Roadha Mihaaru
ބަންސާލީގެ "ހީރާ މަންޑީ" ސޮނާކްޝީ އަށް؟

ބަންސާލީގެ "ހީރާ މަންޑީ" ސޮނާކްޝީ އަށް؟

07 ޖުލައި 2021

ސަންޖޭ ލީލާ ބަންސާލީ ޑްރީމް ޕްރޮޖެކްޓެއްގެ ގޮތުގައި އޮތް ބޮޑު ވެބް ސީރީޒް "ހީރާ މަންޑީ" ގެ ލީޑް ރޯލަށް ސޮނާކްޝީ ސިންހާ ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަންޖޭ ލީލާ ބަންސާލީ ޑްރީމް ޕްރޮޖެކްޓެއްގެ ގޮތުގައި އޮތް ބޮޑު ވެބް ސީރީޒް "ހީރާ މަންޑީ" ގެ ލީޑް ރޯލަށް ސޮނާކްޝީ ސިންހާ ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އޭގެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ އިރު، ސޮނާކްޝީ އަންނަނީ މުޖުރާ ސްޓައިލްގެ ނެށުންތަކުގެ ތަމްރީނު ވެސް ހަދަމުންނެވެ. އަދި ވަރަށް އަވަހަށް "ހީރާ މަންޑީ" ރަސްމީކޮށް އިއުލާންކޮށް އޭގެ ޝޫޓިން ފަށާނެ އެވެ.

މީގެ ލީޑް ބަތަލާގެ ރޯލަށް ސޮނާކްޝީ ނެގި ކަމަށް ބޮލީވުޑް ހަންގާމާ ފަދަ ނޫސްތަކުން ބުނެފައި މި ވަނީ ކުރިން އެހެން ބަތަލާއިންތަކެއް މި ސީރީޒުން ފެނިދާނެ ކަމަށް އަަޑު އަރާފައި ވަނިކޮށެވެ.

ސޮނާކްޝީ ކުރިން ވެސް ބަންސާލީގެ ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ އޭނާ ޕްރޮޑިއުސްކޮށް، ޕްރަބޫދޭވާ ޑައިރެކްޓްކޮށް، އަކްޝޭ ކުމާރާ އެކު 2012 ގައި ގެނެސްދިން "ރައުޑީ ރާތޯޑް" ގަ އެވެ.

ސޮނާކްޝީގެ އަތުގައި މިހާރު ވެސް ދެ ވެބް ސީރީޒެއް އެބަ އޮތެވެ. އެއީ އެމެޒޯން ޕްރައިމް ވީޑިއޯގެ "ފޯލެން" އާއި ނެޓްފްލިކްސްގެ "ބުލްބުލް ތަރަންގް" އެވެ.

ބަންސާލީގެ ފިލްމު ކުންފުންޏާއި ނެޓްފްލިކްސް ގުޅިގެން ހަދަން ނިންމާފައިވާ "ހީރާ މަންޑީ" އަކީ ބަންސާލީ ޕްރޮޑިއުސްކޮށް 2015 ގައި ގެނެސްދިން "ހަވާއީޒާދާ" ގެ ޑައިރެކްޓަރު ވިބޫ ޕޫރީ ޑައިރެކްޓްކުރާ އެއްޗެކެވެ. ރިޕޯޓްތައް ބުނާ ގޮތުން މީގެ މިއުޒިކް ހަދަން ހަވާލުކޮށްފައި ވަނީ އިސްމާއީލު ދަރުބާރާ އެވެ. އޭނާ އަކީ ބަންސާލީގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ދޭވްދާސް" ގެ މިއުޒިކް ޑައިރެކްޓަރެވެ.

"ހީރާ މަންޑީ" އަށް ތައްޔާރުވާން ފަށާފައި މި ވަނީ ބަންސާލީ ޑައިރެކްޓްކޮށް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސްދޭން އޮތް ފިލްމު "ގަންގޫބާއީ ކަތިއަވާޅީ" ގެ ޝޫޓިން މިދިޔަ ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލާފައި ވަނިކޮށެވެ.

ރިލީޒްކުރާނެ ތާރީހެއް އަދި ކަށަވަރުނުވާ އެ ފިލްމުގެ ބަތަލާ އަކީ އާލިއާ ބަޓެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ހީރާ މަންޑީ" ގެ ބަތަލުގެ ރޯލަށް ގެންނަން މަސައްކަތްކުރަނީ ކާތިކް އާރިޔަނެވެ. ކުރިން ވެސް އޭނާ އަށް މި ޕްރޮޖެކްޓް ހުށަހެޅިކަމުގެ އަޑުތަކެއް އެރި އެވެ. އަދި މި ހަފުތާގެ ކުރީކޮޅު ވެސް ބަންސާލީގެ އޮފީހަށް ކާތިކް ޒިޔާރަތްކޮށްފައި، އެއާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.