Roadha Mihaaru
ހަމަލާގެ ތުހުމަތަށް މިހާރު ބަންދުގައި ތިބީ 7 މީހަކު

ބޮމުގެ ހަމަލާގެ ތުހުމަތަށް މިހާރު ބަންދުގައި ތިބީ 7 މީހަކު

08 ޖުލައި 2021

އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލި ހަރުކަށި ފިކުރަށް ތަބާވާ ކަމަށް ތުހުމަތު ކުރެވޭ ތިން މީހުންގެ ތެރެއިން ދެ މީހަކު އަލުން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތުހުމަތަށް ކަމަށާއި ހަމަލާއާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި މިހާރު ބަންދުގައި ތިބީ ހަތް މީހަކު ކަމަށް ފުލުހުން ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލި ހަރުކަށި ފިކުރަށް ތަބާވާ ކަމަށް ތުހުމަތު ކުރެވޭ ތިން މީހުންގެ ތެރެއިން ދެ މީހަކު އަލުން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތުހުމަތަށް ކަމަށާއި ހަމަލާއާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި މިހާރު ބަންދުގައި ތިބީ ހަތް މީހަކު ކަމަށް ފުލުހުން ބުނެފި އެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލި ތިން މީހުންނަކީ ވެސް މެއި ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ހަމަލާއަށް ފަހު ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހުންނެވެ. އެ މީހުން ހައްޔަރުކުރީ ވެެސް ހަރުކަށި ފިކުރާ ގުޅޭ ތުހުމަތުތަކެއްގަ އެވެ. ތަހުގީގުގެ ތެރެއިން އެ މީހުންނާ ހަމަލާއާ ގުޅުން އޮތް ކަމަށް ބެލެވުނަސް އޭގެ ތެރެއިން އެކަކު ދޫކޮށްލައި އަނެއް ދެ މީހުން އިއްޔެ އާ ތުހުމަތަށް ހައްޔަރުކުރީ އެވެ.

މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ގޮތުގައި ހަމަލާގެ ތުހުމަތުގައި އަށް މީހަކު ބަންދުގައި ތިބި ކަމަށް ފުލުހުން ވަނީ އެ މަނިކުފާނަށް މައުލޫމާތު ދީފަ އެވެ. ނަމަވެސް އޭރު އެއީ ހަރުކަށި ފިކުރުގެ މީހުން ހޯދަން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން ޝައްކުވި ތިން މީހުންނާ އެކުގަ އެވެ. އެހެންވެ އޭގެ ތެރެއިން އެކަކު އިއްޔެ ދޫކޮށްލުމުން މިހާރު ހަމަލާއާ ގުޅިގެން ބަންދުގައި ތިބީ ހަތް މީހެކެވެ.

ފުލުހުންގެ ސްޕޯކްސްޕާސަން ޔޫނުސް ސޮބާހު "މިހާރު" އަށް ވިދާޅުވީ، ތިން މީހުންގެ ތެރެއިން ދެ މީހަކު މިފަހަރު ހައްޔަރުކުރީ ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މީހުން ހަމަލާއާ ގުޅުން އޮތްކަން އެނގުނީ ހަރުކަށި ފިކުރުގެ ތުހުމަތުގައި ހައްޔަރުކޮށްގެން ތަހުގީގު ހިންގަމުން ދަނިކޮށެވެ. ކޯޓުން ދޫކޮށްލި އަނެއް މީހާ ހައްޔަރު ބޮމުގެ ހަމަލާގެ ތުހުމަތު ނުކުރެވޭތީ ކަމަށް ޔޫނުސް ވިދާޅުވި އެވެ.

ބޮމުގެ ހަމަލާގެ ތަހުގީގަށް ހައްޔަރުކޮށް އެ މީހުންގެ ބަންދު އިތުރުކުރަން މިއަދު ކްރިމިނަލް ކޯޓަށް ގެންދާނެ އެވެ.

ޔޫނުސް ވެސް ވިދާޅުވި ގޮތުގައި، މި ދެ މީހުންނާ އެކު މިހާރު ބޮމުގެ ހަމަލާގެ ތުހުމަތުކުރެވޭ މީހުންގެ އަދަދަކީ ހަތެއް ކަމަށެވެ.

މި މީހުން ފިޔަވައި ދެން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައި ތިބީ، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް އެވެ.

ހަރުކަށި ފިކުރުގެ ތުހުމަތު ކުރެވޭ އެ ތިން މީހުން ދޫކޮށްލަން ގާޒީ ހަސަން ސައީދު ނިންމެވީ، އެ ތުހުމަތުގައި އެ މީހުން ހައްޔަރުކޮށްފައި ތިބޭތާ 40 ދުވަސް ހަމަވުފައިވާއިރު، އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ. އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.