Roadha Mihaaru
ހޮސްޕިޓަލަށް ގޮސްގެން ފަރުވާ ހޯދަން މާދަމާ ހުޅުވާލަނީ

ހޮސްޕިޓަލަށް ގޮސްގެން ފަރުވާ ހޯދަން އައިޖީއެމްއެޗުން މާދަމާ އަލުން ހުޅުވައިލަނީ

03 ޖުލައި 2021

މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން ހޮސްޕިޓަލަށް ގޮސް އާންމު ބަލިތަކަށް ފަރުވާ ހޯދުން މެދުކަނޑާލައިފައި އޮތުމަށް ފަހު، މާދަމާ އަލުން އެ ހިދުމަތްތައް ފަށަން އައިޖީއެމްއެޗުން ނިންމައިފަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން ހޮސްޕިޓަލަށް ގޮސް އާންމު ބަލިތަކަށް ފަރުވާ ހޯދުން މެދުކަނޑާލައިފައި އޮތުމަށް ފަހު، މާދަމާ އަލުން އެ ހިދުމަތްތައް ފަށަން އައިޖީއެމްއެޗުން ނިންމައިފަ އެވެ.

އެ ހޮސްޕިޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި ހިދުމަތްތައް އަލުން ފަށަނީ ކޮވިޑާ ގުޅިގެން ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މިހާރު ލުއިދޭން ނިންމާފައި ވާތީ ކަމަށެވެ.

އޯޕީޑީގެ އިތުރުން ފިޒިއޮތެރަޕީ އާއި އޮކިއުޕޭޝަނަލްތެރަޕީ ސެޝަންތައް ވެސް އައިޖީއެމްއެޗުގައި ފަށާނެ އެވެ. އަދި ކުރިން އޮންލައިންކޮށް ދެމުން އައި ނަފުސާނީ ފަރުވާގެ ހިދުމަތްތައް ވެސް ހޮސްޕިޓަލަށް މީހުން ގެންގޮސްގެން ދޭނެ އެވެ.

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލުން ބުނިގޮތުގައި، ރޭޑިއޯލޮޖީ ޑިޕާޓްމަންޓާއި ލެބޯރެޓަރީގެ ހިދުމަތް ވެސް އަލުން ފަށަން ވަނީ ނިންމައިފަ އެވެ.

ކޮވިޑާ ގުޅިގެން މެދުކަނޑާލި ޓީއެމް.ޓީ، އެންޑްސްކޯޕީ، ކޮލޮނޮސްކޯޕީ އަދި ބްރޮންކޮސްކޯޕީ ހިދުމަތާއި ދުރާލައި ރާވައިގެން ކުރާ އޮޕަރޭޝަންތައް ވެސް މަދާމާ ފަށާނެ ކަމަށް ނޫސްބާނުގައި ވެ އެވެ.

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު، ކަނޑައަޅާފައިވާ ވަކި ވަގުތުތަކެއްގައި މި ހުރިހާ ހިދުމަތެއް ލިބޭނެ އެވެ. ސްޕީޗް ތެރަޕީ ފިޔަވައި ހުރިހާ ހިދުމަތެއް ހެނދުނު 8 އިން ހަވީރު 4 އަށް ދޭއިރު، ސްޕީޗް ތެރެޕީ ސެޝަންތައް ނަގައިދެނީ ހެނދުނު 8 އިން މެންދުރު ފަހު 2 ޖެހުމާ ހަމައަށެވެ.

އައިޖީއެމްއެޗުން ބުނީ ހޮސްޕިޓަލަށް ގޮސް ހިދުމަތް ހޯދުމަށް ހުޅުވައިލި ނަމަވެސް، މި ޑިޕާޓްމަންޓުތަކުން އޮންލައިންކޮށް މިހާރު ވެސް ދެމުން އަންނަ ހިދުމަތްތައް މެދުކަނޑައިނުލާނެ ކަމަށެވެ.

އައިޖީއެމްއެޗުން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން، ކޮވިޑްގެ ހާލަތު ގޯސްވުމާ އެކު އެ ހޮސްޕިޓަލުން ދެމުން އަންނަ ބައެއް ހިދުމަތްތައް މެދުކަނޑާލައިފަ އެވެ. އަދި ބައެއް ހިދުމަތްތައް ހަމަައެކަނި އޮންލައިންކޮށް ދޭ ގޮތަށް ބަދަލުކޮށްފަ އެވެ.