Roadha Mihaaru
މަހުލޫފުގެ ހޫނު ޖަވާބުތައް: ދުލެއް ނެތް!

މަހުލޫފުގެ ހޫނު ޖަވާބުތައް: ގައިގައި ޖަހައިފި، އެހެންވެ ދުލެއް ނެތް!

05 ޖުލައި 2021

ވަރަށް އަސަރާ އެކު އޭނާ ވިދާޅުވި އެއް ވާހަކައަކީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ނުކުންނަވައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަތައް އާންމުކޮށް ދައްކަވައި، އޭގެ ފޭކު "ޑޮލަރުތައް ހަދައިގެން އެ ވާހަކަތައް ވެސް ދެއްކީ އަޅުގަނޑު އިސްވެހުރެ" ކަމަށެވެ. އެކަމަކު އާޚިރުގައި، ދަންވަރު އޮފީސް ހުޅުވައި، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކޮމިޝަނުން ޖިނާއީ ދައުވާ ކުރި ހަމައެކަނި މީހާ އަށް ވީ އޭނާ ކަމަށް، އެ މައްސަލާގައި މިހާރު ސަސްޕެންޑް ކޮށްފައި ހުރި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ވަރަށް އަސަރާ އެކު އޭނާ ވިދާޅުވި އެއް ވާހަކައަކީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ނުކުންނަވައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަތައް އާންމުކޮށް ދައްކަވައި، އޭގެ ފޭކު "ޑޮލަރުތައް ހަދައިގެން އެ ވާހަކަތައް ވެސް ދެއްކީ އަޅުގަނޑު އިސްވެހުރެ" ކަމަށެވެ. އެކަމަކު އާޚިރުގައި، ދަންވަރު އޮފީސް ހުޅުވައި، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކޮމިޝަނުން ޖިނާއީ ދައުވާ ކުރި ހަމައެކަނި މީހާ އަށް ވީ އޭނާ ކަމަށް، އެ މައްސަލާގައި މިހާރު ސަސްޕެންޑް ކޮށްފައި ހުރި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވި އެވެ.

"މިއީ ހަމަ ސީދާ އެމްޑީޕީގެ މަޖިލީހުގެ އިސް ބަޔަކު އަޑީގައި ތިބެގެން އަޅުގަނޑަށް ބޮނޑިއެއް ދޭން ކުރި ކަމެއް،" ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ، މަހުލޫފު ރޭ ވިދާޅުވި އެވެ.

ކްލަބް ހައުސްގައި، 800 އަށް ވުރެ ގިނަ މީހުންނާ އެކު މޫސާ އަންވަރުގެ ރޫމްގައި ބޭއްވި "ހޫނު ގޮނޑި" ޕްރޮގްރާމްގައި އާންމުންގެ ވަރަށް ގިނަ ސުވާލުތަކެއް މަހުލޫފަށް އަމާޒު ކުރީ ވެސް އެ މައްސަލައިގަ އެވެ. ބައެއް މީހުން ބޭނުންވީ އެމްޑީޕީން އެވަރުގެ ބޮނޑިއެއް ދޭން ބޭނުންވީ ކީއްވެތޯ އާއި އެއީ ކޮންބައެއްތޯ ބެލުމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގެ އިސް ބައެއް ބޭފުޅުން މީގެ ތެރޭގައި ހިމެނޭ،" ސީދާ ތަފުސީލަށް ވަޑައިނުގެން، އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓް ނެރުނު އިރު، އެސްއޯއެފް އިން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތެރޭގައި މަހުލޫފް ހިންގާފައިވާ މުއާމަލާތެއް ވެސް ހިމެނެ އެވެ.

އެ މައްސަލާގައި މަހުލޫފްގެ މައްޗަށް ދައުވާ ކުރަން ފޮނުވަމުން އޭސީސީން ބުނި ގޮތުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ ގޮތުގައި މަހުލޫފު ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި 33,000 ޑޮލަރު މަހުލޫފަށް ވަނީ ލިބިފަ އެވެ. އޭގެ އިތުރުން، އެސްއީޒެޑް ބިލް ފާސްކުރަން ވޯޓު ދެއްވުމަށް އޮގަސްޓް 27، 2014 ގައި މަހުލޫފު ވަޑައިގަތީ ސީދާ މެލޭޝިޔާ އިން ވޯޓަށް ކަމަށް ވެސް އެ ކޮމިޝަނުން ތުހުމަތު ކުރެ އެވެ.

އެ ވޯޓަށް ފަހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އާއި އަހުމަދު މަހުލޫފު ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހުތަކާ ގުޅުވުމުން، މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ އަދީބު އޭނާއަށް ދެއްވާފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.

"މިއީ އެމްޑީޕީ ތެރެއިން އަޅުގަނޑުގެ ގައިގައި ޖެހި އެތިފަހަރެއް"

އެމްއެމްޕީއާރްސީގެ މައްސަލާގައި އޭނާގެ މައްޗަށް ކުރަނީ ހަގީގީ ތުހުމަތެއް ނަމަ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް މިހާރު ހުންނަވާނީ އިސްތިއުފާ ދެއްވައިގެން ކަމަށާއި ނަމަވެސް އެކަން ނުކޮށް އެ މަގާމުގައި އަދިވެސް ދެމިހުންނަނީ އެއީ ސިޔާސީ ގޮތުން ބަޔަކު ޖެހި އެތިފަހަރަކަށް ވާތީ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މަހްލޫފު ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަނީ -- ފައިލް ފޮޓޯ: ނިޝާން އަލީ

މަހްލޫފު ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަނީ -- ފައިލް ފޮޓޯ: ނިޝާން އަލީ

"އެއްވެސް ހާލެއްގައި އެ ބޭފުޅުން ހީފުޅު ކުރައްވައިގެން ނުވާނެ އަޅުގަނޑު ގައިގައި، ނޭނގި ތިބޭ ކަމަށް ހަދާފައި ބޮނޑިއެއް އަޅާލީމަ އަޅުގަނޑު ހަމަ ވަރަށް މަޑުމަޑުން އަރިއަކަށް ޖެހިލާނެ ކަމަށް. އެހެނެއް ނުވާނެ،" މަހުލޫފް ވިދާޅުވި އެވެ.

"އަޅުގަނޑު ގައިގައި ސިޔާސީ ގޮތުން ޖެހީމަ، އަޅުގަނޑު ވެސް ސިޔާސީ ގޮތުން ޖަހާނަން."

އަޅުގަނޑު ގައިގައި ސިޔާސީ ގޮތުން ޖެހީމަ، އަޅުގަނޑު ވެސް ސިޔާސީ ގޮތުން ޖަހާނަން -- މަހުލޫފް

ވައްކަމާއި ޑޮލަރުގެ މައްސަލަތަކުގެ ވާހަކަ އެންމެ ގަދައަށް ދެއްކެވީ އޭނާ ކަަމަށް މަހުލޫފް ވިދާޅުވި އެވެ. ނަމަވެސް ވެރިކަމަށް އައުމަށް ފަހު ދެ އަހަރަށް ފަހު ކުއްލިއަކަށް ކޮމިޝަނެއް ހަދައިގެން މަޖިލީހުގައި ދަންވަރު މަސައްކަތްކޮށް، ރިޕޯޓެއް ނެރެގެން ހަމައެކަނި އޭނާގެ ބޮލުގައި އެކަން އެޅުވުމަކީ ބޮޑު ޖޯކެއް ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

"އަޅުގަނޑު އެ ބަޔަކަށް ޓަކައި އެހާ ގުރުބާނީއެއްވީ ބަޔަކު އަޅުގަނޑަށް ކޮން ކަމެއް ކުރެވިގެންކަން ނޭނގޭތީ އިނގޭތޯ އެވަރުގެ ބޮނޑިއެއް އަޅުގަނޑަށް ދޭން ހިފާލާފައި ހުރީމަ. އަޅުގަނޑަށް އަންޑަސްޓޭންޑެއް ނުވޭ،" މަހުލޫފް ވިދާޅުވި އެވެ.

މި މައްސަލަ ގުޅެނީ ކުޅިވަރު އިންތިހާބުތަކާ!

ޔޫތު މިނިސްޓަރުގެ މަގާމުން ވަކި ކުރުމާއި ކޮރަޕްޝަންގެ ތުހުމަތު ބޮލުގައި އެޅުވުމަށް އެމްޑީޕީގެ ތެރެއިން ބައެއް މެންބަރުން މަސައްކަތް ކުރައްވަން ފެށުމާއި ކުޅިވަރުތަކުގެ އިންތިހާބުތަކާ ގުޅިފައި އޮތް ކަަން އެނގިވަޑައިގަންނަވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

ކުޅިވަރު އިންތިހާބު އެންމެ ރަނގަޅަށް ގެންގޮސް އެއްވެސް ނުފޫޒެއް ނުފޯރުވި ހުރި ހަމައެކަނި މިނިސްޓަރަކީ މަހުލޫފް ކަމަށް ހުރިހާ އެސޯސިއޭޝަންތަކުން ބުނެ ތައުރީފް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިންތިހާބުތައް ކުރިޔަށް ގެންދިޔައީ ވެސް އަސާސީ ގަވައިދުތަކާ އެއްގޮތަކަށް ކަމަށާއި އެއްވެސް ވަރަކަށް އެ އިންތިހާބު ތެރެއަށް ވަދެވަޑައިގެންފައި ނުވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"ދެން އެތަނަށް ހޮވުނީ ކޮންމެވެސް މީހެއްގެ ބޭބެތޯ ކޮއްކޮތޯ ނުވަތަ އެއީ އެމްޑީޕީ މީހެއްތޯ ޕީޕީއެމް މީހެއްތޯ ނުބަލަން. އެއީ އަޅުގަނޑު އިންޓްރަސްޓް ހުރި ކަމެއް ނޫން އެކަން ބަލާކަށް،" އެމްޑީޕީގެ ބައެއް އިސް މެންބަރުންނާ އެ ދުވަސްވަރު ޖެހުނު މައްސަލަތަކަށް އަލިއަޅުވާލައި މަހުލޫފް ވިދާޅުވި އެވެ.

އެ މައްސަލާގައި ރުޅި އައިސްގެން ޔޫތު މިނިސްޓަރުގެ މަގާމުން ވަކި ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މަޖިލިސް ތެރެއިން ކަމަށް މަހުލޫފް ވިދާޅުވި އެވެ. އެކަން ކުރަން ފެއްޓެވީ އޭނާއާ ވަރަށް ގާތް މެންބަރުންތަކެއް ކަމަށާއި އެގޮތުން އިތުބާރު ނެތް މައްސަލައެއް ވައްދަން ސޮއި ހަމަ ކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ނާކާމިޔާބުވި ކަމަށް މަހުލޫފް ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އާއި މަހުލޫފު: އެސޯސިއޭޝަންތަކުގެ އިންތިހާބުގެ ޕްރެޝަރު ބޮޑު . --ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އާއި މަހުލޫފު: އެސޯސިއޭޝަންތަކުގެ އިންތިހާބުގެ ޕްރެޝަރު ބޮޑު . --ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެކަން އެގޮތަށް ނުވީމަ ކުއްލިއަކަށް އެއް ރޭ ދަންވަރު ހޭލައި ތިބެގެން މަޖިލީހުން ލިސްޓެއް ހަދައިގެން ދައުވާ ކުރަން ފެންނަ ކަމަށް ނިންމުނީ ހަމައެކަނި އަހުމަދު މަހުލޫފްގެ މައްޗަށް،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އަމަލުކުރާ ގޮތުން ހިތްހަމަނުޖެހުން!

މި މައްސަލާގައި ސަރުކާރާއި މިނިވަން މުއައްސަސާތަކުން އަމަލު ކުރަމުންދާ ގޮތާ މެދު ވެސް މަހުލޫފު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތު ޕީޖީ އާއި އޭސީސީއާ ދޭތެރޭ "ތަޅުވާ ތަޅުވާ" ނުބާއްވައި ކޮޅޭއްގައި ޖައްސަން ޖެހިއްޖެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"އޭސީސީގެ ރައީސް ޝިއުނާ އަށް ހީވާ ކަހަލަ އަޅުގަނޑަކީ ހަމަ ބޯޅައެކޭ. ފަހަރެއްގައި ވެދާނެ ކުޅިވަރު މިނިސްޓަރު ވީމަ ބޯޅައެއް ގޮތަށް އަޅުގަނޑު ފެންނަނީ ކަމަށް ވެސް. އެކަމަކު މިއީ ވަރަށް ދެރަކޮށް ހިނގާ ކަމެއް،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ އޭނާ ހުރި މަގާމްގެ ގޮތުން ހުރިހާ މުއައްސަސާއެއް ގުޅިގެން ނަމަވެސް ވީހާ ވެސް އަވަހަށް އެ މައްސަލަ ނިންމަން ޖެހޭ ކަމަށެވެ. އެކަން ފުލުހުންނާއި އޭސީސީ އަށް ނުވެގެން ރައީސް އުފެއްދެވި ކޮމިޝަނުން ވެސް އެ މައްސަލަ ބަލާތާ ދެ އަހަރާ ބައި ވެގެންދާއިރު އެއްވެސް ކަމެއް ނުކުރެވޭ ކަމަށް މަހުލޫފް ވިދާޅުވި އެވެ. އަދި ކުރެވުނު ހަމައެކަނި ކަމަކީ އޭނާ ފަހައި ދުވުމާއި ޔާމީންގެ މައްޗަށް ހުކުމެއް ކުރުން ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"ދެ އަހަރާއި ބައި ނިމިގެން ދިޔައިރު ވެސް އެއްވެސް ކަމެއް ނުވި. ރައީސް ޔާމީނަށް ހުކުމެއް ކުރުން ފިޔަވައި ދެން އަހުމަދު މަހުލޫފްގެ ފަހަތުން ދުވުން މި މީހުންގެ ކަމަކީ."

ސިޔާސީ ބަޔަކު ބުނެގެން މިކަން ކުރުމުގެ އިތުރުން "މަހުލޫފަށް ދައުވާ ކުރުމުން ރައްޔިތުންގެ އިތުބާރު ލިބޭނެ" ކަމަށް ބުނެ އޭސީސީ މެންބަރުންގެ މަޝްވަރާތަކެއް ހިނގި ކަމަށް ވެސް މަހުލޫފް ތުހުމަތު ކުރެ އެވެ.

ޔާމީނަށް ހަމްދަރުދީ، ރައީސަށް ތާއީދު!

އެމްޑީޕީގެ މެންބަރުންތަކެއް ކުރާ ކަމަށް ތުހުމަތު ކުރާ މިފަދަ ކަމަކާ ހެދި ވަޒީރު ކަމުން ވަކިވާން ޖެހުނަސް އެ ޕާޓީން ވަކިވުން ނުވަތަ އެހެން ޕާޓީއަކާ ގުޅުމުގެ ވިސްނުމެއް ނެތް ކަމަށް މަހުލޫފް ވިދާޅުވި އެވެ. އަދި 2023 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަ ކުރައްވައިފި ނަމަ ހުންނަވާނީ އެމަނިކުފާނާ އެކުގައި ކަމަށާއި ނަމަވެސް އޭގެ ކުރިން އެމްޑީޕީ ތެރޭގައި ހުރި މައްސަލަތައް ހައްލު ކުރަން ޖެހޭ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ކުރިމަތި ލައްވައިފިއްޔާ ހުންނާނީ އެމަނިކުފާނާ އެކީގައި،" މަހުލޫފް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރިމަތި ލައްވައިފިއްޔާ ހުންނާނީ އެމަނިކުފާނާ އެކު

ޔާމީނަށް މައާފް ކުރުމާ ގުޅޭ ގޮތުން ދެކިވަޑައިގަންނަވާ ގޮތް ވިދާޅުވުމަށް މީހަކު އެހުމުން މަހުލޫފް ވިދާޅުވީ ޔާމީން ޖަލަށް ދުވަހަކު ވެސް ޖަލަށް ނުގެންދިޔަޔަސް އޭނާއަށް ހެޔޮ ކަމަށެވެ. ބައެއް ވަޒީރުންނާ އެ މައްސަލާގައި މަޝްވަރާ ކުރިއިރު ވެސް ޔާމީން ގެއަށް ބަދަލު ކުރުމަށް ތާއީދު ކުރެއްވި ކަމަށް މަހުލޫފް ވިދާޅުވި އެެވެ.

"ޖަޒުބާތުގައި ތިބޭ ގަޑީގައި ޖަލަށް ލާން ބޭނުންވެ އަނިޔާ ދޭން ހިތަށް އަރާނެ. އެކަމަކު ފަހުން އެތަނުގައި [ޖަލުގައި] ހުރީމަ ކަންނޭނގެ އަޅުގަނޑެއް ބޭނުމެއް ނުވޭ އެއްވެސް މީހަކު ދެން ޖަލުގައި ހުންނާކަށް،" މަހުލޫފް ވިދާޅުވި އެވެ.

މަގާމުން ވަކިވާނީ ފަހުރުވެރިކަމާއެކު!

ޔޫތު މިނިސްޓަރުގެ މަގާމުގައި މިހާރު ދެ އަހަރާ ބައި ވެގެން ދާއިރު މީގެ ކުރިން ދުވަހަކު ވެސް އެ މިނިސްޓްރީގައި މީހަކު ނުކުރާހާ މަސައްކަތް މިވީ ދުވަސްކޮޅުގެ ތެރޭ އެކަނި ކުރައްވާފައި ހުންނާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މީގެ ކުރިން މިނިސްޓަރުކަން ކުރެއްވި ބައެއް ބޭފުޅުން އެ މަގާމުގައި ހުންނަވައިގެން ދަމާލި ރޮނގެއް ވެސް ފެންނަން ނުހުންނާނެ ކަމަށާއި ނަމަވެސް މިއަދު އެ ވުޒާރާއިން ނިކުމެގެން ދިޔަޔަސް އެތައް އަހަރުތަކެއް ވަންދެން ދެމިގެންދާނެ ކަންކަން ހުންނާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"އަޅުގަނޑު މި މަގާމުން ވަކި ކުރިޔަސް ނުވަތަ އަމިއްލަ އަށް މަގާމުން ވަކިވިޔަސް ވަރަށް ޕްރައުޑްލީ ދާނަން މި މަގާމުން."

ނަމަވެސް ދެރަވާން އޮތީ ވަރަށް އުންމީދު ކުރާ އަދި ކޮށް ނިންމާލަން ބޭނުންވާ ކަންކަން ހުރުމުން ކަމަށާއި ނަމަވެސް މިހާރު ވެސް ހުންނާނީ ވަރަށް ހިތް ހަމަޖެހޭވަރަށް މަސައްކަތް ކުރެވިފައި ކަމަށް މަހުލޫފް ވިދާޅުވި އެވެ.