Roadha Mihaaru
ރޭ ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް

ނަޝީދުގެ ހަމަލާއާ ގުޅުންހުރި ހަތަރު ވަނަ މީހާގެ ބަންދަށް 15 ދުވަސް

20 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅުންހުރި ހަތަރު ވަނަ މީހާގެ ބަންދަށް 15 ދުވަސް މިއަދު ކޯޓުން ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅުންހުރި ހަތަރު ވަނަ މީހާގެ ބަންދަށް 15 ދުވަސް މިއަދު ކޯޓުން ދީފި އެވެ.

މި މަހުގެ ހަ ވަނަ ދުވަހު މާލެ، ނީލޯފަރު ހިނގުމުގައި އައިއައިޑީއެއް ގޮއްވާލައި ނަޝީދަށް ދިން ޓެރަސްޓިން ހަމަލާއާ ގުޅިގެން ބ. ދަރަވަންދޫން ރޭ ހައްޔަރުކުރީ އަހްމަދު ފާތިހު، ދުންފިނި އުފާ/ ލ. ގަން އެވެ. މިއީ މި މައްސަލާގައި ހައްޔަރުކުރި ހަތަރު ވަނަ މީހާ އެވެ.

ފާތިހު އަކީ ނަޝީދަށް ހަމަލާދޭން އައިއީޑީ ހަރުކުރި ސައިކަލް އެތަނުގައި ބެހެއްޓި މީހާ ކަމަށްވެ އެވެ. ނަމަވެސް ފުލުހުން މިއަދު ބުނީ ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންނާ ހަމަލާއާ ގުޅޭ ގޮތާއި ލިބިފައިވާ ހެކީގެ މައުލޫމާތު އަދި ހާމަ ނުކުރެވެން ނެތް ކަމަށެވެ.

ނަޝީދަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި މީހުން.

ނަޝީދަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި މީހުން.

މި ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ފުލުހުން މިހާތަނަށް މައުލޫމާތު ހާމަކޮށްފައިވާ މީހުންނަކީ އަދުހަމް އަހުމަދު ރަޝީދު/ ވ. ތިނަދޫ، ހިޔާ، މުޖާޒް އަހުމަދު/ މއ. ފޭރުގެ އަދި ތަހުމީން އަހުމަދު / ގއ. ކޮނޑޭ، ފޮޅޭމާ އެވެ. މީގެ ތެރެއިން ސައިކަލްގެ ވެރިމީހާ އަކީ ތަހުމީން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އައިއީޑީ ގޮއްވާލި ކަމަށް ތުހުމަތުކުރަނީ އަދުހަމަށެވެ.

ނަޝީދަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށް ފަހު، އިތުރު ފަރުވާއަށް މިހާރު ހުންނެވީ ޖަރުމަނަށް ވަޑައިގެންނެވެ.