން ވަނަ ޑޯޒް ޖެހުމުން ކުރިމަތިވާ ސައިޑްއިފެކްޓްސްތައް މަދު ކަމަށެވެ.

ދެވަނަ ޑޯޒް ފަސްކުރުމުން، ހަށިގަނޑުގެ ދިފާއީ ނިޒާމު ބާރުގަދަވާ ކަމަށް ދިރާސާ އިން ދެއްކިއިރު ރާއްޖޭގެ ގިނަ ބަޔަކު ވެސް ތިބީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ނުލިބިގެން ވެކްސިން ނުޖެހިފަ އެވެ.

ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވަނަ ޑޯޒްގެ ގޮތުގައި އެސްޓްރެޒެނެކާ ވެކްސިން ދޭން ރާއްޖޭން ނިންމާފައި ވާއިރު މިއީ ހަމަ އެެއް ދިރާސާއެއްގެ މައްޗަށް ތައްޔާރުކުރި ދެ ވެކްސިނެކެވެ. ކުރީގެ ދިރާސާތަކާ ހަވާލާދީ ދިވެހި ޑޮކްޓަރުން ވިދާޅުވެފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް، ފުރަތަަމަ ޑޯޒް ޖަހާތާ 16 ހަފުތާ ވުމުގެ ކުރިން ޖެހުމުން، މައްސަލައެއް ނެތް ކަމަށެވެ. އަދި އަވަހަށް ވެކްސިން ޖެހުމަށް އޭރު ބާރު އަޅަމުން އައީ ވެސް ދެވަނަ ޑޯޒް ލަސްވާ ނަމަ، ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރު ދަށްވެދާނެތީ އެވެ.