Roadha Mihaaru
ކެޓްރީނާގެ ކައިވެނީގެ ފުޓޭޖް ހޯދަން 100 ކްރޯޑް

ކެޓްރީނާ އާއި ވިކީގެ ކައިވެނީގެ ފުޓޭޖްގެ ރައިޓްސް ހޯދަން 100 ކްރޯޑް ރުޕީސްގެ ހުށަހެޅުމެއް

08 ޑިސެމްބަރ 2021

މާދަމާ އޮންނާނެ ކަމަށް ގަބޫލުކުރެވޭ ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފާއި އެކްޓަރު ވިކީ ކޯޝަލްގެ ކައިވެނީގެ ހަފުލާގެ ފުޓޭޖްގެ ރައިޓްސް ހޯދަން ސްޓްރީމިން ޕްލެޓްފޯމަކުން 100 ކްރޯޑް ރުޕީސް (13.28 މިލިއަން ޑޮލަރު) ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މާދަމާ އޮންނާނެ ކަމަށް ގަބޫލުކުރެވޭ ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފާއި އެކްޓަރު ވިކީ ކޯޝަލްގެ ކައިވެނީގެ ހަފުލާގެ ފުޓޭޖްގެ ރައިޓްސް ހޯދަން ސްޓްރީމިން ޕްލެޓްފޯމަކުން 100 ކްރޯޑް ރުޕީސް (13.28 މިލިއަން ޑޮލަރު) ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންލްވިލާ އިން ބުނި ގޮތުގައި ނަން ހާމަނުކުރާ ޕްލެޓްފޯމުން އެ ހުށަހެޅުން ލިބުނަސް ކެޓްރީނާ އާއި ވިކީ އަދި އެކަމާ ގޮތެއް ނުނިންމަ އެވެ. ބެލެވޭ ގޮތުން އެ މީހުންގެ ފުޓޭޖްގެ ރައިޓްސް އެއްވެސް ސްޓްރީމިން ޕްލެޓްފޯމަށް ދޫކޮށްލުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. ސަބަބަކީ ކެޓްރީނާ އަކީ އަބަދު ވެސް އޭނާގެ ޒާތީ ކަންކަން ވަރަށް ބޮޑަށް ފޮރުވަން މަސައްކަތްކުރާ ތަރިއަކަށް ވާތީ އެވެ. ވިކީއާ އޭނާ މާދަމާ ކައިވެނިކުރާ އިރު، ރަސްމީކޮށް އަދިވެސް އެކަން ކަށަވަރުކޮށް ދީފައެއް ވެސް ނުވެ އެވެ.

ކެޓްރީނާގެ ކައިވެންޏަށް ބޮޑު އެހާ ސަމާލު ކަމެއް ހުއްޓިފައިވާ ސަބަބުތަކުގެ ތެރޭގައި އޭނާ އަކީ ކުރިން ސަލްމާން ޚާނާއި ރަންބީރް ކަޕޫރާ ވެސް ރައްޓެހިވި ބަތަލާއަކަށްވުން ހިމެނެ އެވެ. ކައިވެނީގެ ހަފުލާގެ ފުޓޭޖްގެ ރައިޓްސް ސްޓްރީމިން ޕްލެޓްފޯމަށް ދޫކޮށްލުމުގެ ފުރުސަތު ނެތަސް ކެޓްރީނާ އާއި ވިކީގެ ކައިވެނީގެ ފޮޓޯތަކުގެ ރައިޓްސް މިހާރު އިންޓަނޭޝަނަލް މެގަޒިންއަކަށް ދީފައިވާ ކަމަށް ޕިންކްވިލާ އިން ބުންޏެވެ. އެކަމަކު އޭގެ ނަމެއް ހާމައެއް ނުކުރެ އެވެ.

މީގެ ކުރިން ކައިވެނި ހަފުލާގެ ފުޓޭޖް ހޯދަން ބޮޑު އަގެއް ލިބުނު ދެމަފިރިންނަކީ 2018 ގައި ކައިވެނިކުރި ދެ ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯން އެވެ. އެ މީހުން އިޓަލީގައި ބޭއްވި ޑެސްޓިނޭޝަން ވެޑިން ހަފުލާގެ ފުޓޭޖްގެ ރައިޓްސް އަށް ބޮޑު އަގެއް ހުށަހެޅުމުން އެކަން ގަބޫލުނުކޮށް ދޫކޮށްލާފައިވެ އެވެ.

ކެޓްރީނާ އާއި ވިކީގެ ކައިވެނީގެ ހަފުލާގެ ތައްޔާރީތައް ކުރިއަށްދާ އިރު ވަރަށް ކުލަގަދަކޮށް ރާޖަސްތާނުގައި ބާއްވާ ހަފުލާ އަށް ދެ ތަރިން ހޯމަ ދުވަހު ވަނީ އެތަނަށް ގޮސްފަ އެވެ. މީޑިއާތަކުން ބުނި ގޮތުގައި ހަފުލާ އަށް ރަސްމީކޮށް ދައުވަތު ދީފައި ވަނީ 120 ވަރަކަށް މީހުންނަށެވެ. އޭގެ ތެރޭގައި ގިނައީ ފިލްމު އިންޑަސްޓްރީގެ މީހުންނެވެ.

ސެކިއުރިޓީ ވަރަށް ވަރުގަދަކޮށް އަދި ހަފުލާ އަށް ދާ މީހުން އަމަލުކުރަން ހާއްސަ އުސޫލުތަކަކާ އެކު ކައިވެނީގެ ހަފުލާ ބާއްވަނީ ރާޖަސްތާންގެ ސިކްސް ސެންސެސް ބަރްވާރާ ފޯޓް ރިސޯޓްގަ އެވެ. ކައިވެނީގެ ހަފުލާ އޮންނަ ތަނަށް ވަންނަން ހާއްސަ ޕާސްކޯޑެއް ބޭނުން ކުރަން ޖެހެ އެވެ. އަދި ފޯނު ވެއްދުން ވެސް މަނާ ކަމަށް މީޑިއާތަކުން ބުނެ އެވެ.