Roadha Mihaaru
ރާއްޖޭން ބަންގްލާދޭޝްއާއި ނޭޕާލަށް ވެކްސިން ހަދިޔާކުރަނީ

ރާއްޖޭން ބަންގްލާދޭޝް އާއި ނޭޕާލަށް ކޮވިޑް ވެކްސިން ހަދިޔާކުރަނީ

07 އޮކްޓޯބަރ 2021

ރާއްޖެއަށް ލިބިފައިވާ ކޮވިޑް-19 ވެކްސިންގެ ތެރެއިން ބައެއް، ބަންގްލާދޭޝް އާއި ނޭޕާލަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރާއްޖެއަށް ލިބިފައިވާ ކޮވިޑް-19 ވެކްސިންގެ ތެރެއިން ބައެއް، ބަންގްލާދޭޝް އާއި ނޭޕާލަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

މި ނިންމުމުގެ ދަށުން މިދިޔަ ބުދަ ދުވަހު ވަނީ 200،000 ޑޯޒްގެ އެސްޓްރަޒެނެކާ ވެކްސިން ބަންގްލާދޭޝް އަށް ހަދިޔާކޮށްފަ އެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑް ވެކްސިން މިހާރު ވަނީ ދީފަ އެވެ. މިހާތަނަށް 392،773 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. އަދި 343،149 މީހަކު ވަނީ ދެ ވަނަ ޑޯޒް ފުރިހަމަކޮށްފަ އެވެ. އަދި ހައި ރިސްކް މީހުންނަށް މިހާރު އަންނަނީ ބޫސްޓާ ޑޯޒް ވެސް ޖަހައިދެމުންނެވެ.

ރާއްޖޭން 700،000 ޑޯޒް ވެކްސިން ގަންނަން މަސައްކަތްކުރި އިރު އެހެން ގައުމުތަކާއި ޖަމިއްޔާތަކުގެ އެހީ ވެސް ރާއްޖެއަށް ވަނީ ވަރަށް ބޮޑަށް ލިބިފަ އެވެ.

"ރެސްޕޮންސިބަލް ގްލޯބަލް ޕާޓްނަރެއްގެ ގޮތުން ރާއްޖޭން ދެ ގައުމަކަށް ވެކްސިން ހަދިޔާކުރަން ނިންމީ ކޮވިޑުން އަރައިގަތުމުގައި އެހެން ގައުމުތަކަށް އެހީވުމަށް،" ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވި އެވެ.

ޑާކާ ޓްރިބިއުން ނޫހުން ބުނީ ރާއްޖޭގެ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި ރާއްޖޭގައި ހުންނަވާ ބަންގްލާދޭޝް ހައި ކޮމިޝަނަރު ރިއާ އެޑްމިރަލް މުހައްމަދު ނަޒްމުލް ހަސަން މިކަމާ ގުޅޭ އެއްބަސްވުމުގައި ބުދަ ދުވަހު ސޮއިކުރައްވާފައިވާ ކަމަށެވެ. އަދި ހަމަ އެ ދުވަހު އެ ވެކްސިން ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ބަންގްލާދޭޝް އަށް ހަދިޔާކުރި 201،600 ޑޯޒް ވެކްސިން ގަތަރު އެއާވޭސްގެ ފްލައިޓެއްގައި ހުކުރު ދުވަހު ބަންގްލާދޭޝް އަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް ބަންގްލާދޭޝް ނޫސްތަކުން ވަނީ ބުނެފަ އެވެ.

އެޗްޕީއޭ އިން ކުރިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް ލިބިފައިވާ ވެކްސިންތަކުން ބައެއް ވެކްސިންގެ މުއްދަތު ހަމަވާން ވަނީ ކައިރިވެފަ އެވެ. އެހެންވެ އޭގެ ކުރިން އޭގެ ބޭނުންކުރެވޭ ގޮތް ހޯދަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖެ ހިމެނުނީ ކުރު މުއްދަތުގެ ތެރޭގައި އާބާދީގެ އެންމެންނަށް ކޮވިޑް ވެކްސިން ލިބުނު މަދު ގައުމުގެ ތެރޭގަ އެވެ. ބަލީގައި ބޮޑުވަރު ނުވެ ރާއްޖެއަށް އަަރައިގަނެވިފައި އޮތީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ފުރިހަމަކުރެވުމުން ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ.